ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ ޢަބްދުއްރައްޒާގަށް މިއަހަރު އޮންނަ ޕެރިސް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިއާ އެކު އޭނާ ވެފައި ވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި ވިދިވިދިގެން ދެ އޮލިމްޕިކްސްއެއްގައި ބައިވެރިވާ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާއަށެވެ.

ނަބާހާއަށް ވަނީ 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ވެސް ވާދަކުރުމުގެ ފުރުސަތު ލިބިފަ އެވެ. އޭނާ އަކީ އެ މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާލި އަންހެން އެތުލީޓެވެ.

ނަބާ އަށް އޮލިމްޕިކްސްގެ ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށް ފަހު އޭނާގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ.

ނަބާހާއަކީ އޮލިމްޕިކްސްގައި ބައިވެރިވި ދެވަނަ ބެޑްމިންޓަން ކުޅުންތެރިޔާއެވެ. ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިއަކީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި ވާދަކުރި މުޙައްމަދު އަޖުފާނެވެ.

ވޭތުވެދިޔަ ހަތް އަހަރު ތެރޭ، މި ބެޑްމިންޓަން ތަރިން އޮލިމްޕިކްސްގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މުބާރާތެއްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ގިނަ މެޑަލްތަކެއް ހޯދާފައިވެއެވެ. އެ މުބާރާތްތަކުގެ ތެރޭގައި 2019 އަދި 2023 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން 2022 ގެ ބާމިންހަމް ކޮމަންވެލްތު ގޭމްސް އާއި 2019 ގެ ޔޮނެކްސް ސަންރައިޒް ޕާކިސްތާން އިންޓަރނޭޝަނަލް ސީރީޒް ހިމެނެއެވެ.

ނަބާހާ އޭނާގެ ގިނަ ކާމިޔާބީތަކުގެ ކްރެޑިޓް ދެނީ އޭނާގެ ޓްވިން ނަބީހާއަށެވެ. ނަބީހާއަކީ މިހާރުގެ އަންހެނުންގެ ސިންގަލްސް ޤައުމީ ޗެމްޕިއަނެވެ. އަދި ޑަބަލްސް އަދި ޓީމު އިވެންޓްތަކުގައި ގިނަފަހަރު ނަބާހާއާއެކު ވާދަކުރާ ކުޅުންތެރިޔާއެވެ.

ނަބާހާ އާއި އޭނާގެ އެއްމާބަނޑު ދައްތަ ނަބީހާ ވަނީ 2020 ގެ މާޗު މަހު، ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަންގެ އަންހެނުންގެ ޑަބަލްސްގެ ލިސްޓުގެ ފުރަތަމަ 100 ގެ ތެރޭގައި ހިމެނިފައެވެ.

މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ކުރިއަށް ދާނީ ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.

Leave a Comment