މިއީ މިދިޔަ ނޮވެމްބަރު 30 ވީ ހޮނިހިރު ދުވަހުގެ ރޭ ކުޑަހުވަދޫ ފުޓްސަލް ދަނޑުގައި ކުޅުނު އެމްޕީ ކަޕްގެ ފޯރިގަދަ ފައިނަލް މެޗަށްފަހު އެ ރަށުގެ ޒުވާނެއްގެ އިހުސާސްތަކެވެ.
އެ ޒުވާނާ މިހެން ބުނަން މަޖުބޫރުކުރުވާވަރުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. 2022ގައި ކުލަބު އުފެދުނީއްސުރެ މިއަދާ ހަމައަށް ކުޑަހުވަދޫގައި ބޭއްވި ފުޓްސަލް މުބާރާތްތަކުގައި އެކުލަބުން ހޯދި ވަރުގެ ކާމިޔާބީތަކެއް އެހެން ޓީމަކަށް ހޯދިފައެއް ނެތެވެ. ފުޓްސަލްގައި އެރަށުގެ އެންމެ “ނަން ވިދާ” އެންމެ “އަލިގަދަ” ހުނަރުވެރިން ތިބީވެސް ސައުތުވެސްޓްގަ އެވެ. އެންމެ ރަނގަޅު މެނޭޖްމަންޓަކާއިއެކު، މުބާރާތްތަކަށް އެންމެ ދުރާލާ ވަރުގަދައަށް ތައްޔާރުވާ ޓީމަކީވެސް ސައުތުވެސްޓް ސްޕޯޓްސް ކުލަބެވެ.
ފުޓްސަލްއަށް ލޯބި ކުރާ ޒުވާނުންތަކެއް 2022 ވަނަ އަހަރު އުފެއްދި ކުލަބަށް ސައުތުވެސްޓް ނަން ދެވުނީ އެ އެކުވެރިން ކުޑަހުވަދޫގައި ދިރިއުޅޭ ސަރަހައްދަށް ނިސްބަތްކޮށެވެ. އޭރުވެސް އެކުލަބުގެ އަމާޒު އޮތީ ހަމައެކަނި ނަމެއްގައި މުބާރާތްތަކެއްގައި ބައިވެރިވެލާވަރަށްވުރެ މަތީގަ އެވެ.
“އަހަރުމެން ބައިވެރިވާ ކޮންމެ މުބާރާތެއްވެސް ހަމަ ނަގަން އަމާޒު ހިފީ. ފުރަތަމަ ތައްޔާރުވި މުބާރާތްވެސް އަދި އެންމެ ފަހުން ނިމުނު މުބާރާތަށް ބެލިޔަސް އެކަން އިނގޭނެ. މުބާރާތް ފަށާއިރުވެސް އެންމެންވެސް ބުނާނެ ފައިނަލު މެޗު ކުޅެލީމަ ނިމުނީއޭ. ސައުތުވެސްޓްގެ ތައްޓެކޭ. އެހާވެސް ކޮންފިޑެންސް އޮވޭ، އެވަރަށް ތައްޔާރުވެސް ވާތީ މީހުން އެހެން ބުނަނީ” ކުލަބުގެ ރައީސް ހަމްދާން މުރުޝިދު ވިދާޅުވި އެވެ.
މުބާރާތަކަށް ކުލަބު ތައްޔާރުކުރުމުގައި މުގުލުގައިވެސް ތިބީ އެ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. ކުލަބުގެ ނައިބު ރައީސްގެ މަގާމުގައި ހުރި ކުލަބުގެ މައި ތަނބަކީ އެ ރަށުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އަރީޝް (މުހައްމަދު) އެވެ. އަލީ ޝިމާހު (ބަނދަރޭ) އާއި އަހުޝަމް މޫސާ (ތިއްތޭ) އަކީވެސް ކުލަބުގެ ވިންދާ ގުޅިފައި ތިބި ކުޅުންތެރިންނެވެ. ކޮންމެ މުބާރާތަކަށް ޓީމް ތައްޔާރުކުރުމުގައި އިގްބާލް ރިޔާޒް (އިގޭ) އާއި އިރުފާން އާދަމް ނަސީރު (ޑާޑާ) އާއި ނިހާލް ނަސީމް އަދި ރަހުމަތުﷲ އާދަމް (ރޯހަން) އަކީވެސް ޓީމުގެ ހުރިހާ ކަމެއްގައި ފުރިހަމައަށް ބައިވެރިވެ ޓީމާއިއެކު ހަރަކާތްތެރިވާ މުހިންމު ޚިދުމަތްތެރިންނެވެ.
ކުޑަހުވަދޫގައި 2022 ވަނަ އަހަރު ބޭއްވި ބްރޯސް ކަޕުގެ ތައްޓާއިއެކު ފެށި ދަތުރުގެ ކޮންމެ ހަރުފަތެއް ގިރާކުރީ އެހާމެ އިތުބާރާއި، ފަޚުރުވެރި ކާމިޔާބީތަކާއިއެކުގަ އެވެ. 2023ގެ ގޯޅި ޗެލެންޖު ކަޕްގެ ފައިނަލުން ބަލިވި ނަމަވެސް 2023ގެ ކައުންސިލް ފުޓްސަލް ޗެލެންޖާއި، 2024ގެ ގޯޅި ޗެލެންޖު ކަޕްގެ އިތުރުން އެމްޕީ ކަޕް 2024ގެ ތަށި ހޯދައި، ކުޑަހުވަދޫގައި އެންމެ ފަހުން ޖެހިޖެހިގެން ބޭއްވި ތިން ފުޓްސަލް މުބާރާތްވެސް ކާމިޔާބުކޮށް ސައުތުވެސްޓުން ވަނީ ފުޓްސަލް ރަސްގެފާނުގެ ތާޖު އެކުލަބަށް ހައްގުކަން ސާބިތުކޮށްދީފަ އެވެ.
ކުޑަހުވަދޫގެ އުދަރެހުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިޔަޖަހަން ފެށި ސައުތުވެސްޓްގެ ފިޔަގަނޑު ބޮޑުވެ، ވަރަތަކުގެ ބާރު ގަދަވާން ފެށީ އެ ރަށުގެ ހޭންޑްބޯޅައިގެ “ގަދަ” ނަމަކަށްވެސް އެ ކުލަބު ވުމާއެކުގަ އެކެވެ. އެ ރަށުގައި އެންމެ ފަހުން އޮތް ހޭންޑްބޯޅަ ދެ މުބާރާތްވެސް އެކުލަބުން ކާމިޔާބުކުރީ ފުޓްސަލްގައި ދައްކަމުން އަންނަ ކަހަލަ އަޖައިބުވާ ކަހަލަ ޖާދޫ ދައްކަމުންނެވެ.
2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ތަށި އެކުލަބުން ހޯދީ ފުޓްސަލްގައި ދެއްކި ކަހަލަ ހުނަރުވެރި ކުޅުމަކާއި، އެހެން ޓީމްތަކަށް އަތުނުވާނެ ވަރުގެ ތަފާތެއް ދައްކައިގެންނެވެ.
“އަސްލު ހޭންޑްބޯޅައިގެ ތެރެއަށް ވަންނަން ސައުތުވެސްޓުން ވިސްނައިގެނެއް ނޫންތިބީ. ކުލަބުގެ ގާތް މީހެއްގެ ކޮއްކޮއެއް އައީ އަސްލު ޓީމެއް ހަދައިގެން. ކުލަބު ނަމުގައި ބައިވެރިވާންވެގެން. އޭރު އޭނަ ބުނި މިއީ ތަށި ނަގާނެ ޓީމެކޭ. ދެން އަހަރުމެން މެނޭޖްމަންޓުން ނިންމީ ބައިވެރިވާން. ޓީމްގެ ހުރިހާ ކަމެއްކުރީ އޭނަ. އަހަރުމެން ކުލަބުން ދޭންޖެހޭ ސަޕޯޓްދިނީ. ދެން ރިޒަލްޓްވެސް ބޭނުންވި ފެންވަރުގައި އައީ. އެހެންވެސް މިއަހަރުގެ މުބާރާތުގައި ދެ ޑިވިޝަންގައި ވާދަކުރީވެސް.” މުރުޝިދު ވިދާޅުވި އެވެ.
2023 ގެ މުބާރާތުގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ހޯދިއިރު، މިއަހަރުގެ ކައުންސިލް ހޭންޑްބޯޅަ މުބާރާތް ސައުތުވެސްޓުން ނިންމާލީ އަންހެން އަދި ފިރިހެން ޑިވިޝަންގެވެސް ތައްޓާއިއެކު އެކުގަ އެވެ.
ކުލަބު އުފެދުނުއިރު ކުޑަހުވަދޫގެ ފުޓްސަލްއަށް އެކަނި ވިސްނުން ހުރި ނަމަވެސް މިހާރު އެކުލަބުގެ އަމާޒު ހުރީ ކުޑަހުވަދޫގެ އުދަރެހުން ބޭރަށެވެ. ނިލަންދެ އަތޮޅު ދެކުނުބުރީގެ ޖައްވުން ބޭރުގައި ފިޔަ ޖަހަން ތައްޔާރުވާށެވެ. ގައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކާ ދިމާލަށެވެ. ރަށުގައި މިހާރު އެއްވަނަ ކުލަބުގެ ގޮތުގައި އޮތް ޓީމު މިހާރު ބޭނުންވަނީ މުޅި ރާއްޖޭގެ އެކި ހިސާބުތަކަށްވެސް އެޓީމްގެ ވިދުވަރާއި ފަންވަރު ދައްކާލާށެވެ.
“މިހާރު ހަމަ ޓާގެޓަކީ މާލޭގައިވިޔަސް، ނޫނީ ރާއްޖޭގެ އެހެން ހިސާބެއްގައިވިޔަސް، އެންމެ ފާހަގަކޮށްލެވޭ ވަރުގަދަ މުބާރާތަކަށް ނުކުމެ ކާމިޔާބުކުރަން. މިހާރު ކުޑަހުވަދޫގައި ބޭނުންވާ ފެންވަރަށް މި ޓީމުން ކާމިޔާބު ހޯދައިފި. ހަމަ އެންމެ މަޝްހޫރު މުބާރާތްތަކަށް އަމާޒު ހިފާފައި މިތިބީ” ކުލަބުގެ ހިންގުމުގެ ހުރިހާ ކަމެއްވެސް ގާތުން ބަލަހައްޓަވަމުން އަންނަ ރައީސް މުރުޝިދު ވިދާޅުވި އެވެ.
ކުލަބުން ގޮތުގައި އެ ޓީމަށް މި ކާމިޔާބީ ނު ހޯދޭނެ ސަބަބެއް ނެތެވެ. އެންމެ ފަހުން އެކުލަބު ކާމިޔާބުކުރި އެމްޕީކަޕްގައިވެސް އިދިކޮޅުން ދިވެހިރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިން ކުޅުނެވެ. އެކަމަކު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް 100 ޕަސެންޓް ރެކޯޑަކާއިއެކު ފައިނަލަށް ނުކުމެ، ސައުތުވެސްޓުން ވަނީ އެހެން ޓީމްތަކަށް ގޮންޖަހާލާވަރުގެ ކުޅުމެއް ދައްކާފަ އެވެ. ސައުތުވެސްޓްގެ ޒުވާން މެނޭޖްމަންޓުން މިހާތަނަށް ގުޅިގެން ކުރި މަސައްކަތްތަކުން ހޯދި ކާމިޔާބީތަކަކީ ބޮޑު ޗެލެންޖަކަށް ނުކުންނައިރު އެކުލަބުގެ ސަޕޯޓަރުނަންށް އޮތް އެންމެ ބޮޑު އިތުބާރެވެ.
ގައުމީ ފެންވަރުގެ މުބާރާތްތަކަށް ވިސްނުންހުރި ކަމުގައިވިޔަސް އެ ރަށުގެ ފުޓްސަލް ކުރިއެރުވުމަށް އެކުލަބުން ތިބީ ފުރިހަމަ އެއްބާރުލުމެއް ދޭން ތައްޔާރަށެވެ. މިގޮތުން ރަށްރަށަށް އަމާޒުކޮށް ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ކުޑަހުވަދޫ ޓީމް ތައްޔާރުކޮށް އެކަން މެނޭޖުކުރުމަށްވެސް ސައުތުވެސްޓްގެ ޒުވާން ޓީމް އޮތީ ތައްޔާރަށެވެ. ޖެނުއަރީ މަހު ފެށޭ މުބާރާތުގައި އެ ފުރުސަތު އެ ޓީމަށް ލިބިފައި ނެތަސް، ޖެހިގެން އަންނަ އަހަރުގެ މުބާރާތަށް އެފުރުސަތު ލިބޭނެކަމަށް އޭނާ އުއްމީދުކުރެ އެވެ.
ސައުތުވެސްޓްގެ ހިތަކީ އެކުލަބުގެ އެކުލުންތެރިން މެނޭޖްމަންޓެވެ. ކުލަބުގެ ރައީސް ގަބޫލުކުރައްވާ ގޮތުން އެ ޓީމުގެ ހުރިހާ މެންބަރުންގެ ބަދަހި ގުޅުމަކީ އެކުލަބަށް ކުރިއަށް އޮތްތާނގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އޭނާއަށް ލިބޭކަމެކެވެ. އެކުލަބުގެ ސަޕޯޓަރުންނާއިއެކު ޕާޓްނަރުންގެ ނަންވެސް އޭނާ ފާހަގަކުރައްވަނީ ޝުކުރުވެރިކަމާއިއެކުގަ އެވެ.
ރައީސް ދެއްވާ ޔަގީންކަމަކީ ކުޑަހުވަދޫގެ ކުޅިވަރުގެ ދަންމަރު އަބަދުވެސް ސައުތުވެސްޓް އިން އަލި ގަދަކޮށް ދަމަހައްޓައިދޭނެކަމުގެ ޔަގީންކަމެވެ. އެކުލަބަކީ އެހެން ކުލަބުތަކަށް ނަމޫނާ ދައްކާނެ ކުލަބަކަށްވާނެ ކަމެވެ. އަދި އުއްމީދަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑަށް އެކުލަބު ހެދުމެވެ.