މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަން ސާފް އިން ނިންމައިފި އެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ކުރިއަށް ގެންދަން އިއްޔެ ފާސް ކުރި އިރު, ޖޫން 15 ވަނަ ދުވަހު ފަށާ މުބާރާތް, ޖުލައި 25 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މި ފޯމެޓާ އެކު ކޮންމެ ޓީމެއް ވެސް ތިން ހޯމް މެޗާއި ތިން އަވޭ މެޗު ކުޅޭ ގޮތަށް ރޭވިފައި ވާއިރު, އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ނިއުޓްރަލް ދަނޑެއްގަ އެވެ.

މީގެ ކުރިން އެއް އަހަރު ފިޔަވައި މުޅިން ވެސް މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލައިޒްޑް ކޮށް އެއް ގައުމެއްގަ އެވެ. ދެހާސް އަށްވަނަ އަހަރު ބޭއްވީ ރާއްޖެއާއި ސްރީލަންކާ ގުޅިގެންނެވެ. މިއަހަރު ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ބޭއްވިއްޖެ ނަމަ ކޮނެމް ގައުމަކަށް ވެސް އެގައުމެއްގައި މުބާރާތުގެ މެޗުތައް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ސާފްގެ އެގްޒެކެޓިވް ބައްދަލުވުމުގައި ވަނީ މުޅިން އަލަށް 23 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އަންހެނުންގެ ކްލަބް ޗެމްޕިއަންޝިޕް ވެސް މިއަހަރު ފެށުމަށް ނިންމައިފަ އެވެ.

އަންހެން ކްލަބް ޗެމްޕިއަންޝިޕްގައި އަށް ކްލަބް ބައިވެރި ކުރަން ނިންމާފައި ވާއިރު, ސާފްގެ ހުރިހާ ގައުމެއްގައި އަންހެން ކްލަބް ފުޓްބޯޅަ ނެތުމާ ގުޅިގެން, ކޮންމެ ގައުމަކުން ބައިވެރި ކުރެވޭނެ ކްލަބްގެ އަދަދު ކަނޑައަޅާނީ ފީފާ ރޭންކިންއަށް ބަލައިގެންނެވެ. ސެންޓްރަލައިޒްޑް ކޮށް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 6-19 އަށެވެ.

ސާފް އިން އަންނީ, އަންނަ އަހަރު ފިރިހެނުންގެ ކްލަބް ޗެމްޕިއަންޝިޕް ވެސް ބާއްވަނަް މަސައްކަތް ކުރަމުންނެވެ. މި މުބާރާތް ވެސް ބާއްވަން މަސައްކަތް ކުރަނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ.

މިއަހަރު ސާފް އިން ބާއްވާ އިތުރު މުބާރާތްތަކަށް ބަލައިލާއިރު, 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މެއި މަހުގެ 8-18 އަށް ކުރިއަށް ގެންދިޔުމަށް ފަހު، އޮކްޓޯބަރު 17-27 އަށް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް  ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 20 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ޖުލައި 11-21 އަށް ކުރިއަށްދާއިރު، 17 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް އޮންނާނީ ސެޕްޓެމްބަރު 14-24 އަށެވެ.

Leave a Comment