ހަންގޭރީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކަކުން ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

އާން ހަ ރެކޯޑެއް އާކުރި އިރު ހަމްނާ ވަނީ ތިން ރެކޯޑް އާކޮށްފަ އެވެ.

ހަމްނާ ދެ ރެކޯޑްތައް ހަދާފައި ވަނީ މިދިޔަ ހަފްތާ ހަންގޭރީގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގެ 50 މީޓަރު ބްރެސްޓް ސްޓްރޯކާއި 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގަ އެވެ.

ހަމްނާ 100 މީޓަރުގެ ރެކޯޑް މުގުރާލީ 01:23.76 އިން ފުރިހަމަޮށްގެންނެވެ. މި ރެކޯޑް ކުރިން އޮންނަނީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 01:23.81 އިން ރޭސް ފުރިހަމަކުރި އައިޝަތު ސާޖިނާ އަތުގަ އެވެ. އޭނާ ވަނީ އިއްޔެ ނިމުނު ހަންގޭރީގެ 20 ވަނަ ޝޯޓްކޯސް ގައުމީ ޗެމްޕިއަންޝިޕްގައި 01:22.65 އިން ރޭސް ނިންމައިގެން ރެކޯޑް އާކޮށްފަ އެވެ.

ހަމް 50 މީޓަރު ރެކޯޑް އާކުރީ 00.37.13 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން ހަމްނާ އާކުރީ މިދިޔަ އަހަރު ހަންގޭރީގައި ބޭއްވުނު އެގައުމުގެ ޝޯޓްކޯސް ގައުމީ މުބާރާތުގައި 00.37.88 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ހަމަ އެއާ އެކު ހަންގޭރީގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގެ 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ރެކޯޑް ވެސް ހަމްނާ ވަނީ މުގުރާލައިފަ އެވެ. ހަމްނާ ރެކޯޑް މުގުރާލާފައިވަނީ 03:00.53 އިން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑް އޮންނަނީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 03:08.91 އިން ރޭސް ފުރިހަމަކުރި އައިޝަތު ސާޖިނާ އަތުގަ އެވެ.

މިއަހަރު އޮތް އޮލިމްޕިކްސްގައި ވެސް ވާދަކުރި އާން ވަނީ، މިދިޔަ މަހު ހަންގޭރީގައި ކުރިއަށް ދިޔަ ދެވަނަ ޝޯޓް ޓްރެކް ބުޑަ ކަޕްގައި 00:24.29 އިން ރޭސް ނިންމައިގެން، ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. މި އިވެންޓްގެ ރެކޯޑް މީގެ ކުރިން އޭނާ އާކޮށްފައި ވަނީ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި 00:25.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ. ބުޑަ ކަޕްގައި ހެދި އާ ކުރި ރެކޯޑް އާން ވަނީ މިހާރު ކުރިއަށްދާ ހަންގޭރީގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި 00.23.79 އިން ރޭސް ނިންމައިގެން އާކޮށްފަ އެވެ.

ބުޑަ ކަޕްގައި އާން ވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި ނިޝްވާން އިބްރާހީމް 00:56.25 އިން ރޭސް ފުރިހަމަ ކޮށްގެން ހެދި 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑް މުގުރާލައިފަ އެވެ. އާން މި ރެކޯޑް މުގުރާލީ 00:54.89 އިންނެވެ. އާން ވަނީ ހަންގޭރީގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި 00:53.45 އިން ރޭސް ފުރިހަމަ ކޮށްގެން މި ރެކޯޑް ވެސް އާކޮށްފަ އެވެ.

މީގެ އިތުރުން އާން ވަނީ ހަންގޭރީގެ ގައުމީ ޗެމްޕިއަންޝިޕްސްގައި 00:28.22 އިން ފަތައިގެން 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. މި ރެކޯޑް ކުރިން އޮންނަނީ މިއަހަރު ބޭއްވި އޭއޯއެސްއައި ޝޯޓްކޯސް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި 00:29.06 ސިކުންތުން ފެތި މުޙައްމަދު ރިހާން ޝިހާމް އަތުގަ އެވެ.

ހަންގޭރީގެ ގައުމީ ޗެމްޕިއަންޝިޕްސްގައި އާން ވަނީ އޭއޯއެސްއައި ޝޯޓްކޯސް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި ރިހާން މިއަހަރު ހެދި އިތުރު ދެ ރެކޯޑެއް މުގުރާލައިފަ އެވެެ.

ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯރޑް އާން މުގުރާލީ 02:01.08 އިން ރޭސް ނިންމައިގެންނެވެ. ރިހާން ރެކޯޑް ހެދީ 02.03.06 އިންރޭސް ނިންމައިގެންނެވެ. އަދި 00:27.06 އިން ފަތައިގެން ރިހާން ހެދި 50 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑް މުގުރާލާފައި ވަނީ 00:26.67 އިން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ހަންގޭރީގެ ގައުމީ ޗެމްޕިއަންޝިޕްސްގައި އާން ވަނީ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މިއަހަރު ބޭއްވުނު އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯޓްކޯސް ޗެމްޕިއަންޝިޕްސް ގައި މުބާލް އައްޒާމް އިބްރާހީމް 01:04.51 އިން ފަތައިގެން ހެދި ރެކޯޑް އާން މުގުރާލީ 01:04.19 އިން ރޭސް ނިންމައިގެންނެވެ.

Leave a Comment