މިއަހަރުގެ ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ފިރިހެން ޗެމްޕިއަންކަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އަދި އަންހެން ޗެމްޕިއަންކަން އައިމިނަތު އަރީޝާ އާއި ފާތިމަތު ޒީނިއާގެ ޕެއާ ހޯދައިފި އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހުޅުމާލޭ ރެޑްބުލް ކޯޓުގައި ކުރިއަށް ގެންދިޔަ ލީގުގެ ފިރިހެން ޑިވިޝަންގައި ނުވަ ޕެއާ އަދި އަންހެން ޑިވިޝަންގައި ހަ ޕެއާ ވާދަކޮށްފައިވެ އެވެ.
މިއީ ސާޖިދާއި އެޑަމް ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މިފަހަރުވެސް ދެވަނަ ހޯދީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އެވެ. ތިންވަނަ ހޯދީ އަދުނާން އާއި ޝިމާލްގެ ޕެއާ އެވެ.
އަންހެން ޗެމްޕިއަންކަން އަރީޝާ އާއި ޒީނިއާގެ ޕެއާ މިފަހަރު ވެސް ހޯދީ ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ ފަހަތަށް ޖައްސާލައިފަ އެވެ. އަރީޝާ ވަނީ 2023 ވަނަ އަހަރު މާޖިދާއާ އެކު ތަށި އުފުލާލައިފަ އެވެ.
އަންހެން ބައިން ތިންވަނަ ހޯދީ އަނާލް އާއި ޝަމްހާ އެވެ. މިދިޔަ އަހަރު ތިންވަނަ ހޯދި ޕެއާގައި ވެސް އަނާލް ހިމެނުނެވެ. އެފަހަރު ވާދަކުރީ އަލްޔާއާ އެކު އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން 2023 ވަނަ އަހަރު މި މުބާރާތް ފެށީ މޯލްޑިވްސް ބީޗް ވޮލީބޯލް ޗެލެންޖްގެ ނަމުގަ އެވެ.