ވިކްޓަރީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނުގެ ޖާގަ އަލުން ހޯދީ ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެގެންނެވެ.

ދެ ވަނަ ޑިވިޝަންގެ ފައިނަލުގައި އާދީއްތަ ދުވަހުގެ މެންދުރުފަހު 3:30 ގައި ވިކްޓަރީ ނުކުންނާނީ މަސްއޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށްވެސް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގަ ލިބެއެވެ.

މިއަދުގެ މެޗު ފަށައިގެން ކުރީކޮޅު ނިއު ރޭޑިއަންޓް ފެނުނީ ނުރައްކާތެރި ކޮށެވެ. ނަމަވެސް ވިކްޓަރީ ހަމައަކަށް އެޅުމުން މެޗުގެ 26 ވަނަ މިނެޓުގައި ހުސެއިން ފައިސަލް (ފައިޓޯ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ވިކްޓަރީގެ ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ.

ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެފައިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.

ވިކްޓަރީ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި ސަސްޕެންޝަން އައިސްފައި މިވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ.  ސަސްޕެންޝަނުގެ ސަބަބުން ރެލިގޭޓްވި ވިކްޓަރީއަށް ޖެހުނީ ސަސްޕެންޝަނުން ސަލާމަތްވެ ދެ ވަނަ ޑިވިޝަނުގައި ކުޅުމަށެވެ. އޭގެ ފަހުން 2020-2021 ވަނަ އަހަރުގެ ސީޒަންގައި ދެ ވަނަ ޑިވިޝަނެއް ނެތެވެ. ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްވީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ނަމަވެސް ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވެފައެއް ނުވެއެވެ.

ނިއުރޭޑިއަންޓް އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅެފައިވަނީ 2018 ވަނަ އަހަރު އެވެ. ޖެހިގެން އައި ސީޒަން ފެށުމުގެ ކުރިން ކްލަބް ސަސްޕެންޑްކުރީ ޖެނުއަރީ 26، 2019 ގައެވެ. ނިއު އާއި ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްވީ 2022 ވަނަ އަހަރުގެ މުބާރާތް ފެށުމުގެ ކުރިންނެވެ.

އެންމެ ފަހުން ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓް ދަތުރުކުރީ 2022 ވަނަ އަހަރު އެވެ.

Leave a Comment