ސްރީލަންކާގައި ކުރިއަށް ދިޔަ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ދިވެހިރާއްޖޭގެ 18 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ޓީމު އާ އުސްމިންތަކަކަށް ވާސިލްވެ، އެ މުބާރާތުގެ ލޯ މެޑަލް ހޯދައިފި އެވެ. އިންޑިއާ އާއި ސްރީލަންކާ އާ ދެކޮޅަށް  ކުޅުނު މެޗުގައި ދިވެހިރާއްޖެއިން ވަނީ ރަނގަޅު ފައިޓެއްދީފައެވެ. އެ މެޗުތަކުން އެންމެ އެދެވޭ ނަތީޖާ ނުނެރެވުނަސް އެ މެޗުތަކުން ހިތްވަރު ހޯދައި ބަންގްލަދޭޝްއާ ދެކޮޅަށް ފަހު މެޗުގައި ޒުވާން ޓީމު ނުކުތީ އާ އުންމީދެއްގައެވެ.

ބްރޮންޒް މެޑަލް އަށް ކުޅުނު މެޗުގައި ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދައްކައި މެޗުގެ ފަހު ވަގުތުކޮޅާ ކުރިމަތިލީ ވާދަވެރިކަމާއެކީއެވެ. މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް އަލްދަން އައިކް ރަމީޒް ވަނީ ވިނިންގ ޝޮޓެއް ޖަހާ ދިވެހިރާއްޖެއަށް 57-59 އިން  ތާރީހީ މޮޅެއް ހޯދައިދީފައެވެ. އޭނާގެ މޮޅު ކުޅުމުން  ދިވެހިރާއްޖޭގެ ބާސްކެޓުގެ ތާރީޚުގައި ވަނީ ފުރަތަމަ ފަހަރަށް 18 އަހަރުން ދަށުގެ ޓީމެއްގެ މެޑަލް ހޯދައި ތާރީޚުގަ ލިޔެވިފައެވެ.

މެޗަށް ބަލާއިރު، މުޅި މެޗުގައި މުހައްމަދު ނާފް އިރުޝާން ވަނީ އާދަޔާހިލާފު ކުޅުމެއް ދައްކައި، 13 ޕޮއިންޓާއި 14 ރިބައުންޑާއެކު ދިވެހިރާއްޖެއަށް މެޗު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީފަ އެވެ.

މީގެ އިތުރުން މުޅި މުބާރާތުގައި އައިކް މައުރޫފް ދެއްކި މޮޅު ކުޅުމާއެކު، މުބާރާތުގެ ގަދަ 5 ކުޅުންތެރިންގެ ތެރެއިން އޭނާއަށް ގިނަ ބަޔަކު އުންމީދުކުރި ޖާގައެއް ލިބި، ބައިނަލްއަގްވާމީ މައިދާނުގައި ޓީމުގެ ނަން އިތުރަށް ވިދާލި އެވެ. މި ތާރީހީ ރިހި މެޑަލް ހޯދުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެއީ ދިވެހިރާއްޖޭގެ އެތްލީޓުންގެ ރޫހު ރަމްޒުކޮށްދޭ، މުޅި ގައުމަށް ލިބުނު ކާމިޔާބީއެކެވެ. މި ޒުވާން ކުޅުންތެރިން އެނބުރި ގައުމަށް އަންނަނީ މެޑަލްތަކެއްގެ އިތުރުން ދިވެހިރާއްޖޭގެ ބަސްކެޓުބޯޅައަށް އުޖާލާ މުސްތަގްބަލެއް ލިބޭނެކަމުގެ އުންމީދާ ވެސް އެކީގެވެ. މި މުބާރާތުގައި ޓީމުން ހޯދި ކާމިޔާބީއަކީ މި ގައުމުގެ އެކި ހިސާބުތަކުގައި ތިބި އެތްލީޓުން އިންސްޕަޔަރކުރާނެ ކާމިޔާބެކެވެ. އަދި މިއީ ހިތްވަރާއެކުގައި ކުޅެފިނަމަ ދިވެހިރާއްޖޭގެ ބަސްކެޓުބޯޅަ ކޮންމެ ސްޓޭޖެއްގައިވެސް ވިދާލެވޭނެކަން ސާބިތުކޮށްދޭ ކުލަގަދަ ކާމިޔާބީއެކެވެ.

Leave a Comment