ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިްސް (ވީއޭއެމް)ގެ އާ ދައުރުގެ އިންތިހާބު މިރޭ ބާއްވަން ތައްޔާރު ވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ ހަރުގޭގައި މިރޭ 8:30ގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ވީއޭއެމްގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި އާ ހިންގާ ކޮމިޓީއަށް 14 މެމްބަރުން އައްޔަނުކުރާނެ އެވެ.
އެ 14 މެމްބަރުންނަކީ ރައީސް, ސީނިއާ ނައިބު ރައީސް, ނައިބު ރައީސް, ނައިބު ރައީސް- ވޮލީބޯލް, ނައިބު ރައީސް -ބީޗް ވޮލީބޯލް, އިދާރީ ނައިބު ރައީސް, އަންހެން ނައިބު ރައީސް އަދި ހަޒާންދާރުގެ އިތުރުން, ހިންގާ ކޮމިޓީގެ ހަ މެމްބަރުންނެވެ. މި ހަ މެމްބަރުގެ ތެރޭގައި އަންހެން މެމްބަރަކަށް ހާއްސަ ޖާގައެއް ވެސް ލިބެ އެވެ.
ވީއޭއެމްގެ ރައީސްކަމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އިންތިހާބުކުރި މުހައްމަދު ރަނޭޝް, ދައުރުގައި ބާކީ އެއް އަހަރު އޮއްވައި މިދިޔަ އަހަރުގެ މާޗު 1ގައި އިސްތިއުފާ ދެއްވުމުން, އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއަކުން ވަނީ, 2016 އިން 2019 އަށް ރައީސްކަން ކުރެއްވި މުހައްމަދު ލަތީފް އަލުން އެ މަގާމަށް އިންތިހާބުކޮށްފަ އެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމުން ރަނޭޝް އިސްތިއުފާ ދީފި
ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތުމުން އެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސް އަށް ދިއުމުގެ ކުރިން ވެސް ލަތީފަށް ވަނީ އަސާސީގަވާއިދުގައި ބުނާ ގޮތުން ރައީސްކަން ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން ސީނިއާ ނައިބު ރައީސަކަށް މުހައްމަދު ސާޖިދު (ކާއްޓޭ), ސެކްޝަން ނައިބު ރައީސަކަށް އަލީ ލަތީފް, އިދާރީ ނައިބު ރައީސަކަށް އިއްޒަތު ވަހީދު އަދި އަންހެން ނައިބު ރައީސަކަށް އާއިދާ އަބްދުލް ހަކީމް ވެސް ވަނީ އެކަކު ކުރިމަތިލުމުން ވޯޓަކާ ނުލައި އިންތިހާބުވެފަ އެވެ.
ލަތީފް އަށް 2019 ވަނަ އަހަރު މަގާމު ގެއްލުނީ, ކުރީގެ ސްޕޯޓްސް ކޮމިޝަނާ، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވީއޭއެމްގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ރަނޭޝް, ރައީސްގެ މަގާމަށް އިންތިހާބުކުރީ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު އެވެ.
ރަނޭޝްގެ ދައުރުގައި ވީއޭއެމްގެ ގަވާއިދާ އެއްގޮތަށް އަހަރީ ޖަލްސާ ނުބާއްވާތީ, ލިޔެކިޔުން ހަމަނުވެގެން އުވާލަން އިއުލާން ކުރި ޖަމިއްޔާތަކުގެ ތެރޭގައި 2023 ވަނަ އަހަރު ހިމެނުމުން, އެ އަހަރުގެ ނޮވެމްބަރު 3ގައި ވަނީ ތިން އަހަރު ފަހުން އަހަރީ އާއްމު ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި, އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ގިނަ ކަންތައްތަކަކާ އެކު އަސާސީ ގަވާއިދަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްފައި ވާއިރު, އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވެސް މަސައްކަތް ކުރި އެވެ.
ނަމަވެސް އެ އާއްމު ޖަލްސާގައި ވޯޓުދިން ކްލަބްތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ, އެ ޖަލްސާއަކީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތަށް ބޭއްވުނު ޖަލްސާއެއް ނޫން ކަމަށް އޭރު ހުންނެވި އެކްޓިން ސްޕޯޓްސް ކޮމިޝަނާ އާއިޝަތު ސަމާހު ނިންމެވި އެވެ.