ހަތަރެއް އެގާރަ، މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުން މި ފެނުނީ ކޮންކަމަކާ ގުޅުންހުރި ޕޯސްޓް ތަކެއްބާވައެވެ؟ މި ޕޯސްޓް ތަކުގައި މިވާ އަދަދަކީ އުމުރެއް، ނޫނީ ތާރީހެއްބާވައެވެ؟ ކަމެއް ވާން އުޅޭކަން އެންމެނަށް ވެސް އެނގެއެވެ. އެކަމު ވާން މިއުޅެނީ ކޮންކަމެއް ބާވައެވެ؟
ފާއިތުވި ދުވަސް ތަކުގެ އިންތިޒާރާއި އެދުވަސްތަކުގެ ތެރޭ އަޅުގަނޑުމެންނަށް ހުއްޓުމެއްނެތި އަންނަމުން އައި ސުވާލުތަކުގެ ޖަވާބަކީ މިއީއެވެ. މިއަދަކީ ދިވެހި ކުޅިވަރުއާއިލާއަށް އުފާވެރި ދުވަހެކެވެ. ކުޅިވަރަށް ލޯބިކުރާ ދިވެހި ކޮންމެ ދަރިޔަކަށް އީދެކެވެ. ކިޔުންތެރިންނާއި ބެލުންތެރިން, ދިވެހި ކުޅުންތެރިންނާއި އެއް ހަރުފަތްކައިރިއަށް ގެނެސްދޭނެ ދުވަހެވެ. ސިޑިބަރިން ބައްދަލުކޮށްލެވޭނެ ދުވެހެކެވެ.
އަޅުގަނޑުމެން މިއަދު މި އިފްތިތާހުކުރާ ވެބްސައިޓަކީ އެތައްބައެއްގެ ވަރަށް ބޮޑު އުންމީދެކެވެ. އެތައްބައެއްގެ މިންނެތް މަސައްކަތެވެ. ކުޅިވަރުގެ ޒަރިއްޔާއިންދިވެހިރާއްޖެ ގުޅުވާލަން ކުރާ މި ދަތުރުގައި, މިހާތަނަށް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ސިޑިބަރީގެ ތާރިހުގައި މިއަދަކީ ޔަގީނުންވެސް ރަންއަކުރުން ފަވާލެވޭނެ ދުވަހެކެވެ.
މިއަދުގެ މި އުފަލުގައި ދިވެހި ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރު އިދާރާތަކުން, ޖުމުލަކޮށް މުޅި ކުޅިވަރު އާއިލާ, އަޅުގަނޑުމެންނާއި މެދު ބާއްވާ ގާތް ގުޅުން ފާހަގަ ކުރަމެވެ. ތިޔަ ކޮންމެ ކުޅުންތެރިއަކީ އަދި އިދާރާއަކީ ވެސް އަޅުގަނޑުމެން މިހިސާބަށް އައުމުގައި ކޮންމެވެސް ހިއްސާއެއް އަދާކޮށްފައިވާ ހިއްސާދާރެކެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ވެބްސައިޓުގެ ޒަރިއްޔާއިން ތިޔަ ފަރާތްތަކުގެ މަސައްކަތްތައް މިހާރަށް ވުރެ ކައިރިން، ތާޒާކަންމަތީ މުޅި ދިވެހިރާއްޖެ އަށް ފޯރުކޮށްދިނުމެވެ. މާތް ﷲ ގެ އިރާދަފުޅު އެކަމުގެ ޔަގީންކަން ވެސް އަރުވަމެވެ.
ކުރު މުއްދަތެއްގެ ތެރޭގައި މީޑިޔާއެއްގެ ހައިސިއްޔަތުން ސިޑިބަރި މިހިސާބަށް ވާސިލުވުމުގެ ފަހަތުގައި ތިބީ ހަމަ ތިޔަ ލޮބުވެތި ކިޔުންތެރިންނާއި ބެލުންތެރިންނެވެ. ކުޅިވަރަށް ލޯބިކުރާ ފަހުރުވެރި ދިވެހި ދަރީންނެވެ. އެހެންކަމުން ތިޔަ އެންމެހާ ފަރާތްތަކަށް ސިޑިބަރި މެނޭޖްމެންޓާއި ޓީމްގެ ފަރާތުން ފަށްފަށުން ޝުކުރު އަދާކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ ދިވެހި ކުޅިވަރު, ހަރުފަތަކަށް ވުރެ ހަރުފަތެއް މައްޗަށް ދިއުމެވެ. އަދި ދުނިޔޭގެ މައިދާނުގައި ދިވެހި ކުޅުންތެރިންގެ ނަން ފަވާލެވިގެންދިއުމެވެ.