ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ސާފަރު ހުސައިން އަރީފް (އިބޫ) ގައުމީ ފެންވަރުގައި ވާދަވެރި ސާފިން އިން ރިޓަޔާ ކުރަން ނިންމައިފިއެވެ.

އިބޫ އަކީ ރެކޯޑް އަށް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފާއިވާ އެތުލީޓެކެވެ.

މިއާ އެކު އިބޫ ވަނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން އޭނާގެ ކެރިއަރުގައި ވެދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. “މޯލްޑިވްސް ސާފިން އެސޯސިއޭޝަނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން، އެ އެސޯސިއޭޝަނުގެ ފަރާތުން އަޅުގަނޑުގެ ކެރިއަރުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އެކުވެރި ސާފަރުންގެ މެދުގައި އޮތް އެކުވެރިކަމާއި ކުޅިވަރަށް އޮތް ލޯތްބެއްގެ ސަބަބުން ވާދަވެރި ސާފިންގައި އަހަރެން ހޭދަކުރާ މުއްދަތަށްވުރެ އިތުރަށް ދެމިއޮންނާނެ ގުޅުންތަކެއް އުފެދިއްޖެ،”  އިބޫ ބުންޏެވެ.

އިބޫ ރިޓަޔާ ކުރައްވާފައި މިވަނީ މިއަހަރުގެ ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭނާ 2019 ވަނަ އަހަރުގެ ސީޒަނުގެ އަނިޔާއާ އެކު މެދުކެނޑުމަކަށް ފަހު ވާދަވެރި ސާފިންއަށް އެނބުރި އައީ 2022 ވަނަ ސީޒަނުގެ މެދުތެރޭންނެވެ.

މީގެ އިތުރުން އޭނާ ވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދީފައެވެ. ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރު ހޯދި އިރު، ދެވަނަ ހޯދީ މި އަހަރު ރާއްޖޭގައި ބޭއްވި ޗެމްޕިއަންޝިޕްގައެވެ.

ވާދަވެރި މައިދާނަށް އަލްވަދާއު ކީނަމަވެސް އިބޫ ހުންނެވީ ރާއްޖޭގެ ސާފިން ސަގާފަތް ކުރިއެރުވުމަށް މަސައްކަތް ކުރުމައް ތައްޔާރަށެވެ. ކުޅިވަރު ކުރިއެރުވުމާއި ޒުވާން ހުނަރުވެރިންނަށް އިރުޝާދު ދިނުމާއި ދެމިހުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިބޫ ބުންޏެވެ.

Leave a Comment