މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ކްލަބް އީގަލްސް ފަހު ވަގުތު 1-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް, ސެމީ ފައިނަލްގެ އުންމީދެއް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އީގަލްސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކެޕްޓަން އަބްދުالله ޒުހާން މުހައްމަދެވެ. އޭނާ ވަނީ އަޝްހަމް އިބްރާޙިމް މުހައްމަދު ހުސްކޮށްލާފައި ދިން ބޯޅަ, ޑިފެންޑަރު ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލައިފަ އެވެ.

މެޗު ނިމެނިކޮށް ވެލެންސިއާ އަށް ލިބުނު ކޯނަރަކުން ހަސަން ހައިޝަމް ހާމިދު ބޮލުން ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ވަނީ ދިފާއު ކޮށްފަ އެވެ. ޒަހުރާން ވަނީ ދެވަނަ ހާފުގައި ވެލެންސިއާގެ ކެޕްޓަން ލަހުފާން އަހުމަދު ޝަހީމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދިފާއު ކޮށްފަ އެވެ.

ފަސް ޓީމު ހިމެނޭ ގުރޫޕް އޭގައި އީގަލްސް ވަނީ ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން މާޒިޔާ އަތުން ބަލިވެފަ އެވެ. ނަމަވެސް ދެވަނަ މެޗުގައި ވަނީ ބުރު ސްޕޯޓްސްއާ ވާދަކޮށް 4-1 އިން މޮޅުވެފަ އެވެ.

ފުރަތަމަ ދެ މެޗުން ބަލިވި ބުރު ސްޕޯޓްސް ވަނީ އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބުކޮށް, މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބުރުގެ އައްފާން ބިން އަހުމަދު ވަނީ ހެޓްރިކް ހަދައިފަ އެވެ. އެގޮތުން 15 ވަނަ މިނިޓުގައި އަޒުހަދު މުހައްމަދު ޒާހިދު ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ފުރަތަމަ ލަނޑު ޖެހި އިރު 30 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހީ މުހައްމަދު ރައްޔާން ބިން އަބްދުالله އާމިރު ދިން ޕާހަކުންނެވެ. އަދި 42 ވަނަ މިނިޓުގައި ހެޓްރިކް ފުރިހަމަ ކުރީ އޭނާއަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުންނެވެ. އޭނާގެ ޕެނަލްޓީ ގޯލަށް ވަނީ ގްރީންގެ ކީޕަރު ޔަނާލް މުނީޒް އަތުގައި ޖައްސައިފަ އެވެ. ޔަނާލް ވަނީ މެޗުގެ ހަތްވަނަ މިނިޓުގައި ބުރުގެ ރައްޔާން ފޮނުވާލި ޕެނަލްޓީއެއް މަތަކޮށްފަ އެވެ. މިއީ ރައްޔާނަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައި އައްފާން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ބުރުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ އަޒުހަދެވެ.ގްރީން އަށް ސުން ކަނޑުވައިދިނީ 71 ވަނަ މިނިޓުގައި އަހުމަދު ނާއިޝް އަމީން އެވެ. އޭނާ މި ލަނޑު ޖެހީ ގްރީންގެ މައީޝް މުހައްމަދު ރަޝީދު ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ނަގައިދިން ބޯޅައަކުންނެވެ.

މި ގުރޫޕްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ މާޒިޔާ އެވެ. އީގަލްސް އިން ތިން މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު, ވެލެންސިއާ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ބުރު ތިން ޕޮއިންޓް ހޯދާފައި ވަނީ ތިން މެޗު ކުޅެގެންނެވެ. ގްރީން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ގުރޫޕް ސްޓޭޖުގައި, ގުރޫޕް އޭގެ ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅުމަށް ފަހު, އެންމެ ރަނގަޅު ދެ ޓީމެއް ސެމީ ފައިނަލަށް ހޮވޭނެ އެވެ. ގުރޫޕް ބީގައި ހިމެނެނީ ވިކްޓަރީ އާއި އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން, އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް އާއި ރަނަރަޕް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މުބާރާތުގައި މާދަމާ ހަވީރު, ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާނެ އެވެ. އަދި ރޭގަނޑު ކުޅޭނީ މާޒިޔާ އާއި ބުރު ސްޕޯޓްސް އެވެ.

Leave a Comment