މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ މާޒިޔާއާ ވާދަކޮށް 2-1 އިން ވެލެންސިއާ ބަލިވުމުން, ސެމީ ފައިނަލްގެ ފަހު ޖާގަ ކްލަބް އީގަލްސްއަށް ލިބިއްޖެ އެވެ.

އީގަލްސް ވަނީ އިއްޔެ ހަވީރު 5-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޖުމްލަ ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. ވެލެންސިއާ ބަލިވުމުން އެޓީމު ނިންމާލީ ހަ ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ހަތަރުވަނައިގައި ނިންމި ބުރު ސްޕޯޓްސް އަށް ތިން ޕޮއިންޓް ލިބުނު އިރު ގްރީން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

އީގަލްސް މޮޅުވުމުން ވެލެންސިޔާ އަށް ޕްރެޝަރު ބޮޑުވެއްޖެ

ގުރޫޕްގެ އެއްވަނަަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ, ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދި މާޒިޔާ އެވެ.

މާޒިޔާގެ އަނޫފް އަބްދުالله މެޗުގެ 19 ވަނަ މިނިޓުގައި ލީޑު ނަގައި ދިން އިރު ވެލެންސިއާ އެއްވަރު ކުރީ 35 ވަނަ މިނިޓުގައި އަހުމަދު ހަމްދާން އަޒްލީން ޖަހައިދިން ގޯލުންނެވެ. މާޒިޔާ މޮޅުވި ލަނޑު 81 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ހަމީސް އަރީފް އެވެ.

ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. އެންމެ ފަހުގެ ރަނަރަޕް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) ކަޓުވާލުމަށް ފަހު ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ހޮވުނީ އޮޑި ސްޕޯޓްސް ކްލަބެވެ.

ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ ބުދަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ކުޅޭނީ މާޒިޔާ އާއި އޮޑި ސްޕޯޓްސް އެވެ. އަދި ރޭގަނޑު މެޗުގައި ބައްދަލުކުރާނި ޓީސީ އާއި އީގަލްސް އެވެ.

Leave a Comment