މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި ކުޅެމުންދާ އޭދަފުށި ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހައިޝަމް ހަސަން އަދި ހަމްޒާ މުހައްމަދުގެ  ރިލީޒް ހޯދަން އޭދަފުށީ ކައުންސިލުން އެދުމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްއޭޝަން އިން ރިލީޒް ދިނުމަށް އިންކާރު ކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ފޮނުއްވި ސިޓީއަކަށް ޖަވާބު ދެއްވަމުން މާޒިޔާ އެސް.އާރު ވަނީ މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި އެ ކްލަބުގެ ކުޅުންތެރިންނަށް ރަށްތައް ތަމްސީލު ކުރުން މަނާކުރަން ނިންމި ނިންމުން ތަކުރާރުކޮށްފަ އެވެ.

“އަދި ރަށު ކައުންސިލް ފަދަ ރަސްމީ އިދާރައެއްގެ ހަވާލުގައި ނުކުންނަ ޓީމެއްގައި ކްލަބުގެ ކޮންޓްރެކްޓެއްގައި ހުރި އަދި ގައުމީ ފެންވަރުގެ ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު އަދި ހައިޝަމް ހަސަން ރަޖިސްޓްރީކުރިއިރު، އެ ކުޅުންތެރިންނާއެކު ކޮންޓްރެކްޓް ހަދާފައިވާ ކުލަބުގެ ހުއްދައެއް ނުހޯދުމަކީ މި ކުލަބުން ހިތާމަކުރާ ކަމެއްކަމުގައެވެ.”  އޭދަފުށީ ކައުންސިލަށް ފޮނުއްވި ސިޓީގައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ލިޔުއްވާފައި ވެއެވެ.

“މީގެ ކުރިން އޮފް ސީޒަންގައި އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުގައި ކުޅުމަށް މި ކްލަބުގެ ކުޅުންތެރިންނަށް ވާނީ ފުރުސަތު ދީފައި” އެ ކްލަބުން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ. މީގެ އިތުރުން ބުނެފައިވަނީ ” ދިވެހި ފުޓުބޯޅަ ސީޒަން ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާތީ މި ކުލަބުން 27 ނޮވެންބަރު 2024 ވަނަ ދުވަހު ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ވަނީ ނިންމާފައެވެ.”

އަދި އެހެން ކުޅުންތެރިން ނޫން ދެ ކުޅުންތެރިއަކު ދޫކޮށްލުމަކީ ކްލަބްގެ މަސްލަހަތާއ ހަމަހަމަކަން ގެއްލޭނެ ކަމެއް ކަމަށް އެ ކްލަބުގެ ސިޓީގައި ބުނެފައިވެ އެވެ. އަދި ފީފާ އާއި އޭއެފްސީގެ ގައިޑްލ މިންގަނޑަށް ހަދާފައިވާ ކޮންޓްރެކްޓާ އެއްގޮތަށް ކުލަބުގެ ކުޅުންތެރިއެއް ފުޓުބޯޅަ ނުވަތަ އެހެން ކުޅިވަރެއްގައި ބައިވެރިވެވޭނީ އެ ކްލަބުގެ ލިޔުމުން ހުއްދަ ހޯދައިގެންކަން އެ ކްލަބުން ފާހަގަކުރި އެވެ.

ހަމްޒާ މުހައްމަދާއި ހައިޝަމް ހަސަން އަކީ އޭދަފުއްޓާއި މާޒިޔާގެ މުހިންމު ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

އެ ސިޓީގައި ވާގޮތުން މިއަދަކީ މާޒިޔާގެ ޕްރެކްޓިސްތައް ފަށާ ދުވަހެވެ.

މިއަދަކީ ގޯލްޑް ކަޕްގައި އޭދަފުށިން ތިމަރަފުއްޓާ ދެކޮޅަށް ކުޅޭ ދުވަސް ވެސް މެއެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ބ. އަތޮޅުގެ އޭދަފުށި ފުރަތަމަ މެޗުން މޮޅުވީ އަވަށްޓެރި ތުޅާދޫއާ ވާދަކޮށެވެ.

ހައިޝަމް އާއި ހަމްޒާ ދޫކޮށްލުމަށް އެދުމުގެ އިތުރުން އެ ރަށުން ވަނީ ނިޝާމް މުހައްމަދުގެ ރިލީޒްއަށްވެސް ކްލަބް އީގަލްސްގައި ވެސް އެދިފަ އެވެ.

މާޒިޔާ ސްޕޯޓްަސް އެންޑް ރެކްރިއޭޝަން ކްލަބަކީ އޮފް ސީޒަނުގައި ވެސް ކުޅުންތެރިންނަށް މުސާރަ ދޭ ހަމައެކަނި ކުލަބެވެ.

Leave a Comment