ނައިންޓީ ޕްލަސް ގޯލްޑުކަޕް ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޅ.ނައިފަރު 0-5 އިން ބަލިކޮށް، ބ.އޭދަފުށި ސެމީފައިނަލުގެ ޖާގަ ޔަގީންކޮށްފި އެވެ.
އޭދަފުށިން މިއަދުގެ މެޗު ފަށާފައިވަނީ ނިޝާމް މުހައްމަދުގެ އިތުރުން ގައުމީ ޓީމުގެ ދެކުޅުންތެރިންކަމަށްވާ ހައިޝަމް ހަސަން އަދި އަލީ ފާސިރު އާއެކު އެވެ. މެޗު ފަށައިގެން ފަންސަވީސް މިނެޓު ވީއިރު އޭދަފުށިން ވަނީ ތިން ލަނޑު ޖަހާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އައިހަމް ނަގައިދިން ހިލޭ ޖެހުމެެއްގައި ނައިފަރު ކުޅުންތެރިއެއް ބޮލުން ކްލިއާކުރަން އުޅެނިކޮށް ވަނީ ބައިކޮޅު ގޯލަށް ބޯޅަ ވައްދާލެވިފައެވެ.
ތޭރަވަނަ މިނެޓުގައި އަލީ ފާސިރަށް ކުރި ފައުލަކާއި ގުޅިގެން އޭދަފުށްޓަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. ނަމަވެސް ހައިޝަމް ފޮނުވާލި ބޯޅަ ނައިފަރު ގޯލްކީޕަރު އަބްދުﷲ މުޙައްމަދު ވަނީ ދިފާޢުކޮށްފައެވެ. ނަމަވެސް އަލީ ފާސިރު އަދި އައިހަމް ޖަހައިދިން ލަނޑުތަކުން އޭދަފުށި ފުރަތަމަ ހާފު ނިންމާލީ 0-3 އިން ނެއެވެ.
މެޗުގެ ހަތަރުވަނަ އަދި ފަސްވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މުހައްމަދު ފާސިރު އަދި އިޝާން އިބްރާހީމް އެވެ. ފުރަތަމަ ޑިވިށަނުގައި ކުޅުމުގެ ތަޖުރިބާ ހުރި އެތައް ކުޅުންތެރިންނެއް ހިމެނޭ އޭދަފުށިން މިއަދު މެޗުގެ ދެވަނަ ހާފުގައި ވަނީ ގައުމީ ޓީމުގެ ވިންގަށް ކުޅޭ ހަމްޒާ މުހައްމަދު ވެސް ކުޅެން ނެރެފައެވެ. ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގައި އެއްރަށަކަށް އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ އޭދަފުށިން މިއަދު މިވަނީ ގޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް މި ހުރިހާ ކުޅުންތެރިން އެއްފަހަރާ ދަނޑުމަށްޗަށް ނެރެފައެވެ.
ގޯލްޑު ކަޕުގައި މޮޅު ކުޅުމެއް ދައްކާފައިވާ ނައިފަރު، މުބާރާތުން ވަކިވަން ޖެހުނީ އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެގެން ނެވެ. ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންވެފަ އޮތް ނައިފަރު މިދިޔަ އާދީއްތަ ދުވަހު އައްޑޫ ސިޓީ އަތުން ބަލިވީ 2-7 އިން ނެވެ.
ނައިންޓީ ޕްލަސް ގޯލްޑުކަޕުގެ ސެމީފައިނަލުގައި އޭދަފުށި ކުރިމަތިލާނެ ޓީމެއް ކަނޑައަޅަން މިރޭ ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ކާފު އަތޮޅަށް ނިސްބަތްވާ ދެޓީމު ކަމުގައިވާ މާލެ އާއި ގުރައިދޫއެވެ.