އޭދަފުށީ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް ކްލަބް އީގަލްސް އިން ފޮނުވި ސިޓީގައި ވަނީ މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި ކުޅުމަށް ނިޝާމް މުހައްމަދު (ޕޮގްބާ) ދޫކޮށްލުމަށް ދެ ލައްކަ ރުފިޔާގެ ފީއަކާއި ހެލްތު އިންޝުއަރެންސް ދިނުމަށް އެދިފަ އެވެ.
ޖެނެރަލް ސެކްރެޓަރީ ސައީދު އަލީ ސޮއިކުރައްވައި ކްލަބް އީގަލްސް އިން ފޮނުވި ސިޓީއަކީ ގޯލްޑް ކަޕްގައި އެ ރަށުގެ ބާކީ ހުރި މެޗުތަކަށް ނިޝާމްގެ ރިލީޒަށް އެ ކްލަބުގެ ކިބައިން އެދުމުން އޭދަފުށީ ކައުންސިލަށް އެ ސިޓީގެ ޖަވާބު ދިނުމުގެ ގޮތުން ފޮނުވި ސިޓީއެކެވެ.
ކްލަބް އީގަލްސްގެ ސިޓީގައި ބުނެފައި ވަނީ “މި ކްލަބުން ގަބޫލު ކުރާ ގޮތުގައި ގޯލްޑް ކަޕު 2024 އަކީ މި ގައުމުގެ ފުޓްބޯޅައަށް އެއްވެސް ފައިދާއެއް ކުރާނެ މުބާރާތެއްގެ ގޮތުގައި ނުދެކެމެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް ވެސް ތި މުބާރާތުން ފައިދާއެއްވާނެ ކަމަކަށް މި ކްލަބުން ގަބޫލެއް ނުކުރަމެވެ.”
” ނިޝާމް މުހައްމަދު ރާޝިދު (ޕޮގްބާ) އަށް ގޯލްޑްކަޕް 2024 އަށް މި ކްލަބުން ދޫކުރެވެން އޮތް ހަމައެކަނި ގޮތަކީ 200.000.00 (ދެ ލައްކަ) ދިވެހި ރުފިޔާގެ ރިލީސް ފީއެއް މި ކްލަބަށް ދައްކަވާ އަދި މި މުބާރާތަށް ދޫކުރެވިފައިވާ ދުވަސްވަރު ޕޮގްބާ އަސް ގެއްލުމެއް ލިބިއްޖެނަމަ ތި ކައުންސިލުން ޕޮގްބާގެ ބޭސްފަރުވާ އަށް ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަސް އެއްބަސްވެވިގެންނެވެ.” ކައުންސިލްގެ ރައީސްއަށް 26 ނޮވެންބަރުގައި ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.
އޭދަފުސީ ކައުންސިލްގެ ރައީސް ވަނީ ނިޝާމް އަށް ކުޅުންތެރިއެއްގެ ހައިސިއްޔަތުން ގޯލްޑް ކަޕް ބޭނުންވާކަން ބަޔާންކޮށް، އޭދަފުށީ ރައްޔިތުންގެ ފަރާތުން ނިޝާމް އެ ރަށް ތަމްސީލުކުރާ ތަން ބެލުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.
އޭދަފުށީ ކައުންސިލުން ވަނީ ކްލަބް އީގަލްސް އިން ދިވެހި ފުޓުބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކަށް ތައުރީފްކޮށް ނިޝާމް ދޫކޮށްލުމާ ގުޅޭ ގޮތުން ކްލަބުން ހުށަހެޅި ހުރިހާ ހުށަހެޅުންތަކާ މެދު އެ ރަށުން ވިސްނާނެ ކަމަށް ބުނެފަ އެވެ.
ގޯލްޑް ކަޕްގެ ގްރޫޕް ބީގައި ހިމެނޭ އޭދަފުށިން މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ވަނީ ތުޅާދޫގެ މައްޗަށް ކުރި ހޯދާފައެވެ. އެ ޓީމު ކުޅޭ ދެވަނަ މެޗުގައި މިއަދު ނުކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ.