މި މަހު 3 ވަނަ ދުވަހު ސާބިޔާގެ ބެލްގުރޭޑުގައި ބޭއްވި ޔުއެފާ ކޮންގްރެސް ނެގި ވޯޓުން، ޔޫރަޕު ފުޓުބޯޅައިގެ އިދާރީ ބާރުވެރިކަން އިޒުރޭލަށް ލިބިއްޖެ އެވެ.
ޔުއެފާގެ ހިންގާ ކޮމިޓީގައި ކުރިޔަށް އޮތް 2 އަހަރުގެ ދައުރު ފުރިހަމަ ކުރަން ނެގި ވޯޓުން، ގޮނޑި ކާމިޔާބު ކޮށްފައިވަނީ ސްޕެއިން އާއި އިޒުރޭލެވެ. ސްޕެއިން އިން ގޮނޑި ދިފާއުކޮށްފައިވަނީ ބައްތިރީސް ވޯޓުންނެވެ. އިޒުރޭލު ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ޒުއަރޭސް މި ގޮނޑި އަތުލާފައިވަނީ ޔޫކުރެއިންގެ ފުޓުބޯޅަ ލެޖެންޑު އަންޑްރޭ ޝެވްޗެންކޯއާ ވާދަކޮށެވެ. ޝެވްޗެންކޯއަށް 15 ވޯޓު ލިބުނު އިރު، ޒުއަރޭސަށް ވަނީ އެއްތިރީސް ވޯޓު ލިބިފައެވެ.

މިއީ 2022 ވަނަ އަހަރު ޔޫކުރެއިނަށް ވެރިވެގަތް ރަޝިޔާ، ދުވަސްކޮޅެއްގެ ތެރޭގައި ބޭން ކުރި އިދާރާ އެވެ. ޔުއެފާ އަދި ފީފާއިން ނިންމާފައިވަނީ އެ އަހަރު ފެބްރުައަރީ 28 ވަނަ ދުވަހުން ފެށިގެން ރަޝިޔާގެ ގައުމީ ޓީމު އަދި ކުލަބުތައްވެސް ޔޫރަޕު އަދި ދުނިޔޭގެ ފެންވަރުގައި ބާއްވާ ހުރިހާ މުބާރާތަކުން އެކަހެރި ކުރުމަށެވެ.
އިޒުރޭލުގެ ލާއިންސާނީ ގަތުލުއާންމަށް ޔުއެފާ އަދި ފީފާއިން ވެސް ދެނީ ބީރު ކަންފަތެކެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީވެސް މިފަދަ އެވެ. ނިމިދިޔަ ޕެރިސް އޮލިމްޕިކްސް ގައި ހުރަހެއްނެތި އިޒުރޭލު އެތުލީޓުން ބައިވެރިވަމުން ދިޔަ އިރުވެސް އެ ގައުމުން ދިޔައީ ފަލަސްތީނުގައި ލޭ އޮހޮރުވަމުންނެވެ؛ މެދު އިރުމަތީގެ މީޑިޔާ މިޑުލް އީސްޓް އައި އިން ރިޕޯޓު ކޮށްފައިވާގޮތުން 2024 ޑިސެމްބަރުމަހާ ހަމައަށް އިޒުރޭލުން ވަނީ 350 އަށްވުރެން ގިނަ ފަލަސްތީނު ފުޓުބޯޅަ ކުޅުންތެރިން ޝަހީދުކޮށްލާފައެވެ.
ފަލަސްތީނުގެ ޣައްޒާގައި 2023 އޮކްޓޫބަރު މަހުން ފެށިގެން ޤަތުލު ޢާންމު ހިންގަމުން އަންނަ އިޒުރޭލު ބޮއިކޮޓު ކުރަން މުޅި ދުނިޔެއިން ގޮވަމުންދާއިރު، ކުޅިވަރުގެ މައި އިދާރާތަކުން މޫނު އަނބުރާލާފައިވަނީ ލަދުވެތިކަމެއް ނެތި އެވެ. 2.3 މިލިއަން ފަލަސްތީނު ރައްޔިތުން ބަނޑަށް ޖައްސާ، އެތައް ލައްކަ މުސްލިމުންގެ ލޭ އޮހޮރުވަމުން އަންނަ ޔަހޫދީ ދަޢުލަތް އެކަހެރިކުރަން ޔުއެފާ، ފީފާ، އަދި އައިއޯސީއަށްވެސް ވަނީ ނުކުޅެދިފައެވެ.