ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންން، އެއިޓީން ތާޓީގެ ފައިނަލުގައި އެމްޕީއެލްއާ ވާދަކޮށް 8-3 ގެ ނަތީޖާއަކުން މޮޅުވެ ޕޮލިސް ކްލަބުން ޗެމްޕިއަންކަން ހޯދައިފި އެވެ.

 

މުބާރާތުގައި 17 ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކްލަބްގެ މަރިޔަމް ރިފާ އެވެ. އޭނާ ވަނީ އެނެމެ މޮޅު ކުޅުންތެރިޔާއަށް ދޭ ކުއީން އޮފް ފުޓްސަލްގެ އެވޯޑް ވެސް ހޯދައިފަ އެވެ.

ޕޮލިސް ކްލަބްގެ ރިފާ އާއި ފާތިމަތު ތީބާ ގެ އިތުރުން ގޯލްކީޕަރު އާމިނަތު ލީޒާގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެމްޕީއެލްގެ މިރޯއިވާ ކަރީނާ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޕޮލިސް ކްލަބުން ވަނީ މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖް ނިންމާލީ ތިން މެޗުން 38 ގޯލު ޖަހައިގެންނެވެ. ގުރޫޕް ސްޓޭޖުގައި އެޓީމު ކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އެމްޕީއެލް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން 21 ގޯލު ޖަހައިގެން ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާލައިފަ އެވެ.

ސެމީ ފައިނަލްގައި އެމްޕީއެލް ވަނީ 3-0 އިން ސްޓެލްކޯ ބަލިކޮށްފަ އެވެ. ޕޮލިސް ވަނީ ސެމީގައި ވެމްކޯއާ ވާދަކޮށް 5-4 އިން ބަލިވެފަ އެވެ.

 

ނަމަވެސް ކްލަބް ވަމްކޯއިން ޝަރުތު ހަމަނުވާ ކުޅުންތެރިން ބޭނުންކޮށްގެން މުބާރާތުގެ ގަވާއިދާ ހިލާފުވި މައްސަލައިގައި އެޓީމު ވަނީ މުބާރާތުން ޑިސްކޮލިފައި ކޮށްފަ އެވެ. އަދި ފައިނަލްގެ ޖާގަ ދިނީ ޕޮލިސް ކްލަބަށެވެ.

ގުރޫޕް ސްޓޭޖުގައި ވެސް މިފަދަ މައްސަލައަކާ ގުޅިގެން ވެމްކޯ އަށް ފިޔަވަޅު އެޅި އެވެ. ފުރަތަމަ ތިން މެޗުގެ ޕޮއިންޓުތައް އުނިކުރުމުން އެޓީމު ސެމީ އަށް ދަތުރު ކުރީ ފަހު މެޗުގައި ތަފާތު ބޮޑުކޮށް، 9-0 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ.

Leave a Comment