އާރްއެސްއެލް ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލްގެ ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް ބްރޯންޒް މެޑަލް ހޯދައިފި އެވެ. މި މަހުގެ 1 އިން 3 އަށް ލިތުއޭނިއާގެ ކައުނަސް ގައި ކުރިއަށް ދިޔަ މި މުބާރާތުގައި ލައިބާ ވަނީ ސިންގަލްސް, ޑަބަލްސް އަދު މިކްސްޑް ޑަބަލްސް އިވެންޓުގައި ވާދަކޮށްފަ އެވެ.

ރޭ ކުޅެވުނު ޑަބަލްސް ސެމީ ފައިނަލްގައި ލިތުއޭނިއާގެ ޕެއާ އަތުން ލައިބާ ގެ ޕެއާ ބަލިވެފައި ވަނީ ސީދާ 3 ސެޓުންނެވެ. ފުރަތަމަ ސެޓު 21-19 ގެ ސްކޯ އަކުން ލިތުއޭނިއާ ޕެއާ ކާމިޔާބު ކުރި އިރު, ދެވަނަ ސެޓު 21-11 އަދި ތިންވަނަ ސެޓު 15-21 އިން ލިތުއޭނިއާގެ ޕެއާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

މިކްސްޑް ޑަބަލްސް ސެމީފައިނަލުގައި ލިތުއޭނިއާ އަދި ޔޫކްރެއިންގެ ދެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ލައިބާ ގެ ޕެއާ ބަލިވެފައިވަނީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 07-21 އަދި ދެވަނަ ސެޓު 10-21 އިން ވާދަވެރި ޕެއާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

ސިންގަލްސް އިވެންޓުގެ ކުއާޓަރ ފައިނަލްގައި ލައިބާ ބަލިވެފައި ވަނީ ޔޫކްރެއިންގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއާއި ވާދަކޮށެވެ. މި މެޗުގެ ފުރަތަމަ ފުރަތަމަ ސެޓުން 14-21 އިން އެމާ ކާމިޔާބު ކުރިއިރު, ދެވަނަ ސެޓުގައި ލައިބާގެ ފަރާތުން މޮޅު ކުޅުމެށް ފެނުނެވެ. ނަމަވެސް 21-19 އިން އެ ސެޓުވެސް ކާމިޔާބު ކުރީ އެމާ އެވެ. ތިންވަނަ ސެޓު އެމާ ކާމިޔާބު ކުރީ 09-21 ގެ ސްކޯ އަކުންނެވެ.

މި މުބާރާތުން ހޯދި މެޑަލާއި އެކު ލައިބާ ވަނީ މި އަހަރު ޔޫރަޕް ކަލަންޑަރ މުބާރާތްތަކުން ޖުމްލަ 8 މެޑަލް ހޯދާފަ އެވެ. ލައިބާ އަކީ މިހާރު ބެޑްމިންޓަންގައި އަރަމުން އަންނަ ޒުވާން ކުޅުންތެރި އެކެވެ. މިދިޔަ އަހަރުގެ ކުޅިވަރު އެވޯޑު ހަފްލާގައި ލައިބާ ވަނީ އަހަރުގެ ތިންވަނައަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (އަަންހެން) ހާސިލް ކޮށްފަ އެވެ.

Leave a Comment