ދިވެހި ސާފް ލީގު 2025 ގެ އިވެންޓެއް ލ. މާބައިދޫގައި ބާއްވަން އެ ރަށުގެ ކައުންސިލާ އެކު މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
“ކެރަންދޫ” ނަމުގައި ބާއްވާ މުބާރާތް ކުރިއަށްދާނީ މާބައިދޫގެ “މެޝިންސް” ރާޅު ސަރަހައްދުގަ އެވެ.
އެމްއެސްއޭ އިން މާބައިދޫގައި މުބާރާތެއް ބާއްވަން ނިންމީ ގދ. ގައްދޫގައި ބާއްވާ ކަޅެގަލެކޮޑާ މިއަހަރު ކެންސަލް ކުރުމަށް ފަހު އެވެ.
މިއާ އެކު މި އަހަރުގެ ލީގުގައި ހިމަނާފައި ވަނީ ތިން އިވެންޓެވެ. ފުރަތަމަ މުބާރާތަކަށް ތާވަލް ކޮށްފައި އޮތީ މ. މުލީގައި ބާއްވަން ހަމަޖެހިފައިވާ މުލީކޮޅު ރާޅުގަނޑު މުބާރާތެވެ. މި މުބާރާތް ބާއްވާނީ ޖުލައި މަހު އެވެ. އެއަށް ފަހު ކެތަންދޫ ތާވަލް ކޮށްފައި އޮތީ ސެޕްތެމްބަރު މަހުގެ ކުރީކޮޅަށެވެ. އަދި ފަހު މުބާރާތަކަށް ތާވަލް ކޮށްފައި ވަނީ ރަންނަމާރި ޗެލެންޖެވެ.
ރަންނަމާރި ޗެލެންޖަށް ހޮވޭނީ މުލީ މުބާރާތާއި މާބައިދޫ މުބާރާތުގައި ވެސް ވާދަ ކުރާ އެތުލީޓުންނަށެވެ. އަދި ލީގުގެ ޗެމްޕިއަން ހޮވުމުގައި ބަލާނީ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯ ކުރާ ދެ މުބާރާތުގެ ޖުމްލައަށެވެ.