އީގަލްސް އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ހަ ގޯލު ޖަހައި އެފްއޭއެމް 19 އަހަރުން ދަށުގެ “ޔޫތު ލީގު 2025″ގެ ޗެމްޕިއަންކަން 14 އަހަރަށްފަހު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސްގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ ބޯވާރޭގައި ކުޅުނު ފޯރިގަދަ ފައިނަލްގައި 6-1ގެ ބޮޑު ތަފާތަކުންނެވެ. މާޒިޔާ މިއަހަރުގެ މުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އީގަލްސްއާ އެއް ގްރޫޕެއްގައި މާޒިޔާ ހިމެނުއިރު، ގްރޫޕް ސްޓޭޖުގައިވެސް މާޒިޔާއިން ވަނީ އީގަލްސް އަތުން މޮޅުވެފައެވެ.
މިއީ އެފްއޭއެމުން އިންތިޒާމްކުރި ޔޫތު މުބާރާތް މާޒިޔާއިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެޓީމުން މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރީ 2011 ވަނަ އަހަރުގައެވެ.
ފައިނަލް މެޗުގެ ކުރީކޮޅު އީގަލްސްއިން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގިއެވެ. އީގަލްސްގެ ކެޕްޓަން މުޙައްމަދު ޝަމްހާން ދިން ބޯޅައަކަށް އަރައި މި ގޯލު ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޝްހަމް އިބްރާހިމްއެވެ.
މާޒިޔާއިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. މިގޮތުން ދެވަނަ ހާފުގެ ކުރީކޮޅު އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އިދާން އަހުމަދު މޫސާއެވެ. އަބްދުﷲ އަނޫފްގެ ގޯލުން މާޒިޔާއިން ލީޑު ނެގިއިރު، މެޗުގެ 86 ވަނަ މިނެޓުގައި ތިންވަނަ ގޯލު ޖަހައިދިނީ ނައްސާހް އިބްރަހިމްއެވެ.
ގޯލެއް ޖެހުމަށް އީގަލްސްއިން މެޗުގެ ފަހު ވަގުތުކޮޅު ކުރިއަށްޖެހިލައިގެން ކުޅެމުންދަނިކޮށް މާޒިޔާއިން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލުވެސް ޖަހައިދިނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި މާޒިޔާގެ އިލާން އިމްރާންއެވެ. އިލާން ވަނީ މުބާރާތުގައި ނުވަ ގޯލު ޖަހާފައެވެ.
މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނުނީ މާޒިޔާގެ އީދަން، އަނޫފް، އިލާން، އަހުމަދު ހަމީޝް އަރީފް، އަލްސަން އިބްރާހިމް، އީގަލްސްގެ އަޝްހަމް، ޝަމްހާން، މުޙައްމަދު އައިމަން ހަސަން، ޒަހްރާން ހަސަން، އޮޑި ސްޕޯޓްސް ކުލަބުގެ މުޙައްމަދު ރަވާޢުގެ އިތުރުން ޓީސީގެ ނާއިލް ޔޫސުފްއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެއްވެސް މެޗަކުން ބަލިނުވެ މަޒިޔާއަށް ތަށި ހޯދައިދިން ކޯޗު އިބްރާހިމް ސައީދު (ކަކާ)އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އޮޑި ސްޕޯޓްސް ކުލަބެވެ.