ގައުމީ ބަނޑުފިލާ ޗެލެންޖްގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން އުމުރުން 16 އަހަރުގެ އިޔާން އަހްމަދު ހޯދައިފިއެވެ.

އިޔާން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ލީގު ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ގެ މައްޗަށް 2.5 ޕޮއިންޓުގެ ތަފާތަކުންނެވެ. އޭނާ ވަނީ ތިންވަނަ ރާޅުގައި 4.83 އަދި ފަސްވަނަ ރާޅުގައި 5.50 ޕޮއިންޓް ހޯދައިގެން ޖުމްލަ 12.33 ޕޮއިންޓް ހޯދައިފަ އެވެ.ޖާއްޓޭގެ ދެވަނަ ރާޅުގައި 4.0 ސްކޯކުރިއިރު ތިންވަނަ ރާޅުގައި ހޯދި 3.83  އާއެކު ޖުމްލަ 7.83 ޕޮއިންޓް ހޯދި އެވެ.

އިޔާން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ހީޓްގައި ޖޫނިއާ ގައުމީ ޗެމްޕިއަން އާމިން އުމަރު މޫސާ އާ ވާދަކޮށް މޮޅުވެގެންނެވެ. ހީޓުގެ ފުރަތަމަ އަދި ތިންވަނަ ރާޅުގައި ދެމީހުންގެ އެންމެ ރަނގަޅު ރާޅުތައް އެޅި ނަމަވެސް, ކޮންމެ ރާޅެއްގައި ވެސް އާމިންގެ މައްޗަށް ނަތީޖާ ނެރުމުގައި އިޔާންއަށް ކުޑަ ކުރިއެރުމެއް ލިބުނެވެ. މީގެ އިތުރުން އިޔާން ސެމީ ފައިނަލުގައި ފުރަތަމަ އެޅި ރާޅުގައި ވަނީ 7.17 ޕޮއިންޓް ހޯދާފައެވެ. މިއީ މުޅި ފައިނަލް އޮތް ދުވަހުއެތުލީޓަކު ރާޅަކަށް ހޯދި އެންމެ ބޮޑު ސްކޯ އެވެ.

ކުއާޓާ ފައިނަލުގައި އިޔާން ވަނީ އަސްވާން މުހައްމަދު ބަލިކޮށްފައެވެ. ރަނަރަޕް ޖާވިދު ސެމީފައިނަލުގައި އަޝްރަފް ހަސަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި އަހަރަކީ ގައުމީ ބޮޑީބޯޑިން ލީގުގައި އިޔާން ބައިވެރިވި ތިން ވަނަ އަހަރެވެ. އެގޮތުން ބަނޑުފިލާ އިވެންޓުގައި 2022 ވަނަ އަހަރުގައި އޭރު އުމުރުން 14 އަހަރުގެ އިޔާން ވަނީ 13 ވަނަ ހޯދާފައެވެ. 2023 ވަނަ އޭނާ ވަނީ 9 ވަނައަށް ޖެހިލައިފަ އެވެ. އަދި މިހާރު އެއީ، ގައުމީ ބަނޑުފިލާ ޗެލެންޖުގެ އެއްވަނައެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖްގެ ފިރިހެން އޯޕަންގެ ކުއާޓާފައިނަލް ހީޓާއި، ޑްރޮޕް-ނީ، ޖޫނިއާ ފިރިހެން އަދި މާސްޓާސް ޑިވިޝަންގެ ސެމީ ފައިނަލާއި ފައިނަލް މެޗުތައް ކުރިއަށް ގެންދިޔައީ އިއްޔެ އެވެ.

ޖޫނިއާ ފިރިހެން ޑިވިޝަންގެ ފައިނަލްގައި އީޔާން ވާދަ ކުރި ނަމަވެސް ޖޫނިއާ ޗެމްޕިއަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ. ޑްރޮޕް-ނީގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދި އިރު، މާސްޓާސް ބައިން ޗެމްޕިއަންކަން ހޯދީ އިބްރާހީމް ޝިމާން އެވެ.

މިއަހަރު ވެސް ގައުމީ ބޮޑީބޯޑިން ލީގުގެ އޯޕަން ބައިގެ ޗެމްޕިއަނަކީ ޖާއްޓެ އެވެ. އަދި ޖޫނިއާ ލީގު ޗެމްޕިއަނަކީ އަޒާން އެވެ.

 

 

Leave a Comment