އޮލިމްޕިކްސް އަކަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދުމަށްފަހު މާލެ އައުމުން ފާތިމަތު ދީމާ އަލީ އަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

ނޭޕާލްގައި ކުރިއަށްދިޔަ ރީޖަނަލް ކޮލިފައިންގެ އެއްވަނަ ހޯދާ ދީމާ ވަނީ މިއަހަރު ޕެރިސްގައި އޮންނަ އޮލިމްޕިކްސްއިން ޖާގަ ހޯދާފަ އެވެ. ދީމާ އަކީ އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ދިމާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު އެވެ.

ދީމާގެ ޝަރަފްގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގަ އެވެ. މި ހަރަކާތުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ގައުމީ ޓީމްތަކުގެ ކުޅުންތެރިންވެސް ބައިވެރިވި އެވެ. ރަތް ދޫލައިގައި ދީމާ އަށް މަރުހަބާ ކިޔާފައިވާއިރު، ޓޭބަލް ޓެނިސް އާއިލާގެ ގިނަ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވަނީ މި ކާމިޔާބީ ހޯދުމަށް ދީމާގެ މައިންބަފައިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި ޅަ އުމުރުގައި ޓޭބަލް ޓެނިހުން ކުރިއަށްދިޔުމަށް ދީމާވެފައިވާ ގުރުބާނީވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރުވަނީ ދީމާ އަކީ އެހެން އެތުލީޓުން މިސާލު ނަގަން ޖެހޭ އެތުލީޓެއްކަން ފާހަގަކޮށްފަ އެވެ. އަދި އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވުމަށް ކުރި މަސައްކަތްވެސް އޭނާ ފާހަގަކުރެއްވި އެވެ.

Leave a Comment