އަމިއްލަ ފަރާތެއް ކަމަށްވާ ’90 ޕްލަސް’ އިން ސްޕޯޓްސް މިނިސްޓްރީއާއި ގުޅިގެން މި މަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ ގޯލްޑް ކަޕް ބާއްވާ މުއްދަތާ ދިމާވާނެހެން އެފްއޭއެމް އިން ޔޫތު ލީގު އިއުލާންކޮށް, އެފްއޭއެމް ގެ ބައިވެރިވުމެއް ނެތް މުބާރާތްތަކުގައި އެސޯސިއޭޝަންގެ ހުއްދަ ނުހޯދައި ބައިވެރި ނުވުމަށް އެ އިދާރާގެ މުވައްޒަފުންނަށް އަންގައިފި އެވެ.

އެފްއޭއެމް ގެ މުވައްޒަފުންނަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާ އިންޓާނަލް މެމޯ އެއް މީސް މީޑިއާގައި މިއަދު ލީކުވެފައިވާ އިރު, “އެސޯސިއޭޝަން އާއި އެއްވެސް ބައިވެރިވުމެއް ނެތި ކުރިއަށް ކުރިއަށްދާ މުބާރާތްތަކާއި ލީގު ތަކުގައި މި އެސޯސިއޭޝަންގެ ހުއްދައެއް ނުހޯދައި މި އެސޯސިއޭޝަންގެ އެއްވެސް މުވައްޒަފެއް, ރެފްރީއެއް އަދި ކޯޗެއް ބައިވެރި ނުވުމަށް” ވަނީ އަންގާފަ އެވެ.

މަގްބޫލު ދެ ކޯޗުން ކަމުގައިވާ މުހައްމަދު ޝާޒްލީއާއި އަލީ ނިސްތާރް މުހައްމަދު އިސްވެ ހުރެގެން, 90 ޕްލަސް ގޯލްޑް ކަޕް މި މަހުގެ 20 ވަނަ އިން އަންނަ މަހު 25 އަށް ގަލޮޅު ރަސްމީ ދަނޑުގަ އެވެ. 

އެފްއޭއެމްގެ މެމޯ

ޔޫތު ލީގު 2024 މި މަހުގެ 21 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު, މުބާރާތުގެ 12 އަހަރާއި 14 އަހަރުން ދަށުގެ ކުޅުން ކުރިއަށް ގެންދާނީ ހެންވޭރު ދަނޑުގަ އެވެ. އަދި 16 އަހަރުން ދަށުގެ ކުޅުން ހެންވޭރު ދަނޑުގެ އިތުރުން ގަލޮޅު ދަނޑާއި ހުޅުމާލެ ސްޓޭޑިއަމްގައިވެސް ކުރިއަށް ގެންދާނެ އެވެ. 16 އަހަރުން ދަށުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިސެމްބަރ 1 އިން ޖަނަވަރީ 16 ގެ ނިޔަލަށެވެ. ހެނދުނާއި ހަވީރު އަދި ރޭގަނޑު ދަންފަޅީގައިވެސް މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ދިވެހި ޔޫތު ލީގުގައި މުޅިއެކު 84 މެޗް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި 24 ޓީމު ބައިވެރި ކޮށްގެން  ކުރިޔަށް ގެންދަން އިއުލާންކުރި މި މުބާރާތުގައި, ދުވަސްވަރުގެ ގޮތުން ގިނަ ރަށްރަށަށް ގޮންޖެހުންތަށް ދިމާވި ނަމަވެސް ރަނގަޅު ތަރުހީބެއް މުބާރާތަށް ލިބިފައިވެ އެވެ. އެ ގޮތުން 22 ރަށަކުން ވަނީ ގޯލްޑް ކަޕްގައި ބައިވެރިވެފަ އެވެ. އަދި މި މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްއިން ލައިވް ކުރާއިރު, ޕްރީ މެޗް އަދި ޕޯސްޓް މެޗް ޝޯ ވެސް ޔެސް ޓީވީ އިން ލައިވް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް ފޮނުވާފައިވާ މި މެމޯގައި, އެސޯސިއޭޝަންގެ އެއްވެސް މުވައްޒަފަކަށް އެހެން މުބާރާތްތަކުގައި ޝާމިލުވެ އުޅުން މަނާކުރާ ފަދަ އުސޫލަކުން އަންގާފައި އޮތް އޮތުމުގެ ސަބަބުން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެ އިދާރާއާއި އެ އިދާރާގެ މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މީސް މީޑިއާގައި މީހަކު ހިޔާލު ފާޅުކޮށްފައި

 

ނޯމަލައިޒޭޝަން ކޮމިޓީއިން އެފްއޭއެމް ހިންގުމާއި ހަވާލުވުމަށްފަހު, ގައުމީ ލީގުގެ ބަދަލުގައި ޔޫތު މުބާރާތްތަށް އިންތިޒާމުކުރުމުގެ މަގުސަދާއި މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.. އަދި ހާއްސަކޮށް އަތޮޅު ފުޓުބޯޅަ ފޯރި ގަދަވެފައިއޮތް ދުވަސްވަރަކާއި ދިމާކޮށް އެފްއޭއެމް އިން މި ގޮތަށް ކަންކަން ކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



Leave a Comment