އެފްއޭއެމްއަށް ލިބުނު 12 މިލިއަން ޑޮލަރުގެ ފަންޑުން ވަރަށް ބޮޑު އަދަދެއް ބައްސާމް އަދީލް ޖަލީލް ހަރަދުކޮށްފައިވަނީ އޭނާގެ އަމިއްލަ ކަންކަމަށާއި ވިޔަފާރި ބޭނުންތަކަށްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރިޕޯޓް ކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނާ ގޮތުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ފީފާއިން އެފްއޭއެމްއަށް ޖުމްލަ 12.4 މިލިއަން ޑޮލަރު (191.2 މިލިއަން ރުފިޔާ) ގެ އެހީ ދޫކޮށްފައިވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓަރ “އުންޞުރު” ގެ ފާއިތުވި މަހުގެ އަދަދުގައި ބުނެފައިވަނީ، ތަޙުގީގުން ހާމަވެފައިވާ ގޮތުގައި ޑޮލަރު އެކްސްޗޭންޖްގެ ނަމުގައި އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެ އެވެ.
އެ ލިޔުމުގައި ބުނެފައިވަނީ ބައްސާމްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ބޭންކަށް ފޮނުވި މަޢުލޫމާތުގައި އެފްއޭއެމްއިން ލިޔެފައިވަނީ “ޑޮލަރު ވިއްކުން” ކަމަށެވެ. ނަމަވެސް އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ދިވެހި ރުފިޔާ ޖަމާކޮށްފައެއް ނުވާ ކަމަށާއި މާލީ މުޢާމަލާތްތަކުން ދައްކާ ގޮތުގައި ބައްސާމް އެ ފައިސާ ބޭނުންކޮށްފައިވަނީ އަމިއްލަ ބޭނުންތަކަށް ކަމަށް ވެސް އުންޞުރުގެ މި ލިޔުމުގައި ބުނެ އެވެ.
ތަހުގީގަން ހާމަވެފައިވާ ގޮތުގައި ބައްސާމް އެ ފައިސާ ބޭނުންކޮށްފައިވަނީ ޕްރޮޕަޓީ ގަތުމަށާއި، އޭނާގެ ވިޔަފާރިއަށާއި، އާއިލީ ހަރަދުތަކަށާއި އަދި ބޭރު ދަތުރުތަކަށެވެ.
ހުޅުމާލޭ އަމީން އެވެނިއުގައި ބައްސާމްގެ ނަމުގައި ދެ ޕެންޓްހައުސްއަކާއި އެޕާޓްމަންޓެއް އެބަހުއްޓެވެ. އެ ދެ ޕެންޓްހައުސްގެ އަގު 15 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓާގައި އަދި ފާހަގަކޮށްފައިވަނީ އެފްއޭއެމްއިން އެއްވެސް ގަވާއިދެއް ނެތި އަދި އެއްވެސް ރެކޯޑެއް ނުބަހައްޓައި ޑޮލަރު ބަދަލުކުރަމުން ގެންދިޔަކަމަށެވެ.
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން މިހާތަނަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ އެފްއޭއެމްގެ ފަންޑުން 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުމަށް ބޭނުންކުރި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިން އަދި ފްރޯޑްގެ ދައުވާއެވެ.
އިތުރު މައްސަލަތައް އަދިވެސް އޮތީ ތަހގީގީ މަރުޙަލާގަ އެވެ. ފާއިތުވި އޮކްޓޯބަރު މަހު، ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަކަށް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އެފްއޭއެމް ހައުސްއަށް ވަދެ، ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.
ފީފާ އަދި އޭއެފްސީގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ އެވެ. އެ ޓީމުން ގައުމުގެ ކުޅިވަރުގެ މިހާރުގެ ހާލަތު ވަޒަންކުރާނެ އެވެ.