ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި އޮޑި ސްޕޯޓްސް ކޮޅަށް ހަތަރު ގޯލު ޖަހައި، މާޒިޔާއިން މޮޅުވީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީއެވެ.
މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ފުރަތަމަ ހާފުގައި ދެ ގޯލު، އަދި ދެވަނަ ހާފުގައި ދެގޯލު ޖަހައިގެންނެވެ. މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތެއްގައި އޭރިއާ ބޭރުން އޮޑި ސްޕޯޓްސްގެ ގޯލަށް ބޯޅަ ފޮނުވާލައި މާޒިޔާއަށް ލީޑު ނަގައިދިނީ މިޑްފީލްޑާ އިބްރާހީމް އައިސަމް އެވެ.
ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި މާޒިޔާގެ ވިންގާ އަހުމަދު އައިހަމް (ފަތޯ) ތިރިން ފޮނުވާލި ހުރަހެއްގައި ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް (ހަންނަ) އެވެ.
ފުރަތަމަ ހާފުގެ ފަހުބައި އަދި ދެވަނަ ހާފުގެ ކުރީ ކޮޅުގައި ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ތިންވަނަ ގޯލެއް ފެނިގެން ދިޔައީ މެޗުގެ 70 ވަނަ މިނެޓުގައެވެ. އޭގެ އިރުކޮޅެއްކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އިލާން އިމްރާން މި ލަނޑު ޖަހާފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުން ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ އަކުންނެވެ.
އުމުރުން 16 އަހަރުގެ އިލާން ވަނީ އޭގެ ފަސް މިނެޓު ފަހުން އިތުރު ގޯލެއް ޖަހައި، އޮޑި ސްޕޯޓްސް އިން ނަތީޖާ ބަދަލު ކުރުމަށް ކުރަމުން އައި އުއްމީދު ކަނޑުވާލާފައެވެ. މިއީ ލީގު ކަޕުގައި އިލާން ޖެހި ހަތަރުވަނަ ގޯލެވެ. މިއާއެކު މުބާރާތުގެ ރަން ބޫޓު އިލާނަށް ޔަގީންވި އެވެ.
ސާދަ ވަރަކަށް މަސް ވަންދެން ވާދަވެރި މުބާރާތެއް ނުކުޅެވި މެދުކެނޑިފައި އޮތުމަށްފަހު ކުލަބު ފުޓުބޯޅަ އަލުން ފަށައި، ޖޫން މަހު ތެރޭގައި ކުޅެން ތާވަލުކުރެވިފައިވާ ގައުމީ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ތައްޔާރު ކުރުވުމުގެ ނިޔަތުގައި އެފްއޭއެމުން އިންތިޒާމުކޮށްގެން ބޭެއްވި ލީގުކަޕު، މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.
މާޒިޔާ އާއި އޮޑި ލީގު ސްޓޭޖުގައި ކުރިމަތިލައިގެން ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ.
ލީގު ކަޕުގައި މި ދެޓީމުގެ އިތުރުން ބައިވެރިވެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބު އަދި ދެވަނަ ޑިވިށަންގެ ދެ ކުލަބުކަމަށްވާ ނިއުރޭޑިއަންޓް އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ޓީސީ އާއި ނިއު ސެމީފައިނަލަށް ދަތުރު ކުރި ނަމަވެސް ވަނީ ފައިނަލުން ޖާގައެއް ލިބޭގޮތް ނުވެފައެވެ.
ސެމީގައި މާޒިޔާ އަތުން ޓީސީ ބަލިވެފައިވާއިރު، ނިއުރޭޑިއަންޓް ވަނީ ސެމީގައި އޮޑި އާ ދެކޮޅަށް ނުކުމެ، ގިނަ ވަގުތު ނަތީޖާ އެއްވަރުކޮށް އޮތްނަމަވެސް ފަހު ވަގުތުގައި ބައިކޮޅަށް ލަނޑެއް ވަނުމުގެ ސަބަބުން މުބާރާތާ އަލްވަދާއު ކިޔާފައެވެ. ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު މަހިބަދޫއަށް ލީގު ކަޕު ނިންމާލަން ޖެހުނީ ތާވަލުގެ ފަހަތުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ކުރިޔަށްދިޔަ އެފްއޭއެމް 19 އަހަރުންދަށުގެ ޗެމްޕިއަންޝިޕުވެސް ކާމިޔާބުކޮށްފައިވާ މާޒިޔާ، އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ  ފުޓުބޯޅަ ސީޒަނާ ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގު އަދި އެފް އޭ ކަޕުގެވެސް ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގަ އެވެ.

 

Leave a Comment