އިއްޔެގެ މިކްސް ޑަބަލްސް ފައިނަލުގައި ޒަޔާން ޒަކީއާ އެކު ނަބާހާ ރިހި މެޑަލް ހޯދީ ދެކުނު އެފްރިކާގެ ޕެއާ އަތުން 21-23، 18-21 އިން ބަލިވެގެންނެވެ.
ފައިނަލް މެޗުގެ ދެސެޓުވެސް ޒަޔާން އަދި ނަބާހާގެ ޕެއާ އަތުން ދޫވީ ވަރަށްވެސް ކައިރި ނަތީޖާތަކުންނެވެ. ރިވައިވަލްގެ މިކްސް ޑަބަލްސް ޕެއާ މިވަގުތު އޮތީ ދުނިޔޭގެ 161 ވަނާގައެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދި ޕެއާކަމަށްވާ އަޒަރުބައިޖާނުގެ އާގިލް ގަބިލޮވް އަދި އީރާ މަފްތޫހާ އަކީ ދުނިޔޭގެ 175 ވަނަ ޕެއާ އެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ނިބާލް-ނަބީހާ ގެ ޕެއާވެސް ބަލިކުރީ އަޒަރުބައިޖާނުގެ މި ޕެއާއިންނެވެ.
ނަބާހާ އަދި ޒަޔާންގެ ޕެއާ ވަނީ މި މަހުގެ މެދުތެރެއިން ޒެމްބިއާގައި ކުރިއަށް ދިޔަ މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
މީގެ އިތުރުން، ބޮޓްސްވާނާގައި ކުރިއަށްދިޔަ ފިރިހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ޖާގަ ހޯދައި ބްރޯންޒް މެޑަލް ވެސް ވަނީ ހޯދައިފި އެވެ. އަދި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ އަންހެން ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އިއްޔެގެ ސިންގަލްސް ފައިނަލުގައި ނަބާހާ ކުރިމަތިލާން ޖެހުނީ ނަބީހާ އާއެވެ. ފައިނަލް މެޗު ސީދާ ދެސެޓުން ކާމިޔާބުކުރި ކަމުގައިވިޔަސް، ކޮއްކޮ ނަބީހާ ވަނީ ދެސެޓުގައިވެސް ވާދަވެރި ކުޅުމެއް ދައްކައި ނަތީޖާ ފަރަގު ކުޑަކޮށްފައެވެ.
ރިވައިވަލް އެސްސީއިން ވަނީ ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުން ފަސް މެޑަލް ހޯދާފައެވެ. ޒެމްބިއާގައި ހޯދި ތިން މެޑަލާއެކު ރިވައިވަލް އެސްސީ ޓީމު އެނބުރި ރާއްޖެ އަންނާނީ އެފްރިކާއަށް ކުރި ދަތުރުން ޖުމްލަ އަށް މެޑަލް ހޯދައިގެންނެވެ. ފާތިމަތު ނަބާހާ ވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ބައިން ޖުމްލަ ހަ މެޑަލް ހޯދާފައެވެ.