އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ބަންގްލަދޭޝްއަށް ފުރައިފި އެވެ.

ބަންގްލަދޭޝްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭން ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 އަދި 16 ވަނަ ދުވަހު އެވެ.

ހެޑް ކޯޗު އަލީ ސުޒޭން އާއި  އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު (ޝަކިއްޓޭ) އަދި ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) ގެ ބެލުމުގެ ދަށުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފާއިތުވި ހަފްތާއެއްހާ ދުވަހު ކުރިއަށް ގެންދިޔަ އެވެ.

ކޯޗު ސުޒޭން ވަނީ މިފަހަރު ސީނިއާ ސްކޮޑުން މުޅިން އަލަށް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. އެގޮތުން 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ މުޒްދާން ހަސަން އާއި އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) އަދި ގޯލްކީޕަރު މުހައްމަދު ޔާމީން ވަނީ ސީނިއާ ޓީމުގައި ހިމަނައިފަ އެވެ. މީގެ އިތުރުން ޓީސީ ސްޕޯޓްްސް ކްލަބަށް ކުޅޭ މިޑްފީލްޑަރު ހައިސަމް ރަޝީދާއި އަހުމަދު މާއިޝް ރަޝީދު ވެސް މިފަހަރުގެ ސްކޮޑޫން ވަނީ ފުރުސަތު ހޯދައިފަ އެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ދިވެހި ގައުމީ ޓީމު މެޗަކަށް ތައްޔާރު ވެފައި ވާއިރު، އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. ޕްލޭއޮފްގައި ބަންގްލަދޭޝް އަތުން ބަލިވީ ފަހުން ސީނިއާ ޓީމު އަދި މެޗެއް ނުކުޅެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ދިވެހި ޕްރިމިއާ ލީގު ނިންމާލި ފަހުން އާ ސީޒަން އަދި ވެސް ފެށިފައެއް ނުވެ އެވެ.

ގައުމީ ޓީމުގައި ހިމެނޭ 14 ކުޅުންތެރިން ކުޅޭ މާޒިޔާ ސްޕޯޓްސް ކްލަބް ވަނީ މިދިޔަ މަހު އޮތް އޭއެފްސީ ޗެލެންޖް ލީގުގައި ވާދަ ކޮށްފަ އެވެ. މިފަހަރު ގައުމީ ސްކޮޑުން އަލަށް ފުރުސަތު ހޯދި ލޫތު ވަނީ ޗެލެންޖް ލީގުގައި މާޒިޔާ ސްކޮޑުގައި ހިމެނިގެން ކުޅެފަ އެވެ.

ރާއްޖެ މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 163 ވަނައިގަ އެވެ. އަދި ބަންގްލަދޭޝް އޮތީ 185 ވަނައިގައެވެ. ނަމަވެސް އެންމެ ފަހުން ދެ ގައުމު ބައްދަލުކުރި ތިން މެޗުން ވެސް ރާއްޖެ މޮޅު ވެފައެއް ނުވެ އެވެ. އޭގެ ތެރޭން ދެ މެޗުން ވަނީ ބަލިވެފަ އެވެ.

Leave a Comment