ނޭޕާލްގައި މިހާރު ކުރިއަށްދާ ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ކްލަބް އެޗްޑީސީ ކުޅުނު ދެވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫއާ ވާދަކޮށް 3-2 ސެޓުން ބަލިވެއްޖެ އެވެ.
އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޗަދޯރުމަލޫ ވަނީ 25-16 އިން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އެޗްޑީސީ އިން ކުޅުން ރަނގަޅު ކޮށް ވަނީ 25-22, 25-23 އިން ޖެހިގެން ކުޅުނު ދެ ސެޓު ކާމިޔާބު ކޮށްފަ އެވެ.
ތިންވަނަ ސެޓު 25-20 އިން ޗަދޯރުމަލޫ ކާމިޔާބު ކުރުމުން ފަސްވަނަ ސެޓެއް ކުޅެން ޖެހުމުން, އެޓީމުން ވަނީ 15-13 އިން މި ސެޓު ކާމިޔާބު ކޮށްގެން މެޗުން މޮޅުވެފަ އެވެ.
އެޗްޑީސީ ވަނީ ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-2 ސެޓުން ނޭޕާލްގެ ގަންޑާކީ ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ގަންޑާކީ އިން ގެންދިޔައީ 25-18, 25-23 އިންނެވެ. ނަމަވެސް އެޗްޑީސީން ވަނީ ޖެހިގެން ކުޅުނު ތިން ސެޓުގައި 25-23, 30-28, 15-13 އިން ކުރި ހޯދައި މެޗުން މޮޅުވެފަ އެވެ.
ގަންޑާކީ ވަނީ ދެވަނަ މެޗުގައި އާދީއްތަ ދުވަހު ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން 3-1 ސެޓުން ބަލިވެފަ އެވެ. ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ މެޗުގައި 3-2 ސެޓުން އިންޑިއާގެ ކަލިކަޓް ހީރޯސް ބަލިކޮށްފަ އެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި އެޗްޑީސީގެ ތިންވަނަ މެޗުގައި މިއަދު ހަވީރު ކަލިކަޓް ހީރޯސްއާ ބައްދަލުކުރާނެ އެވެ.