މެޗަކުން ބަލިނުވެ ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭއެމުން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ޓީސީއިން ފައިނަލް މެޗު ކާމިޔާބުކުރީ 5-4 އިންނެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލްގައި ފުރިހަމަ ވަގުތު ހަމަވި އިރު ވެސް ލަނޑެއް ނުޖެހި އެއްވަރު ވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ޓީސީގެ ގޯލްކީޕަރު މުހައްމަދު ޝިޔާޒް އެއް ޕެނަލްޓީ މަތަކުރި ނަމަވެސް ޖެހިގެން އައި ޕެނަލްޓީ ޓީސީއަށް ކާމިޔާބެއް ނުވި އެވެ. ޓީސީއަށް މުބާރާތުގެ ތަށި ލިބުނީ ސަސް އިން ޖެހި ފަހު ޕެނަލްޓީ އެޓީމުގެ ސޫޒާން އަހްމަދަށް ގޯލާ އަމާޒު ނުކުރެވުމުންނެވެ.
މުބާރާތުގެ ފައިނަލަށް ޓީސީ ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ މާޒިޔާގެ މައްޗަށް ސެމީ ފައިނަލުގައި 2-1 އިން ކުރި ހޯދައިގެންނެވެ. ސަސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އީގަލްސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައިވެސް ފައިނަލަށް ދަތުރު ކުރި މި ދެޓީމު ވާދަކޮށްފައި ވެއެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ގްރޫޕް އޭ ގެ ދެވަނަ އީގަލްސް އަށް ލިބުނުއިރު ސަސް އަށް މި ގްރޫޕްގެ އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ދެ ޓީމުގެ އިތުރުން ދެން މި ގްރޫޕުގައި އޮތީ ބުރު ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.
ގްރޫޕް ބީ ގެ އެއްވަނަ މާޒިޔާ ހޯދީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. މި ގްރޫޕްގެ ދެވަނައީގަލްސް އިން ހޯދީ ގްރޫޕްގެ ފަހު މެޗުގައި ވާދަވެރި ކުރިމަތި ލުމަކަށް ފަހު ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރުމަށް ފަހުއެވެ. މި ގްރޫޕްގައި ދެން އޮތް ޓީމު؛ ޔުނައިޓެޑް ވިކްޓަރީ އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މުބާރާތުގެ ރަންބޫޓު ހާސިލް ކޮށްފައި ވަނީ ފަސް ގޯލް ކާމިޔާބުކުރި ޓީސީގެ މުހައްމަދު އިޒާން އަލީ އެވެ. ޓީސީގެ މި ކާމިޔާބީގެ ފަހަތުގައި ހުރި އަހްމަދު ނިމާދު (ނިމާ) އަށް ވަނީ މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައެވެ.
މިއީ ކޯޗު ނިމާ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރު އީގަލްސްގެ ކޯޗު ކަމުގައި ހުރެ، އެއްވެސް މެޗަކުން ބަލި ނުވެ މި މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.