އެކުވެރި ކަމުގެ ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކޮށް 2-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
ބަޝަންދުރަ ކިންގްސް އެރީނާ ކުޅުނު މި މެޗަށް ރާއްޖޭން ނުކުތީ ބަދަލަކާ އެކުއެވެ. އެއީ ހަމްޒާ މުހައްމަދު (ހަމްޕު) ގެ ބަދަލުގައި އަހުމަދު ރިޒްވާން (ރިޒޭ) ހިމަނައިގެންނެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. ހަސަން ނާއިޒު (ދާދު) ދިން ބޯޅަ އަކުން މި ގޯލު ޖެހީ ފުރަތަމަ މެޗުގައި ވެސް ރާއްޖެއަށް ގޯލް ޖަހައިދިން އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 23 ވަނަ މިނިޓުގައި މި ގޯލް ޖެހީ ދާދު ދިން ރީތި ޕާހެއްގައި ކުޑަ އޭރިއާ މަތިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ރާއްޖޭގެ ގޯލާއެކު ބަންގްލަދޭޝް އިން ވަނީ ކުޅުން ރަނގަޅުކޮށް, ފުރަތަމަ ހާފު ނިމުމުގެ ކުރިން, މެޗުގެ 43 ވަނަ މިނިޓުގައި އޭރިއާ ބޭރުން މުޖީބުއްރަހްމާން ޖޯނީ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ނަތީޖާ އެއްވަރު ކޮށްފަ އެވެ.
މި މެޗުން ބަންގްލަދޭޝް މޮޅުވި ގޯލް ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ހަތަރުވަނަ މިނިޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕަޕޮން ސިންގް އެވެ.
ފަހު ހާފުގައި ސެންޓޭ އާއި ރިޒޭ އަށް ވެސް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބި، ވަނީ ނާކާމިޔާބު ވެފަ އެވެ.
ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވަނީ މެޗުގެ ފަހު ފަސް މިނިޓުގައި، އުމުރުން 19 އަހަރުގެ އުންމީދީ ވިންގާ، އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) ކުޅެން ނެރެފަ އެވެ. މިއީ އޭނާ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
ރާއްޖޭން ވަނީ ބުދަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ.