މައިލޯ ވީއޭއެމް ކަޕް 2024 ގެ ފައިނަލްގައި ފަސް ސެޓަށް ކުޅެގެން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލިކޮށް ކްލަބް އެޗްޑީސީން ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް 25-20 އިން ކާމިޔާބު ކުރީ ސިފައިންގެ ޓީމެވެ. ނަމަވެސް އެޗްޑީސީން ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބު ކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ ސެޓު އެޗްޑީސީން ކާމިޔާބު ކުރީ 31-29 ޕޮއިންޓުންނެވެ. އަދި ތިންވަނަ ސެޓް ކާމިޔާބު ކާމިޔާބުކޮށް މެޗުގައި ލީޑު ނެގީ 25-20 ޕޮއިންޓުންނެވެ.
ފަސް ސެޓަށް ދިޔައީ ހަތަރުވަނަ ސެޓުގައި 25-17 އިން ސިފައިން ކުރި ހޯދުމުންނެވެ. ފަސްވަނަ ސެޓު އެޗްޑީސީން ކާމިޔާބު ކުރީ 15-13 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ކްލަބްގެ ހުސެއިން ޝަރީފް އެވެ.
މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ޝާމިލް މުހައްމަދެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޒަންޒިމިރު ޒީންބެކް އޫލޫ އެވެ.
އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމް:
- އައުޓްސައިޑް އެޓޭކާ: އިސްމާއިލް ސާޖިދު (އެޗްޑީސީ)
- އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމް (ޑީއެސްސީ)
- މިޑްލް ބްލޮކާ: މުހައްމަދު އަހުސަން (އެޗްޑީސީ)
- މިޑްލް ބްލޮކާ: އާދަމް ފައިރޫޒް (އެޗްޑީސީ)
- އޮޕޮސިޓް ޕްލޭޔާ: ހުސެއިން ރަޒާން (ޑީއެސްސީ)
- ސެޓަރު: ހުސެއިން ޝާހިދު (ޑީއެސްސީ)
- ލިބަރޯ: ސައުދު އަހުމަދު (އެޗްޑީސީ)
އެޗްޑީސީ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި ވާދަކުރަން ހަމަޖެހިފައި އޮތް ސްޕޯޓްސް ކްލަބް ސިޓީން މެޗު ދޫކޮށްލީމަ އެވެ.
ސިޓީން މެޗު ދޫކޮށްލީ، ދިވެހި ސިފައިންގެ ކްލަބް ސްކޮޑުގައި މުބާރާތުގެ ޕްރިލިމިނަރީގައި އެހެން ޓީމުތަކަށް ކުޅުނު ކުޅުންތެރިން ހިމަނައިފައި ވާކަމަށް އެޓީމުން ވީއޭއެމަށް ރިޕޯޓް ކުރުމުން އެ މައްސަލައިގައި ވީއޭއެމްގެ ޖަވާބެއް ނުލިބުމުންނެވެ.
ސިފައިންގެ ކްލަބް ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ސިޓީ ބަލިކޮށްފަ އެވެ.