ދިވެހިރާއްޖޭގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ، ހޭންޑްބޯލް އިން މިވަނީ އެ ކުޅިވަރުގެ ބީޗް ހޭންޑްބޯލް ޓީމުގެ އެކުލަވާލުމަށް ޓަކައި ތައްޔާރީތައް ވާން ފަށާފައެވެ. އެ ގޮތުން، ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ 8 ނޮވެންބަރުގައި އެކަމަށް ޝައުގު ހުންނަ ކުދިން ކުރިމަތި ލުމަށް ހުޅުވާލާފައެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެވައިވަނީ, 18 އަހަރު ފުރި އަދި އެ ކުޅިވަރަށް ލޯބި ހުރި ކޮންމެ ކުޅުންތެރި އަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ސެލެކްޝަން ހެދުމަށް ނިންމާފައިވާ ކަމަށެވެ. އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުގެ އެހީތެރިކަމާއެކު، ބޭރުގެ ކޯޗެއް ގެނެސްގެން ތަމްރީނުތަކެއް ހެދުމަށްފަހު ސިލެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މިއާއެކު، ހޭންޑްބޯލް ކުޅެމުންދާ ކުޅުންތެރިން ތަކެއް ވަނީ، ސެލެކްޝަން ކުރިއަށްދިއުމަށް ހަމަޖެހިފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިޑިބަރިއާ ވާހަކަ ދައްކަމުން ކުޅުންތެރިއަކު ބުނެފައިވަނީ، ގައުމީ ޓީމެއް ހަދާއިރު މިހާރު އޮތް ގޮތުން އިސްކަން އެ ދެވެނީ ހަމަ އެކަނި ކުޅުދުއްފުއްޓަށް ކަމާއި, މާލޭގައި މިވަގުތު ކުޅެމުން އަދި މުބާރާތް ތައް ކުޅެމުން, އެކޮޅަށް ގޮސް ސެލެކްޝަންގައި ބައިވެރިވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި މިހާރު ވެސް ބީޗް ހޭންޑްބޯލް ވަރަށް މޮޅަށް ކުޅޭ ބައިވަރު ކުޅުންތެރިތަކެއް މާލޭގައި ތިބި ކަމަށެވެ.
އިތުރަށް ބުނެފައިވަނީ, ގައުމީ ސްކޮޑުގައި އުޅޭ ކުޅުންތެރިންނަށް މި ޓީމުގައި ބައިވެރި ނުވެވުނަސް އެއީ މާ ބޮޑު މައްސަލަ އެއްކަމަށް ނުދެކޭ ކަމަށާއި, އެކަމަކު ގައުމީ ޓީމަށް ނާރާ ތިބި އަދި ބީޗު ހޭންޑްބޯލަ ކުޅެން މޮޅެތި ކުދިންނަށް, ވަރަށް އުނދަގޫ ކަމަކަށް މިކަން އޮތްގޮތުން ވާނެ ކަމަށެވެ. އަދި ވަޒީފާ ދޫކޮށްފައި ގޮސް އެއަށް ވަގުތު ދީގެން އެކޮޅުގައި ހުންނަން ވަރަށް އުނދަގޫ ވާނެ ކަމަށް ފާހަގަ ކުރިއެވެ. މީގެ އިތުރުން, ކުޅެން ބޭނުންވާ ބައިވަރު ރަށްޓެހިން އެބަތިބި ކަމަށާއި, ނެތީ ކުޅުދުއްފުއްޓަށް ދާނެ ގޮތެއް ކަމަށެވެ.
“އެންމެ ބޮޑު ކޮންސަރން އަކީ އަސްލު ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ގެއްލޭތީ.” އެ ކުޅުންތެރިޔާ ބުނެފައިވެއެވެ.
ބީޗް ހޭންޑްބޯޅަ ޓީމުގައި ބައިވެރިވާން ބޭނުންވާ އެހެން ކުޅުންތެރިއަކު ބުނެފައިވަނީ, ސެލެކްޝަން ވީމާ އެސޯސިއޭޝަނުން ވެސް އެކޮމޮޑޭޝަން ހަމަޖައްސާ ނުދޭނެ ކަމަށާއި ކުޅުދުއްފުއްޓަށް ގޮސް ހުރިހާ ކަމެއް ހުއްޓާލާފައި އެކޮޅުގައި ހުންނަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އަދި ގައުމީ ޓީމަށް ވަޒީފާއިން ރިލީޒް ލިބުނަސް, ސެލެކްޝަން އަކަށް 3 މަސް ވަންދެން ކުޅުދުއްފުށީގައި ހުންނަން ރިލީޒް ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
އެހެން ކުޅުންތެރިއަކު ބުނީ, ބީޗް ހޭންޑްބޯލް ކުޅެން ބޭނުންވާ ކުދިންނަށް އަދި ހޭންޑްބޯލް ކުޅުން ބޭނުންވާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތު ލިބެންވާނެ ކަމަށާއި “ދެ އެތި” ވެސް ކުޅެވިދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އެ ކުޅުންތެރިޔާ ފާހަގަ ކޮށްފައިވަނީ ވޮލީއެވެ. “ވޮލީގައި އެ ކުޅެނީ ހަމަ ދެ އެތި ވެސް. ބީޗް ވެސް އަދި ނޯމަލް ވެސް. އެހެންވީމާ ހޭންޑްބޯލްގައި ވަކި ނުކުޅެވެންވީ ސަބަބެއް އޮތްކަމަކަށް ނުފެނޭ.” ސިޑިބަރިއާ ވާހަކަ ދައްކަމުން ކުޅުންތެރިއަކު ކިޔައިދިނެވެ.
މީގެ އިތުރުން ބުނެފައިވަނީ, މާލޭގައި ސެލެކްޝަން ނުބާއްވަން ބުނެވޭނީ ހަމަ އެކަނި ދަނޑެއް ނުވަތަ ކޯޓެއް ނެތުމުން ކަމަށާއި, އެއީ ވަރަށް ފަސޭހައިން ހައްލު ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
“ހުޅުމާލެގައި 3 މުބާރާތް ބޭއްވި. ޔަންގް އީގަލްސްގެ އެއް މުބާރާތް, ބޮންތިން އެއް މުބާރާތް, ޔޫތް ބީޗް ގޭމްސް ކަހަލަ ނަމެއް ކިޔާފައި ބޭއްވި މުބާރާތެއްވެސް. ކުޅުނީ ހަމަ ހުޅުމާލޭގައި. އެޗްޑީސީގެ އެހީއާއެކު ދަނޑުތައް ހަމަޖައްސާފައި ހުރީ. ފޭސް 2 އަދި ރާކަނި ބީޗް ދިމާ ރުއްގަނޑުގައި. އަމިއްލަ ފަރާތަކުން އެކަން ކުރިއްޔާ އެސޯސިއޭޝަނަށް ކުރަން މާ ފަސޭހަވާނެ.” ހުޅުމާލޭގައި ބޭއްވި ބީޗް ހޭންޑްބޯލް ދެ މުބާރާތެއްގައި ކުޅުނު ކުޅުންތެރިއަކު ސިޑިބަރިއާ ހިއްސާކުރިއެވެ.
ސިޑިބަރިއާ ވާހަކަ ދައްކަމުން, ރާއްޖޭގެ އެންމެ ހުނަރުވެރި ހޭންޑްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ ކަމަށްވާ ޝާނީޒް ބުނެފައިވަނީ, މިހާރު ރޭވިފައިވާ ގޮތުން ކުޅުދުއްފުށްޓަށް އެޑްވާންޓޭޖް ބޮޑުވާނެ ކަމަށާއި, މާލޭގައި އުޅޭ ކުޅެން ބޭނުންވާ ކުދިން ވަޒީފާ އާއި ކިޔެވުން ދޫކޮށްފައި ހަމައެކަނި ގައުމީ ޓީމުގެ ސެލެކްޝަނަކަށް ނުދާނެ ކަމަށެވެ. މީގެ އިތުރުން ޝާނީޒް ބުނެފައިވަނީ އެންމެން ވާހަކަ ދައްކައިގެން, މާލޭގައި ސެލްކްޝަން ކުރިއަށް ގެންގޮސް މި ކަމުގައި ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ.
“ކުޅުދުއްފުށްޓަށް އެޑްވާންޓޭޖް ބޮޑު ދޯ މިހެންވީމާ. މާލޭގައި ގިނަ ކުދިން މިއުޅެނީ. އެ ކުދިން ވަޒީފާ އާއި ކިޔެވުން ދޫކޮށްފައި ހަމައެކަނި ގައުމީ ޓީމުގެ ސެލެކްޝަނަކަށް ކުޅުދުއްފުށީގައި ހުންނާކަށް ނުދާނެ ދޯ. އެހެންވެ އަސްލު ބޭނުންވަނީ އެންމެން ވާހަކަ ދައްކައިގެން, މި ކަމުގައި ހައްލެއް ހޯދާ, މާލޭގައި ކުރިއަށް ގެންދެވޭނެ ގޮތެއް. ދެން އެމީހުން އެބަ ބުނޭ ބީޗް ހޭންޑްބޯލް އަކަށް ތަނެއް ނެތޭ. ކޮންމެ ގޮތެއްވިޔަސް ވާހަކަ ދައްކައިގެން މާލެ ނޫނީ ހުޅުމާލެއިން ތަނެއް ލިބެންވާނެ ދޯ. ގައުމީ ޓީމު ވިއްޔާ.”
މީގެ އިތުރުން ހުރިހާ ކުޅިވަރެއްގެ ވެސް ގައުމީ ޓީމު އެކުލަވާލައި ޕްރެކްޓިސް ކުރަމުން އަންނަނީ މާލޭގައި ކަމަށާއި, ކުޅުދުއްފުށްޓާ އަޅާ ބަލާއިރު ބީޗް ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިން ވެސް މާލޭގައި ގިނަވާނެ ކަމަށެވެ. އަދި ގިނަ މީހުންނަށް އެއްވެސް ގޮތަކުން ދެވެން ނެތް އިރު, އެ ކުޅުންތެރިންނަށް ފުރުސަތު ބަންދުވެ, ކުޅުދުއްފުއްޓަށް ހުރިހާ ފުރުސަތެއް ލިބުނީ ކަމަށެވެ.
“ހުރިހާ ކުޅިވަރެއްގެ ގައުމީ ޓީމު މިއޮތީ ވެސް މާލޭގައި. ކުޅުދުއްފުއްޓާ އަޅާބަލާއިރު މާލެގައި ކުޅޭ ކުދިން ވެސް ގިނަވާނެ. ގިނަ މީހުންނަށް އެއްގޮތަކަށް ވެސް ނެތް ދެވޭކަށް. އަސްލު އެހެންވެ ވަރަށް ގިނަ ކުޅުންތެރިން މި ކަމާ ދެކޮޅު. ވަކި ރަށެއްގައި ބާއްވަންޏާ ވަރަށް ގިނަ ބަޔަކަށް ނުދެވޭނެތާ ދޯ. ކުޅުދުއްފުއްޓަށް ހުރިހާ އެޑްވާންޓޭޖެއް މި ލިބެނީ” ޝާނީޒް ގެ ކަންބޮޑުވުން ހިއްސާ ކުރިއެވެ.
އެކި ޓީމުތަކުގައި މަސައްކަތް ކޮށްފައިވާ އަދި ކުރަމުން އަންނަ ހޭންޑްބޯލް ކޯޗް, ސޮފީ މިކަމާ ބެހޭގޮތުން ބުނެފައިވަނީ, ގިނަ ކުޅުންތެރިން ތިބީ މާލޭގައި ކަމަށާއި, މާލެއިން ސެލެކްޝަން ހެދިޔަސް ރަނގަޅު ޓީމެއް ހެދޭނެ ކަމަށެވެ.
“ކުޅޭ ހުރިހާ ކުދިންހެން މި އުޅެނީ މާލޭގައި. ކުޅެން ބޭނުންވާ ވަރަށް ގިނަ ކުދިން އެބަތިބި. ކީއްވެތޯ އެތާ މި ބާއްވަނީ. މިހާތަނަށް އެތަނުގައި އެސޯސިއޭޝަނުން ބޭއްވި ބީޗް ހޭންޑްބޯލް ޕްރޮގްރާމްތަކެއް. އަނެއްހެން ވީ ފެއިލް ހަމަ. ކޯޗިން ކޯހެއް ވެސް ބޭއްވި. ބައިވެރިވި މީހުން ތިބި. އެކަމަކު އަދި އޭގެން އައި މީހަކު ފެންނާކަށް ނެތް. ކޯހެއް ހަދާފައި އެއިން މީހަކު ނުކުމެގެން ޑިވިލޮޕްކުރަން ވެސް އުޅޭނެތާ. އެކަހަލަ ކަމެއް ވެސް ނުފެނޭ. އެތަނަށް ގެންދިއުމުގެ މާނަ އެއް ނެތް. އެތަނުގައި ބާއްވައިގެން ޓީމެއް ނެގުމަށްވުރެން މާ ރަނގަޅު ވާނެ މާލޭގައި ތިބި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ޓީމެއް ނަގަން. މާ ރަނގަޅު ޓީމެއް ނެގޭނެ.” ތަޖުރިބާކާރު ކޯޗު ފާހަގަ ކުރިއެވެ.
އިތުރަށް ކޯޗް ބުނެފައިވަނީ, އެކޮޅުގައި ސެލެކްޝަން ބާއްވަނީ, މާލޭގައި ނުބޭއްވޭތީ ނޫން ކަމަށާއި, ނުބޭއްވުނަސް ނުބޭއްވޭނީ ވެލިގަނޑެއް ނެތޭ ކިޔާފައި ކަމަށެވެ.
“އެކޮޅުގައި ސެލެކްޝަން ބާއްވަނީ, މާލޭގައި ނުބޭއްވޭތީ އެއް ނޫން. ވެލިގަނޑެއް ނެތޭ ކިޔާފައި ނުބާއްވަންވީ. އެކަމަކު އަސްލު ސެލެކްޝަން ހަދާކަށް ކޮންމެހެން ވެލިގަނޑެއް މުހިންމެއް ނޫން. މާލޭގައި ސެލެކްޝަން ހަދާފައި ދެން ވެލިގަނޑަށް އެކޮޅަށް ވެސް ދެވިދާނެތާ. ގިނައީ ވަޒީފާގައި އުޅޭ ކުދިން. އެކުދިންނަކަށް ވަޒީފައިން ޗުއްޓީ ހޯދައިގެން ރިލީޒް ހޯދައިގެން ކުޅުދުއްފުށްޓަކަށް ނުދެވޭނެ.” ސެލެކްޝަން ހެދުމާ ގުޅޭގޮތުން ސޮފީ ކޯޗުގެ ވިސްނުން ހިއްސާކުރިއެވެ.
ސިޑިބަރިއާ ވާހަކަ ދައްކަމުން ހުރިހާ ކުޅުންތެރިން ވެސް ބުނެފައި ވަނީ, އުންމީދަކީ ބީޗް ހޭންޑްބޯލް ގައުމީ ޓީމުގެ ސެލެކްޝަން މާލެއަށް ބަދަލުވެ, މާލޭގައި ތިބި ކުޅެން ބޭނުންވާ ހުރިހާ ކުޅުންތެރިން ސެލެކްޝަނުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
އެކި ދުވަސްމަތިން ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ އެސޯސިއޭޝަންގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.