އެފްއޭއެމްގެ ނުދެއްކި ވާ ދަރަނި ޚަލާސް ކުރުމާ ގުޅޭގޮތުން، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި މަޝްވަރާކުރައްވަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދު ﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރޭގައި ކުރިޔަށްދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ގައި ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ. މި ކަމާ ގުޅޭ މަޝްވަރާތައް ބާރަށް ކުރިއަށްގޮސް، އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ ދަރަނި މިވަގުތު 150 މިލިއަން ރުފިޔާއަށް އަރައެވެ.

ދަރަނީގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ އިތުރުން، ރޭގެ ކޮންގްރެސްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ފުޓުބޯޅަ އަނބުރާ އިއާދަކުރުމަށް މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، މުބާރާތްތައް އިންތިޒާމު ކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ރަށްރަށުގައި ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރެވެމުންދާކަން ފާހަގަ ކުރެއްވިއަެވެ.

އެފްއޭއެމް ކޮންގްރެސް ކުރިޔަށް ގެންގޮސްފައިވަނީ ފީފާގެ މަންދޫބުންގެ ހާޒިރުގައި

މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ، މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޮތް ކުޅިވަރު ޤާނޫނު އިސްލާހު ކުރުމާ ގުޅޭ ބިލް ނިންމުމުގައި މިނިސްޓްރީން އެއްބާރުލުން ދެމުން އަންނަކަމެވެ. އަދި އެފްއޭއެމް ގެ ހިންގާ ޤަވާއިދު އިސްލާހު ކުރުމަށް އިލްތިމާސް ކުރައްވާފައިވެސް ވެއެވެ.

ރޭގެ ކޮންގްރެސްގައި މިނިސްޓަރުގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުންވެސް ބައިވެރިވެލައްވާފައިވެއެވެ.

ކޮންގްރެސްގެ އެޖެންޑާގައިވާ ގޮތުގެ މަތިން އެފްއޭއެމްގެ 3 ކޮމިޓީއަކަށް މެމްބަރުން އައްޔަންކޮށް، ފާއިތުވި 2023 އަދި 2024 އަހަރުތަކުގެ މާލިއްޔަތު އޮޑިޓު ކުރުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރުމަށްވެސް އެސޯސިއޭޝަނުން ނިންމާފައި ވެއެވެ.

 

Leave a Comment