ތައިލެންޑުގެ ބެންކޮކުގައި ކުރިއަށް ދިޔަ ތައި އެމެޗުއާ އެސޯސިއޭޝަން އޮފް ޕަވާލިފްޓިންގެ ގައުމީ ކޮލިފައިން މުބާރާތުން ރާއްޖޭގެ ފަސް އެތުލީޓަކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.

ސްކޮޓް، ބެންޗު، އަދި ޑެޑްލިފްޓް ހިމެނޭ މި މުބާރާތުގައި, ރާއްޖެ ތަމްސީލު ކުރީ ޟަމްސާ ހުސެއިން މުހައްމަދާއި، އާދަމް މިބްސާމް ސަލީމާއި، މީކާއިލް އިބްރާހީމް ޝަރީފާއި، އިމްކާން އިބްރާހިމް އަދި، ހުސެއިން ޒައިދާން ޖަލީލް އެވެ. މި ފަސް އެތުލީޓުން ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ ޓާޕްގެ ގައުމީ މުބާރާތުން ޖާގަ އެއް ހޯދާފައެވެ.

ރާއްޖޭން އެންމެ ބޮޑު ކާމިޔާބެއް ހޯދި ޟަމްސާ ވަނީ 69 ކިލޯގެ އޯޕަން ކެޓަގަރީން ޖުމްލަ 357.5 ކިލޯ އުފުލާ އެ ކެޓަގަރީން އެއްވަނަ ހާސިލްކޮށް އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވާން އޮންނަ ވަރަށް ބަރު އުފުލާފައެވެ. މީގެ އިތުރުން މިބްސާމް ވަނީ 66 ކިލޯގެ ޖޫނިއަރ ކެޓަގަރީގައި ޖުމްލަ 540 ކިލޯ އުފުލައި އެ ކެޓެގަރީން އެއްވަނަ ހޯދާ, އޭޝިއަން ޗެމްޕިއަންޝިޕާއި، ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާން އުފުލަންޖެހޭ ވަރަށް ބަރު އުފުލައިފައެވެ. އޭގެ އިތުރުން އިމްކާން ވެސް ވަނީ މި ކެޓަގަރީން އެއްވަނަ ހޯދާ, 74 ކިލޯ ޖޫނިއާ ކެޓަގަރީން ވެސް ޖުމްލަ 500 ކިލޯ އުފުލައިގެން ތިން ވަނަ ވެސް ހޯދާފައެވެ.

ހަމައެހެންމެ, 66 ކިލޯ އޯޕަން ކެޓަގަރީގައި ވާދަކޮށް ޖުމްލަ 480 ކިލޯ އުފުލައިގެން މީކާއިލް ދެ ވަނަ ހޯދިއިރު, ޒައިދާން ވަނީ 93 ކިލޯ އޯޕަން ކެޓަގަރީގައި 597.5 ކިލޯ އުފުލައިގެން އެ ކެޓަގަރީން ހަތަރު ވަނަ ހޯދާފައެވެ. މިބްސާމް އާއި މީކާއިލް އާއި އިމްކާން އާއި ޒައިދާން ވެސް އޭޝިއަން ޗެމްޕިއަންޝިޕާއި، ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.

ރާއްޖޭގެ 5 އެތުލީޓަކު މި މުބާރާތުގައި ވަނަތައް ހާސިލްކުރިއިރު, މީގެ ކުރިން ބޭއްވުނު އެކި މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ބައިވެރިވެ, އިންޓަނޭޝަނަލް ޕަވާލިފްޓިން އެސޯސިއޭޝަން ގަބޫލުކުރާ މުބާރާތުގައި ނުވަ އެތުލީޓަކު ވަނީ ވަނަ ވެސް ހޯދައިފަ އެވެ.

Leave a Comment