ޒަމްބިޔާގައި ކުރިޔަށްދިޔަ ބައިނަލްއަގުވާމީ ބެޑުމިންޓަން މުބާރާތަކުން ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާ، ވުމަންސް ޑަބަލްސްގެ ރަން މެޑަލް ކާމިޔާބު ކޮށްފި އެވެ.
މިއަދު ކުޅުނު ފައިނަލް މެޗުން ލަންކާގެ ދެ ކުޅުންތެރިން ބަލިކޮށް ނަބާހާ އަދި ނަބީހާ މޮޅު ވެފައި ވަނީ ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. ނަތީޖާ އަކީ: 21-16 އަދި 21- 19 އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް އަދި ސެމީފައިނަލްތައް ވެސް ކުޅެފައިވަނީ ހޮނިހިރު ދުވަހު އެވެ. މިގޮތުން، އަންހެން ޑަބަލްސް ކުއާޓާގައި ނަބާ-ނަބީ ވަނީ އަޒަރުބައިޖާނު ގެ ޓީމެއް ބަލިކޮށްފައެވެ. ފުރަތަމަ ސެޓުން ބަލިވިނަމަވެސް، ފަހު ދެސެޓު ކާމިޔާބުކޮށް ސެމީ ފައިނަލަާށް ދަތުރުކުރީ 14-21 ، 21-15 ، 21-19 ގެ ނަތީޖާ އިންނެވެ.
ރޭގައި ކުޅުނު އަންހެން ޑަބަލްސް ސެމީފައިނަލްގައި ޒަމްބިޔާގެ ޕެއާ އަކާއި ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް، ރިވައިވަލްސްގެ ޕެއާ ދެސެޓުވެސް ކާމިޔާބު ކުރީ ފަސޭހަކަމާ އެކު އެވެ. އެއީ 4-21 އަދި 6-21 އެވެ.
މިއީ 2019ގެ ފަހުން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ބަލައިގަންނަ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ ޓީމަކަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. އެ އަހަރު ޕާކިސްތާނުގައި ކުޅުނު މުބާރާތުންވެސް ނަބާ އަދި ނަބީ ވަނީ އަންހެން ޑަބަލްސް ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން ނަބާހާ ވަނީ ޒަޔާން ޒަކީ އާއެކު މިކްސް ޑަބަލްސްގެ ރަން މެޑަލްވެސް އެ މުބާރާތުގައި ހޯދާފައެވެ.
ޒަމްބިޔާގައި މި ނިމުނު ހަފްތާގައި ކުރިޔަށްދިޔަ މުބާރާތުން، އަންހެން ޑަބަލްސްގެ އިތުރުން ފާތިމަތު ނަބާހާ ވަނީ އިތުރު ދެ މެޑަލް ހޯދާފަ އެވެ. އެއީ ސިންގަލްސް އަންހެން ބައިން ލޯ މެޑަލް، އަދި މިކްސް ޑަބަލްސް ބައިން ޒަޔާން ޒަކީ އާ އެކުގައި ވާދަކޮށް ހޯދި ލޯ މެޑަލް އެވެ.
ރިވައިވަލް ކުޅުންތެރިން ވަނީ އިއްޔެ ކުރިޔަށްދިޔަ މެޗުތަކުން އެކި ޑިވިޝަން ތަކުގައި ޖުމްލަ 6 ކުއާޓާ ފައިނަލް މެޗު ކުޅެފައެވެ.
ޒަމްބިޔާ އިންޓަނޭޝަނަލް އަކީ ރިވައިވަލް ސްޕޯޓްސް އިން އެފްރިކާއަށް ކުރި ދަތުރުގައި ކުޅެން ހަމަޖެހިފައިވާ ދެ މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތެވެ. މި ހަފްތާ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާ އަނެއް މުބާރާތަށް ޓީމު ދެން ދަތުރު ކުރާނީ ބޮޓްސުވާނާ އަށެވެ.