ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ، (ސާންތި ކޯޗް) ގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފިއެވެ.
ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު ސާންތި ކޯޗުގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފައިވަނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ޚިދުމަތުގެ ޤައުމީ އިނާމު ސާންތި ކޯޗަށް ދީފައިވާއިރު، ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކާއި ޖަމްޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކާއި ކުންފުންޏަކަށް ދީފައިވެއެވެ.
2025 ވަނަ އަހަރުގެ މާރިޗު މަހުގެ 22ވަނަ ދުވަހުގެ ރޭ، ޢުމުރުން 51 އަހަރުގައި މި ދުނިޔެއާ ވަކިވި ކޯޗުގެ ހަނދާނަށް ދީފައިވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޯޗުގެ ފަރާތުން ޤައުމަށް ލިބިފައިވާތީ ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުންނެވެ.
ސާންތި ކޯޗު ފުރަތަމަ ފެނިގެންދިޔައީ، މަޖީދިއްޔާ ސްކޫލްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ދެން ފެނުނީ ގަލޮޅު ރަސްމީ ދަނޑުން ޔޫތު ސްޕޯޓްސް ކުލަބުގެ ހުނަރުވެރި މިޑް ފީލްޑަރެއްގެ ގޮތުގައެވެ. އޭގެފަހުން، ފުޓުބޯޅަ ކުޅުއްވުމަށްވުރެ ބޮޑަށް ޚާއްޞަވީ، ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ކުޅުންތެރިންނާއި ކޯޗުން ތަމްރީނުކޮށް ބިނާ ކުރުމަށެވެ. އެ ޢަޒުމުގައި އެ ދާއިރާއަށް ނުކުތީ ވަރަށް ޒުވާން ޢުމުރުގައެވެ.
ދިވެހި ފުޓުބޯޅައިގައި ލިބުނު އެންމެ ބޮޑު އަދި އެންމެ ޚާއްޞަ ވަގުތުތަކުގައި ސާންތި ކޯޗުގެ ހިއްސާ އެހާމެ ބޮޑެވެ. 2004 ވަނަ އަހަރުގެ މާރިޗު މަހު ގަލޮޅު ދަނޑުގައި، ވަރުގަދަ ދެކުނު ކޮރެއާ އާ ދެކޮޅަށް ރާއްޖެއިން އެއްވަރުކުރި މެޗުގެ އެސިސްޓެންޓު ކޯޗުންގެ ތެރޭގައި، ސާންތި ކޯޗު ހިމެނޭއިރު، އޭގެ ހަތަރު އަހަރު ފަހުން، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، އެންމެ އިސް އެސިސްޓެންޓަކީ ވެސް ސާންތި ކޯޗެވެ. އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރު ދެވަނަ ފަހަރަށް އެ މުބާރާތް ރާއްޖެއިން ކާމިޔާބުކުރިއިރު، ސާންތި ކޯޗު ހުރީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމުގައެވެ.
ސާންތި ކޯޗު ވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކޮށްފައެވެ. އަދި 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރިއިރު ރާއްޖޭގެ ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަން އަކީ ވެސް ސާންތި ކޯޗެވެ. އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުގެ މަގާމާއި، 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓެކްނިކަލް އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން، 19 އަހަރުން ދަށުގެ ޤައުމީ ޓިމުގެ ހެޑް ކޯޗުކަން ވެސް ސާންތި ކޯޗު ވަނީ ކޮށްފައެވެ. ކްލަބް އީގަލްސްގެ ކޯޗު ކަމުގައި ހުރުމަށްފަހު އެ މަގާމުން 2017 ވަނަ އަހަރު ވަކިވެ، ދެން ފެނުނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުންނެވެ. އެއަށްފަހު 2020 ވަނަ އަހަރު އޭދަފުށީގެ ކޯޗެއްގެ ގޮތުގައި ފެނުމަށްފަހު އަދި އޭގެ އަހަރެއް ފަހުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަން ވެސް ސާންތި ކޯޗު ވަނީ ކޮށްފައެވެ. އެއަށްފަހު އަނެއްކާ ވެސް ސާންތި ކޯޗު ޙަވާލުވީ ކްލަބް އީގަލްސްގެ ކޯޗު ކަމާއެވެ. ސާންތި ކޯޗާއެކު ކުލަބަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 2016 ވަނަ އަހަރެވެ. އެ އަހަރު ކްލަބް އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ގިނައިން ހިމެނުނީ، ސާންތި ކޯޗު ބިނާކޮށް، ދަނޑަށް ނެރެދިން ޒުވާން ބެޗުގެ ކުޅުންތެރިންނެވެ.
ރާއްޖޭގެ އެތައް ރަށެއްގައި ކޯޗިންގ ކޭމްޕުތައް ހިންގައި، ކުޅުންތެރިންނާއެކު ކޯޗުން ވެސް ތަމްރީނު ކުރިއެވެ. އެކި ރަށްރަށުން ޒުވާން ކުޅުންތެރިން މާލެއަށް ގެނަސްގެން، ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދީނެވެ. ފުޓްބޯޅަޔާ ގުޅުން ހުރި ކޮންމެ ކަމެއްގައި ވެސް ކޯޗުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ޚާއްސަކޮށް އާ ކުޅުންތެރިންނަށް ފުރުޞަތު ދީގެން، ޓީމެއް ބިނާކޮށް، ކާމިޔާބީއާ ހަމަޔަށް ވާސިލުވުމަކީ، ލިބޭ އެންމެބޮޑު އުފާ ކަމުގައި ސާންތި ކޯޗު އަބަދުވެސް ބުނެއެވެ. މުޅި ޙަޔާތް ފުޓްބޯޅައަށް ޓަކައި، ފުޓްބޯޅައިގެ ޚިދުމަތުގައި ކޯޗު ހޭދަކޮށްފައިވެއެވެ.
Ansar Ibrahim


