ފެންޓަސީ ޕްރިމިއާ ލީގް ޓީމެއް މެނޭޖްކުރާ 16،000 އަށްވުރެ ގިނަ ދިވެހިންގެ ތެރެއިން، އޭދަފުށީ މުޙައްމަދު ރަފާޙް (ރެޑް ޑެވިލްސް) ވަނީ މި ސީޒަންގެ އެންމެ ގިނަ ޕޮއިންޓް ހޯދި އެފްޕީއެލް މެނޭޖަރަކަށް ވެފައެވެ.
މެންޗެސްޓާ ޔުނައިޓެޑަށްސަޕޯޓް ކުރާ އުމުރުން 20 އަހަރުގެ ރަފާޙް، އޭނާގެ އެފްޕީއެލް ޓީމް މެނޭޖްކުރަން ފަށާފައިވަނީ 2016/2017 ވަނަ އަހަރުގެ ސީޒަނުން ފެށިގެންނެވެ. މިއީ އޭނާގެ އަށްވަނަ ސީޒަނެވެ. އަދި މިހާތަނަށް އެންމެ މަތިން ޕޮއިންޓް ހޯދި ސީޒަން ވެސް މެއެވެ. އޭނާ ވަނީ މިދިޔަ އަހަރު (2022/2023) ހޯދި އަމިއްލަ ރެކޯޑު ކަމުގައިވާ 2381 ޕޮއިންޓް، މި ސީޒަންގެ 35 ވަނަ ހަފްތާގެ ނިޔަލަށް ހަމަކޮށްފައެވެ. އޭރު އަދި ތިން ހަފްތާ ބާކީ އޮތެވެ.
ސީޒަން ނިމުނުއިރު 2608 ޕޮއިންޓް ހޯދައި، ރެޑް ޑެވިލްސް ޓީމް ވަނީ ދެވަނައަށް ދިޔަ އެފްސީ ފޫބާސް (މެނޭޖްކުރީ: މިފްރާޙް ޔާސިރު) އަށްވުރެ 30 ޕޮއިންޓް އިތުރުން ކުރި ހޯދައިފައެވެ.
ރަފާޙްގެ ޓީމަކީ ގާތްގަނޑަކަށް 24 ލޯކަލް މިނި ލީގެއްގައި އެންމެ މަތިން ޕޮއިންޓް ހޯދި ޓީމެވެ. މީގެ ތެރޭގައި ވެލިގާ އެފްޕީއެލް 2023/2024، އެކްސްއެލް އެނާޖީ މޯލްޑިވްސް، މާކީ އެފްޕީއެލް 23/24، އަދި އެމްޔޫއެސްސީ މޯލްޑިވްސް އެފްޕީއެލް 2023/2024 ފަދަ ފާހަގަކޮށްލެވޭ ލީގުތައް ހިމެނެއެވެ. ރެޑް ޑެވިލްސް ޓީމަކީ ހަމަޔަގީނުންވެސް ގިނަ އެފްޕީއެލް ބޮޑެތި އިނާމުތައް ކާމިޔާބުކުރި ޓީމެވެ. މިއީ ބުދަ ދުވަހު 21 އަހަރު ފުރޭ ރަފާޙް ފަދަ އެފްޕީއެލް ފޭނަކަށް ވަރަށް ރަނގަޅު އުފަންދުވަހުގެ ހަދިޔާއެކެވެ.
ދިވެހި އެފްޕީއެލްގެ އާ ޗެމްޕިއަން ދުނިޔޭގެ ލީޑަބޯޑުގައި އޮތީ 2584 ވަނައިގައެވެ. މިއީ ދުނިޔޭގެ ނަންބަރު އެއްވަނަ ހޯދި އޮންކެލް ބްލާއާ އަށް ވުރެ 215 ޕޮއިންޓް މަދުންނެވެ. ރަފާޙްގެ ޖުމްލަ ޕޮއިންޓުން އޭނާ ވަނީ ޖުމްލަ 10.9 މިލިއަން އެފްޕީއެލް މެނޭޖަރުންގެ ތެރެއިން 99.98% މެނޭޖަރުންނަށް ވުރެ މަތި ހޯދައިފަ އެވެ.
ރަފާޙުގެ އެފްޕީއެލް ސްޓްރެޓެޖީ:
އެފްޕީއެލްގައި ކާމިޔާބު ހޯދުމަށް ގިނަ ކަންތައްތަކެއް މުހިންމު ވީނަމަވެސް، ރަނގަޅު ކުޅުންތެރިޔަކަށް ކެޕްޓަންކަން ދިނުމަކީ އެފްޕީއެލް މެނޭޖަރަކަށް އެންމެ މުހިންމު ނިންމުން ކަމުގައި ބެލެވިދާނެއެވެ.
ދިވެހިރާއްޖޭގެ އެފްޕީއެލް ޗެމްޕިއަންގެ އެންމެ ގިނައިން ކެޕްޓަންކަން ދެވުނު ކުޅުންތެރިޔަކީ އާލިން ހާލަންޑް ކަމުގައިވުމަކީ އެހާ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. އޭނާ ހާލަންޑަށް 20 ގޭމް ވީކެއްގައި ކެޕްޓަންކަން ދީފައިވެއެވެ. މިއީ ޕްރިމިއަރ ލީގުގެ މެޗުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައެވެ. މިއީ ފައިގެ އަނިޔާއެއްގެ ސަބަބުން ހަފްތާތަކަކަށް ކުޅުމުން ދުރަށްދާންޖެހިފައިވާ އަދި ފަހުން ސީޒަނުގައި ގޯލް ނުޖެހޭން ދިމާވި ކުޅުންތެރިޔަކަށް ކުރެވުނު ވަރަށް ބޮޑު އިތުބާރެކެވެ. ނަމަވެސް، ރަފާޙު މި ކުޅުންތެރިޔާއަށް އިތުބާރު ގެއްލުމުގެ މައްސަލައެއް ދިމާވެފައިނުވާކަން ފާހަގަކުރެވެއެވެ.
ޑަބަލް-ގޭމް ވީކް 25 ގައި، ރަފާހް ވަނީ 1.3 މިލިއަން އެފްޕީއެލް މެނޭޖަރުންނާއެކު ހާލަންޑަށް ޓްރިޕަލް-ކެޕްޓަން ޗިޕް ބޭނުން ކޮށްފަ އެވެ. މިއީ އެފްޕީއެލް ގޭމް ވީކެއްގައި އެންމެ ގިނައިން ޓްރިޕަލް-ކެޕްޓަން ކުރެވުނު ކުޅުންތެރިޔާ އެވެ. ރަފާހުގެ ޓްރިޕަލް-ކެޕްޓަން އޭނާއަށް 30 ޕޮއިންޓް ހޯދައިދިނެވެ.
ގޭމް ވީކް 37 ރަފާހް ނިންމާލީ ހިތްހަމަޖެހިގެންނެވެ. އޭނާ ވަނީ އެ ހަފްތާ 134 ޕޮއިންޓް ހޯދައިފަ އެވެ. މިއީ ބެންޗް ބޫސްޓް ޗިޕް ރަނގަޅު ވަގުތުގައި ބޭނުން ކޮށްގެން ހޯދި މޮޅެކެވެ. އަދި ފަހު ގޭމް ވީކް ފެށީ ރާއްޖޭގެ އެންމެ މަތީގައި އޮވެ އެވެ.
ނަމަވެސް އެފްޕީއެލް ޗިޕްތަކުގެ ތެރެއިން ހުރިހާ ޗިޕެއް ރަފާހަށް ރަނގަޅަށް ނުދިޔަ އެވެ. ހަމައެކަނި ހަތަރު މެޗު ކުޅުނު ޑަބަލް-ގޭމް ވީކް 29 ގައި، އޭނާ ފްރީ ހިޓް ބޭނުންކޮށް، ސޮން ހެއުންގް މިން އަށް ކެޕްޓަންކަން ދިނެވެ. ނަމަވެސް ސްޕާސްގެ ސްޓްރައިކަރު ދެ މެޗުގައިވެސް އެއްވެސް ޕޮއިންޓެއް ނުހޯދިއެވެ. ރަފާހުގެ ފްރީ ހިޓް ޓީމުގައި ހިމެނުނު ނޮޓިންހަމް ފޮރެސްޓްގެ ގިބްސް-ވައިޓް ފިޔަވައި އެއްވެސް ކުޅުންތެރިޔަކު ޕޮއިންޓެއް ނުހޯދަ އެވެ.
ރަފާހަކީ އެފްޕީއެލް ޗެމްޕިއަނަކަށް ވިއަސް މެޗެއްގައި ހިނގާނެ އެންމެ މުހިއްމު ކަންތައް ކުރިއަށް ލަފާކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރަފާހުގެ ޓީމުން ތަފާތު ގެނައީ ދުރު މުސްތަގުބަލަށް ވިސްނައިގެން އޭނާ ނިންމި ރަނގަޅު ނިންމުންތަކެވެ. މިސާލަކަށް އާލިން ހާލަންޑްގެ މައްޗަށް އޭނާ ބެހެއްޓި އިތުބާރާއި ޓްރާންސްފާތަކާ މެދު އޭނާ ގެންގުޅުނު ފަރުވާތެރިކަން ހިމެނެއެވެ. ލީގުގެ 38 މެޗު ހަފްތާގެ ތެރެއިން 4 ހަފްތާއެއްގައި އޭނާ ވަނީ ހިލޭ ޓްރާންސްފާއަށް ވުރެ އިތުރު ޓްރާންސްފާ ކޮށްގެން ޕޮއިންޓު އުނިކުރުމުގެ ރިސްކު ވެސް ނަގައިފަ އެވެ.
ފެންޓަސީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކުއްލި ގޮތަކަށް ހިނގާ ކަންކަމެވެ. މި ކުޅިވަރުގެ ލަފާނުކުރެވޭ ކަންތައްތަކަކީ އެފްޕީއެލް މެނޭޖަރުން އަހަރުމެންގެ ޓީމުތައް ބަލަމުންދާ ސަބަބެވެ. އެއީ އަހަރުމެން ހިތްހަމަނުޖެހޭ ދުވަސްތަކުގައި ވެސް މެއެވެ. އެއް ކަމެއް ޔަގީނެވެ. މިދިޔަ ސީޒަންގައި ކުރިއަށްވުރެ ގިނަ ދިވެހިން ފެންޓަސީ ޕްރިމިއާ ލީގުގައި ބައިވެރިވެފައިވެއެވެ. އަދި އަންނަ ސީޒަންގައި މިއަށް ވުރެ ވެސް ގިނަ ބަޔަކު އެފްޕީއެލްގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.