މިވަގުތު ރާއްޖޭގެ އެންމެ މަޤްބޫލު އެއް ކުޅިވަރަކީ, ފުޓްސަލްއޭ ބުނަމަކުން މިކަމާ ދެބަސްވާނެ މީހަކު ނުހުންނާނެއެވެ.  މިކަން އެންމެ ރަނގަޅަށް ސާފުވެގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންދާ ފުޓްސަލް މުބާރާތްތަކުންނެވެ. ފުޓްސަލް މުބާރާތެއް ބާއްވަމުން ނުދާ ދުވަސްވަރަކާ މިހާރު ދިމާ ނުވެއޭ ބުންޏަސް ދޮގަކަށް ނުވާނެވެ. އެ މުބާރާތް ތަކުން ފެނިގެންދާ ފޯރިއާއި ސަޕޯޓާއި ޖޯޝް މިކަމުގެ ހެއްކަކަށް ފުދެއެވެ.

މިއިން ކޮންމެ މުބާރާތަކުން އަލިގަދަ އެތައް ތަރިންނެއް މިއަދު ދިވެހި ފަސްގަނޑު ދެކެފިއެވެ. އެތައް ހުނަރުވެރިންނެއް, މި ކުޅިވަރުން މިއަދު ނެރެދީފިއެވެ. އުއްމީދުގައި ކުލަނުޖެހި ތިބި އެތައް ކުއްޖެއްގެ އުއްމީދުގައި ކުލަޖައްސައިދީފިއެވެ. މިކަމުގައި ކުރިއަރައިގެން ދާން ބޭނުންވެފައި ތިބި އެތައް ބަޔަކަށް އެ މަގު ވެސް ހުޅުވާލަދީފިއެވެ. އެއިން މުސްތަގްބަލެއް ހޯދައިދީފިއެވެ.

އުމުރުން 34 އަހަރުގެ، މުހައްމަދު އައްޒާމަކީ، ނ. އަތޮޅު ކެނދިކުޅުދޫއަށް އުފަން ރާއްޖޭގެ ފުޓްސަލްގެ “އައިކަން” އެކެވެ. އެންމެ ކުޑަ އިރުންފެށިގެން ބޯޅަ ކުޅެން ފޯރިހުރި, ބޯޅައަށް ލޯބި ޖެހުނު ހުނަވެރި ފުޓްސަލް އަދި ފުޓުބޯޅަ ކުޅުންތެރިއެކެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްސަލް ކުޅުންތެރިޔާ ވެސް މެއެވެ.

ބޯޅަ ކުޅެން ފެށުނު ހިސާބު:

ޅައިރުގެ އުފާވެރި ހަނދާންތައް އާކުރަމުން އައްޒާމް ބުނެފައިވަނީ ބޯޅަ އަސްލު ފެންނަން ފަށައި, ކުޅެން ފެށި ހިސާބަކީ،

ކުޑައިރު ބައްޕަމެންނާ އެކީގައި, ބައްޕަމެން ކުޅެންދާއިރު ދަނޑަށްގޮސް, ބޯޅަހޮވާ, ބޯލް ބޯއީ އެއް ގޮތުގައި އުޅުނު އިރުކަމަށެވެ. އަދި އެއީ އޭރުގެ ނިސްބަތުން ވަރަށް ބޮޑު ކަމެއް ކަމަށާއި, ބޯޅައަށް ލޯބި ޖެހިގެން ދިޔަ ކަމެއް ކަމަށެވެ. އޭގެ ފަހުން ރަށުގައި ކުޅެން ފެށުނީ ކަމަށެވެ.

“އަސްލު ބޯޅަ ފެންނަން ފެށީ, ކުޑައިރު ބައްޕަމެންނާ އެކީގައި, ބައްޕަމެން ކުޅެންދާއިރު ދަނޑަށްގޮސް, ބޯޅަހޮވާ, ބޯލް ބޯއީއެއް ގޮތުގައި އުޅުނު އިރު. އޭރު އެއީ ދެން ވަރަށް ބޮޑު ކަމެއް. ބޯޅައަށް ލޯބި ޖެހި, ކުޅެން ފެށުނީ އެ ހިސާބުން.

ދެން އިންޓަރ ހައުސް އެއްޗެހި ކުޅެމުން އައިސް ގްރޭޑް 7 އާ ހަމައަށް އައިއިރު ވަރަށް ބޮޑަށް ބޯޅަ ކުޅޭހިތްޖެހި އެއަށް ވަދެވިފައި ހުރީ”

އޭރުގެ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އައްޒާމް ސިފަކުރަނީ, އިންޓަރހައުސް މުބާރާތެއްގެ ފައިނަލް މެޗުގައި ލިބުނު މޮޅު ކުޅުންތެރިޔާގެ ޝަރަފެވެ. އެއީ ވަރަށް ބޮޑަށް މޯޓިވޭޓްވި ކަމެއް ކަމަށާއި ކުރިއަށްދާން ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

“ހަނދާންވަނީ އިންޓަރ ހައުސް މުބާރާތެއްގެ ފައިނަލް މެޗުގައި މޮޅު ކުޅުންތެރިޔާ ލިބުނު ހަނދާން. ދެން އޭރު ތިބޭނީ އަހަރެންނަށްވުރެ ބޮޑެތި މީހުން. އެމީހުންނާ ކުޅެގެން އެވަރުގެ ކާމިޔާބަކީ ވަރަށް ބޮޑު އެއްޗެއް.”

ރަށުގެ އުފާވެރި ހަނދާންތައް އާކުރަމުން އައްޒާމް ބުނީ, ވަކި ހާއްސަކަމެއް ނުކުރާ ކަމަށާއި, ރައްޓެހިންނާ އެކީގައި ގިނަވަގުތުތައް ހޭދަކުރާކަމަށެވެ. އޭރު ވެސް އެކުގައި އުޅޭ އެންމެން ވެސް ކުޅެންދާ ކަމަށާއި, ކުޅުމުގައި ވަގުތު ހޭދަކޮށް އެކި ފަހަރު އެކި ތަންތަނަށް ދާކަމަށެވެ. އޭގެ ތެރެއިން ރަށުގެ ބޮޑުމަގު ފަސްބާޑި ސަރަހައްދުގައި ކުޅެން އުޅުނު ހަނދާނަކީ އުފާވެރި ހަނދާނެކެވެ.

“ރަށުގައި ދެން އަނެއްހެން ނޯންނާނެ މާ ބޮޑު ކަމެއް. ހުސްވަގުތު ހަމަ ރައްޓެހިންނާ އެކީގައި ހޭދަކުރަނީ. އެކި ފަހަރު އެކި ގޮތަށް އޭރު ބޯޅަ ކުޅުމުގެ ކަންކަން ދަނީ. ހަވީރު ކުޅެންދާއިރު ބައެއްފަހަރު ރައްޓެހިންނާ އެކީގައި ގިނަ މީހުން ތިބިއްޔާ, ރަށުގެ ބޮޑުމަގު ކިޔާ ތަނެއް ހުންނާނެ. އެ ފަސްބާޑި ތަނަށް ދަނީ. އެ ދެން ވަރަށް ހެޕަނިންގ ތަނަކަށްވަނީ, އެއީ ދެން ބޭނުންގޮތަކަށް ކުޅެވޭ. މަޖާކުރާނެ ގޮތަކަށް މަޖާކޮށް ބޯޅަ ބޭނުމިއްޔާ މައްޗަށް ޖަހާ, އެހުރިހާ ގޮތަކަށް މަޖާކުރެވޭ. އެ ތަނަކީ އަހަރެމެން ކުޑައިރު, އެންމެ ފާހަގަކޮށްލެވޭ އެއްތަން. ދެން އެއީ ކަންނޭގެ ކުޑައިރުގެ ފާހަގަ ކޮށްލެވޭ ތަނެއް. ދެން ވިއްސާރަ ވެހެންޏާ އަދި ފޯރި ގަދަވާނެ. އެކަހަލަ ދުވަހެއް ވިއްޔާ ހަމަ ދެން ވަކި އިރެއް ނުބަލާ ދެވޭނެ. ހެނދުނު ވިޔަސް މެންދުރު ވިޔަސް ހަވީރު ވިޔަސް ކުޅެންދާން ބުނެފިއްޔާ ހަމަ ދެވޭނެ. ނުދެވޭނެ ވަކި ގަޑިއެއް ނޯންނާނެ ރޭގަނޑު ފިޔަވައި. ވަރަށް މަޖާވާނެ. ރެސްޓެއް ކޮށްލާނީ ހަމައެކަނި ނަމާދު ވަގުތައް. ދެން ހަމަ ގޯލް އަޅައިގެން ކުޅޭނީ. އެ ހެޔޮ ކޮންމެ އެއްޗަކުން ގޯލް އަޅައިގެން ވިޔަސް, އޭގަ މުހިންމީ ކުޅުންދޯ. ކުޅެމުން ސަކަރާތް ޖެހީ ހަމަ.” ޅަ އުމުރުގެ  އުފާވެރި ވަގުތުތައް ހޭދަ ކުރިގޮތް އައްޒާމް ކިޔައިދިނެވެ.

ރަށުގައި ޓީމެއް ހަދައިގެން އެ ޓީމާއެކު ކުޅެން ފެށިގޮތް ކިޔައިދެމުން އައްޒާމު ބުނީ, ޓީމުގެ ނަމަކަށް ދުންތަރި ކިޔައިގެން ޓީމު ހެދީ ސީދާ އައްޒާމް މެން އިސްވެގެންނެއް ނޫން ކަމަށާއި, އެކަން ކުރީ އައްޒާމް މެންގެ ބޮޑަށް ތިބި މީހުން ކަމަށެވެ. އޭގެ ފަހުން ކޮމިޓްސް އަށް ޓީމުގެ ނަން ބަދަލުކޮށް އެ ޓީމު ހިންގަންފެށީ ކަމަށެވެ. އޭރުގެ އުމުރު ސީދާ ހަނދާން ނުވިޔަސް އަމިއްލަ އެއްޗެއް ގޮތަށް އެ ހިސާބުން ފެށިގެން އެ ޓީމާ ހަވާލު ވެގެން އުޅުނީކަމަށެވެ.

“އެއީ ސީދާ އަމިއްލަ ކްލަބެއް. އުފެއްދީ އަހަރެމެން ބޭބެމެން. އޭރުން ފެށިގެން ކްލަބުގެ ކަންކަން ކުރުމާ, އަނެއްހެން ލީޑުކޮށް ކުރިއަށް ގެންދަން ލިބުނު” އަމިއްލަ ޓީމެއް އުފެދިގެން އައިގޮތް އައްޒާމް ކިޔައިދިނެވެ.

މިއަދު އާދެވިފައި ހުރި ހިސާބަށް އައުމަށް ކުޑައިރުގައި އެތައް ތަކުލީފަކާއި, ގޮންޖެހުމެއް ކުރިމަތިވި ކަމަށާއި, އޭރު އެކަން ކުރީ ވަރަށް ގިނަ ސެކްރިފައިޒްތަކާ އެކުގައި ކަމަށެވެ. އޭރުވެސް ގަބޫލު ކުރީ ކާމިޔާބާ ހަމައަށް ދެވޭނީ ވަރަށް ހިތްވަރު ކޮށްގެންކަމަށެވެ.

“ވަރަށް އުނދަގުލާ އެކީގައި މި ހިސާބަށް އާދެވުނީ. ބޭނުންވީމާ ބޭނުން ވައްތަރެއްގެ ބޯޅައެއް ނުލިބޭނެ. މީހަކު ބޯޅައެއް ދިނިއްޔާ ބޯޅައެއް ލިބޭނީ ވެސް. އެންމެން އަތުގައި ބޫޓެއް ވެސް ނުހުރޭ. އިރާދަކުރެއްވީތީ މަ ބޫޓުގައި ކުޅެން ބޭނުންވީމާ މަށަށް ހަމަ ބޫޓު ލިބުން. ފަށައިގެން އައިއިރު އަހަރެމެންނަކީ ޔަންގުން ވީމާ, ދެންތިބޭނީ ވަރުގަދަ ބޮޑެތި ޓީމުތަކުގެ ބޮޑެތި މީހުން ދޯ. ފުރަތަމަކޮޅު އެމީހުން އަހަރެމެން ކޮޅަށް 20 ނޫނީ 22 ވަރަކަށް ގޯލް ޖަހާލާ. އޭރު ވެސް އަނެއްހެން ބުނާނަމަ ހިތްވަރެއް ދުލެއް ނުކުރަން” ކުޅެން ފެށިއިރުގެ ހަނދާންތައް އާ ކުރަމުން އައްޒާމް ކިޔަދިނެވެ.

“ކުޑައިރު އަހަރެމެން ގެންގުޅެނީ ހަންބޯޅަ. އެއްބޯޅަ ފަޅައިގެން ގޮއްސިއްޔާ އަނެއް ބޯޅަ ހޯދާނެ. ދެން އެދުވަހަކު ކުޅެން ދާންވީމާ ތަނެއް ޑިސައިޑްކުރާނީ. އަނެއްހެން ތިންތަނެއް އުޅޭނެ ކުޅެންދާ. ދެން އަސްލު ވަކިން ތަނެއް ހަދަންވެގެން ބޮޑު ތަނެއް ސާފުވެސް ކުރިން. ވިނަ ނޮޅައި ފާރުތަކާ ގާތައް ނަގައިގެން. އޭރު ވަރަށް މަޝްހޫރު ސްޓޭޑިއަމެއް ހުންނާނެ ބަންގާޅުގައި, ބަންގުބަންދު ސްޓޭޑިއަމް. ދެން މި ސާފު ކުރިތަނަށް އެ ނަން ކިޔާފައި އަހަރެމެން ދަނީ ކުޅެން.” ރަށުގައި ކުޅެން އުޅެންޖެހުނު ގޮތް އައްޒާމް ހިއްސާކުރިއެވެ.

ރަށުގައި ކުޅެން އުޅުމުގެ ތެރޭގައި ފާހަގަވި ހާއްސަ ކަންކަމާއި އަނިޔާގެ ވާހަކަ ދައްކަމުން އައްޒާމް ބުނީ, ފާހަގަވާ ވަރުގެ ބޮޑު އަނިޔާއެއް ނުވާކަމަށެވެ. އެކަމަކު ހުސްފަޔާ ކުޅެން އުޅުމުގެ ތެރޭގައި ކުދިކުދި އަނިޔާ ވެފައި ހުންނާނެ ކަމަށާއި އަދި އެއީ “ގުޑް މެމޮރީސް” ތަކެއް ކަމަށެވެ.

“ހުސްފަޔާތާ ކުޅޭނީ ބައެއްފަހަރު. ތަނެއްދޮރެއް ބަލައިނުލައި ޖަހާނީ. ގާގަނޑެއް އެއްޗެއްގައި ޖެހިއްޖެއްޔާ ދެން ފައިދާނީ އެއްނު. އެގޮތަށް ވަރަށް ދޭ. ދެން ކުދި އަނިޔާ ދޯ އެއީ. އެއީ މެމޮރީސް. ގެއަށް ދިޔައިމާ އަނެއްހެން, މަންމަމެން ރުޅި އައިސްގެން އެއްޗެއް ނުބުނާނެ. އެމަކަމު ކޮންސާން ވާނެ ދޯ. މަންމަ އަބަދުވެސް ވަރަށް ސަޕޯޓިވް ވާނެ.” އައްޒާމް އޭރުގެ ޙާލަތު ކިޔައިދިނެވެ.

މީގެ އިތުރުން އައްޒާމް ބުނީ މަންމައަށް ވަރަށް ޝުކުރުވެރިވާ ކަމަށާއި, މަންމަގެ މަސައްކަތައް އަދި ވަކިން ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

“މަންމަ އެންމެ ބޮޑަށް ބަލާނީ ގަޑިއަށް ނަމާދު ކުރޭތޯ. ވަރަށް ބޮޑަށް އެކަމަށް ބާރު އަޅާނެ. ގަޑިއަށް ނަމާދަށް ނުގޮއްސިއްޔާ ނޫނީ ނަމާދު ވަގުތު ވާންވާއިރަށް ގެއަށް ފެންވަރަށް ނުދަންޏާ ބަލާވެސް ދާނެ. އެކަމަށް މިއަދުވެސް ވަރަށް ޝުކުރުވެރިވަން މަންމަމެންނަށް.” އައްޒާމްގެ ގެ ހިތުގައި މަންމައަށް އޮތް ލޯބި ބަންޑުން ކޮށްލިއެވެ.

ރަށުން މާލެ ބަދަލުވުން:

ރަށުގެ ސަކަރާތާ މަޖަލަށްފަހު އައްޒާމް މާލެ ބަދަލުވީ 2005 ހިސާބުގައެވެ. މާލެ ބަދަލުވީ ރަނގަޅަށް ކިޔަވަންވެގެން ކަމަށާއި, ބައްޕަމެން އެދުމުގެ މަތިން އައްޒާމް ވެސް އަމިއްލައަށް އެކަމަށް ބޭނުންވެފައި ހުރުމުންނެވެ. އަދި އޭރު އެއްވެސް ވަރަކަށް ރަސްމީކޮށް ކުޅުމާ މެދު ނުވިސްނާ ކަމަށާއި, މާލެ ބަދަލުވިޔަސް ރައްޓެހިންނާ އެކީގައި ކުޅެލަން ދާނީ ކަމަށެވެ.

“މާލެ ބަދަލުވާން ޖެހުނީ ކިޔަވަން ފޯކަސް ނުކުރެވޭތީ, ސަކަރާތް ބޮޑު ކަމުން. ބައްޕަމެން ބޭނުންވީ ކިޔެވުން ރަނގަޅުކުރަން. އެހެންވެގެން ބައްޕަމެން ބުނީމާ, މަވެސް އަމިއްލައަށް ބޭނުންވެގެން ބަދަލުވީ. ކުޅޭކަށް ނޫން އަސްލު ބަދަލުވީ ވެސް. ހަމަ ކިޔަވަން ވެގެން ބަދަލުވީ. މާލެ ބަދަލުވެފައި ވެސް ހަމަ ރައްޓެހިންނާ އެކީގައި ކުޅެންދާ އުސޫލުން ހަމަ ކުޅެންދަނީ. އަދި ދަނީ ވެސް ޖީންސް ސޯޓު ލައިގެން. ވަކި އެއްޗެއް ލާކަށް ނުހަދަން. ދައްތަޔާއެކު މާލޭގައި އުޅެނީ. ދައްތަ ވަރަށް ބަލާނެ. ކުޅެން ވެސް ފޮނުވާނެ. އަބަދުވެސް ނަޞޭހަތްދޭނެ ބުނާނެ ކިޔަވަން ފޯކަސް ކުރާށޭ ވެސް” މާލެ ބަދަލުވި ސަބަބު ކިޔައިދެމުން އައްޒާމް ބުންޏެވެ.

ރަށުން ގްރޭޑް 7 ނިންމުމަށްފަހު މާލެ ބަދަލުވެ, އަހްމަދިއްޔާ ސްކޫލް, މިހާރުގެ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވަނީ ގްރޭޑް 7 އަށެވެ. ރަށުގެ ކިޔެވުމުގެ ފެންވަރާއި އަހްމަދިއްޔާ ސްކޫލުގެ ފެންވަރު ތަފާތުވީމާ، އެ ލެވަލް އަށް އަންނަން ވެގެން އެގޮތަށް ހެދީ ކަމަށެވެ. މީގެ އިތުރުން އެއީ ހަމަ ރަނގަޅަށް ކިޔަވަން ބާރު އެޅުމުގެ ގޮތުންނާއި, ކިޔެވުމަށް އިސްކަންދިނުމަށް ބައްޕަ ވަރަށް ރަނގަޅަށް ކުރި ކަމައް ކަމަށެވެ. އަދި އަހްމަދިއްޔާ ސްކޫލަކީ ކިޔަވަން ބޭނުންވާ ކުއްޖަކަށް ރަނގަޅަށް ކިޔަވައި ކުރިއަރައިގެން ދާން ފުރުސަތުތައްވެސް ހުޅުވިގެންދާ ތަނެއްކަމަށެވެ.

މާލޭގެ ކިޔެވުމުގެ ހަނދާންތަކުން, ސަލީމް ސަރގެ ނަން އައްޒާމް ފާހަގަކުރިއެވެ. އެއީ ކިޔަވަން ވަރަށް ބޮޑަށް ހިތްވަރު ދިން ސަރއެއް ކަމަށާއި, އަބަދުވެސް އަމިއްލަ މީހެއް ގޮތުގައި ދެކޭ ސަރއެއް ކަމަށެވެ.

ކިޔަވަމުން, މުބާރާތްތަކުގައި ބައިވެރިވާން ފެށިގޮތް ކިޔައިދެމުން އައްޒާމް ބުނީ, މާލޭގައި ރައްޓެހިންނާ އެކީގައި ކުޅެންދާން ފެށި ދުވަސްވަރު އެކަން ކުރީ ހަމަ ހުސްވަގުތުގައި ކުޅެން ގޮސްގެން ކަމަށާއި, އެ ހިސާބުން އަދި ގިނަ ބަޔަކާ ދިމާވެ ގިނަ ރައްޓެހިންތަކެއް ލިބިގެން ދިޔަ ކަމަށެވެ. އަދި އެއީ މުބާރާތްތަކުގައި ކުޅެން ފެށުނު ހިސާބު ކަމުގައި އައްޒާމް ސިފަކުރިއެވެ.

“މާލޭގައި ހަމަ ރައްޓެހިންނާއެކީގައި ކުޅެން ދިޔައީ. ދެން ދަނޑުން އެކި މީހުންނާ ދިމާވޭ ދޯ. އެގޮތަށް ގޮސް އުޅެމުން ރައްޓެހިން ބުނެފިން ހިނގާށޭ ޓީމެއް ހަދައިގެން މުބާރާތެއްގައި ބައިވެރިވާން. އެކީގައި އުޅޭ މީހުން ހަދައިފިން ޓީމެއް. މައްޓު، ކައްޕި، ރިމާއާ އެމީހުން ހެދީ. އިންވިކްޓޯ ޓީމަށް ކިޔައިގެން, އެ ޓީމާ އެކީގައި ހުރިހާ މުބާރާތެއްގައި ބައިވެރިވިން. ދެން އޭރު ޖޯޒީ ހޯދަނީ ހުރިހާ ކުދިން ކޮންޓްރިބިއުޓް ކޮށްގެން. އަނެއްބައި ފަހަރަށް ބައެއް މީހުން ފަރާތުން ލިބޭ ހަމަ ކުދި ކުދި ސްޕޮންސަރ ވެސް. ކިތަންމެ އާދައިގެ ގޮތަކަށްވިޔަސް ޖޯޒީ ހަދައިގެން ބައިވެރިވެވޭތޯ ބަލަނީ. އެ ގޮތަށް ފެށީ” މާލެ ބަދަލުވެ ކިޔަވަމުން މުބާރާތްތަކުގައި ކުޅެން ފެށިގޮތް އައްޒާމް ކިޔައިދިނެވެ.

މީގެ އިތުރުން ސްކޫލް ބަންދުގައި ރަށުގައި މުބާރާތެއް އޮތިއްޔާ އެ މުބާރާތަކަށް ރަށަށްގޮސް, ރަށުގައި އޮންނަ ގުރޫޕާ އެކީގައި އެ މުބާރާތެއްގައި ކުޅެނީއެވެ.

ރަސްމީ ކުޅުމަށް ދާން ލިބުނު ފުރުސަތުތައް:

މާލެއަށް ބަދަލުވި އިރު ފުރަތަމަ ލިބުނު ފުރުސަތަކީ, 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ދާން ލިބުނު ފުރުސަތެވެ. “ބައްޕަ އޭރު ގެންދިޔަ ހަނދާންވޭ. އެ ފަހަރު ގައުމީ ޓީމުގެ ސެލެކްޝަންގައި ވަރަށް ބިރުން ހުރީ. ކޯޗުވެސް އެވާހަކަ ބުނި, އެ ފަހަރު ނުވެސް ހޮވޭ. ކުޑަކޮށް ދެރަވި. ގައުމީ ޓީމް ވީމާ. އެންމެންގެ ވެސް ޑްރީމްއަކީ އެއީ ދޯ. އެކަމަކު އަނެއްހެން އެނގޭ އަހަރެންނަށްވުރެ މާލޭގައި ކުޅެންތިބި ކުދިން މާ މޮޅުވާނެކަން. އެހެންވީމާ އަނެއްހެން އެކަމާ އެހާ ބޮޑަކަށް ނުވިސްނަން.” ރަސްމީކޮށް ކުޅުމަށް ފުރަތަމަ ލިބުނު ފުރުސަތުގެ ވާހަކަ ދައްކަމުން އައްޒާމް ކިޔައިދިނެވެ.

ގްރޭޑް 10 ނިމުނު އަހަރަކީ އައްޒާމަށް ހާއްސަ އަހަރެކެވެ. ބޭބެ ސުވެޓޯ ބުނެގެން މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކްލަބް، މާޒިޔާއަށް ކުޅެލަން ލިބުނު އަހަރެވެ. އެއީ އެ އަހަރުގެ ސްކޫލް ބަންދު ދުވަސްވަރެވެ. ކުޅެން ދިޔައީ ވަކި އެއްބަސްވުމެއްގެ ދަށުން އަދި ރަސްމީކޮށް ކުޅެން ފެށެމުގެ ނިޔަތުގައެއް ވެސް ނޫނެވެ. މާޒިޔާއަށް އޭރު ދިޔައީ ކުޅެން ދާހިތްވާތީ އެމީހުން ވެސް ބުނެގެންނެވެ. އޭރު މާޒިޔާގައި ތިބީ ގެރި އައްޔަ އާއި ޝަފްލޭ އާއި ފުގޭ މެންކަހަލަ ކުޅުންތެރިންނެވެ. އެދުވަހުން ފެށިގެން ފުގޭ ވެފައިވަނީ ތަފާތު އަދި އައްޒާމުގެ ހާއްސަ ރައްޓެއްސެއްގެ ގޮތުގައި ބެލެވޭ ރައްޓެއްސެކަށެވެ.

“މާޒިޔާއަށް ކުޅެންދާން ފެށުމަށްފަހު ވަކި ހިސާބަކުން ކުޅުން ހިއްޓާލީ, އޭލެވެލް އަށް, ސީއެޗްއެސްސީ އަށް ކިޔަވަން ދާންވެގެން. އެ ދުވަސްވަރު, މާޒިޔާއިން ވެސް ވަރަށް ހެލްޕް ވި. އިންމަ ކޯޗާއި ސުވޭޓޯ ވެސް. އޭރު ވަރަށް ރީތިކޮށް ބުނިން ކިޔަވަން ވެގެންނޭ މި ހުއްޓާލަނީ. އެހެންވީމާ ނުއެއް އާދެވޭނެއޭ ސްކޫލް އޮންނަ ގަޑިއާ ދިމާވާތީ. އޭރުވެސް އަސްލު އެހާ ފުޓްބޯޅަ ކުޅޭހިތެއްނުވޭ. ފުޓްސަލް ދެން އޭރު މާލޭގައި ކުޅޭތީ އެއަށް ބޮޑަށް ފޯކަސް ހުރީ. އެ ކުޅޭ ހިތްވަނީ ވެސް”

މާޒިޔާއަށް ކުޅެން ދިއުމަށްފަހު ވަކި ހިސާބަކުން ހުއްޓާލި ސަބަބު އައްޒާމް ކިޔައިދިނެވެ.

ރަސްމީކޮށް ފުޓްސަލް ކުޅެން ފެށުން:

އޭރު ރައްޓެހިންނާއެކު އާންމުކޮށް ކުޅެންދަނީ ވެލި ދަނޑަށް ކަމަށާއި, އެތަނުގައި ފެންނާނީ ފުޓްސަލް ކުޅޭތަން ކަމަށެވެ. އަދި އޭރު އެންމެ ފޯރި ގަދަކޮށް އެ ދަނޑުގައި ކުޅެމުންދާ މުބާރާތަކީ ސީއެމްސީއަށް ވުމުން ފުޓްސަލް ކުޅެން ބޮޑަށް ޝައުގު އުފެދިފައިވާ ކަމަށެވެ.

“ސީއެމްސީ ފުރަތަމަ ކުޅުނީ ރައްޓެއްސަކު ބުނެގެން އޭނަގެ އޮފީހަށް. އީޝާރު, މަންމުމެން. އޭރު ހުންނާނެ ވޯރކްސް ކޯޕޮރޭޝަން ކިޔާ އޮފީހެއް. އޭގައި ބައިވެރިވެގެން އޭރު ކުޅުނީ. އެއީ އެ ލެވެލްގައި ކިޔަވަމުން ކުޅުނު ފުރަތަމަ މުބާރާތް. ހަނދާންވާ ގޮތުން އެއީ 2010ގެ  ސީއެމްސީ. ސީދާ އަހަރެން ހަނދާނެއް ނެތް. ފުދޭވަރަކަށް ރަނގަޅަށް ކުޅުވުނު. ދެން ޖެހިގެން އައި އަހަރު މޯލްޑިވިއަން އަށް ކުޅުނީ އަލީ ޝިފާއު (ރޮނާ) ބުނެގެން. ރޮނާއާ ވަރަށް ގާތްވާނެ. އެފަހަރު މޯލްޑިވިއަން ދިޔަ ފުދޭވަރަކަށް ދުރަށް. އެ އެހަރު ޕެނަލްޓީ ޖަހައިގެން އެމްޕީއެލް އަތުން ބަލިވީ. އެއީ ރައުންޑް އޮފް16 ކަންނޭނގެ. ގައިމުވެސް ނޮކްއައުޓް މެޗެއް އެއީ” ރާއްޖޭގައި މިވަގުތު ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކުޅެން ފެށުނު ގޮތް އައްޒާމް ކިޔައިދިނެވެ.

މޯލްޑިވިއަން އަށް ކުޅުނު ފަހަރަކީ އައްޒާމަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަ ފަހަރެއް ކަމަށާއި, އެމްޕީއެލް އަތުން ބަލިވި ނަމަވެސް ވަރަށް އުފާވެރި ހަނދާންތަކެއް ލިބުނު މެޗެއްކަން ފާހަގަ ކުރަމުން އިތުރަށް އައްޒާމް ބުނީ, ދަގަނޑޭ އާ ކޮންމެވެސް ގޮތަކުން ދިމާވެ އެކީގައި ބޯޅަ ކުޅެލުން އެއީ ވަރަށް ބޭނުންވި ކަމެއް ކަމަށެވެ.

“އޭރު އަލީ އަޝްފާގު (ދަގަނޑޭ) ވެސް އުޅޭނެ އެމްޕީއެލް ގައި. އެއީ އަސްލު އޭރު އެންމެ ބޭނުންވި އެއް ކަންތައް. ކޮންމެވެސް ގޮތަކުން ދަގަނޑޭ އާ އެކީގައި ފީލްޑުން ދިމާވުން. އެއްޓީމަކަށް ވިޔަސް ނޫނީ އިދިކޮޅު ޓީމުން ވިޔަސް. އެއީ ދެން ވަރަށް ބޮޑު ކަމެއް. އެ ދުވަހު ފޮޓޯވެސް ނެގިން ކަންނޭނގެ ދަގަނޑޭއާ އެކީގައި. ވަރަށް އުފާވި އަސްލު, ދަގަނޑޭ އަމިއްލަ އަށް އައިއްސަ ވާހަކަ ދެއްކީމާ. ވަރަށް ހާއްސަ އުފާވެރި ދުވަހެއް އެއީ. އޭރު އައިސް ބުނި އެމްޕީއެލްއަށް ކުޅެން. އެއީ ދެން ވަރަށް ބޮޑު އެއްޗެއް ދޯ. އަފޭއަކީ ވެސް ވަރަށް ގާތް މީހެއް. އެ ދެމީހުންގެ ރިކުއެސްޓެއް އެއީ އަސްލު އެކޮޅަށް ޖޮއިންކުރުން. އެ ގޮތަށް އުންމީދުކޮށްގެން ހުރީ. ދެން ސްކޫލް ނިންމި ގޮތަށް އެމްޕީއެލުން ވަޒީފާވެސް ލިބުނީ. ދެން އޭގެފަހުން އެމްޕީއެލް އަށް ބަދަލުވީ.” އޭރު އެންމެ ބޭނުންވި ކަންތައް ދިމާވި މެޗަށްފަހު ކަންތައް ވެގެންދިޔަ ގޮތް އައްޒާމް ކިޔައިދިނެވެ.

ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށުން:

އެ ދެވަސްވަރަކީ އޭލެވެލްއަށް ކިޔަވަމުން ދިޔަ ދުވަސްވަރުކަމުން, ސްކޫލުގައި ވަގުތުތައް ހޭދަ ކުރަން ޖެހެއެވެ. ކަންދިމާކުރި ގޮތުން އެ ވަގުތުތަކުން ވެސް އައްޒާމަށް ފުޓްބޯޅަ ކުޅުމަށް މަގުފަހި ވެގެންދިޔައެވެ. ރަސްމީކޮށް ބޯޅަ ކުޅުމަށް ކުރި ދަތުރު ފެށެނީ, ސްކޫލުގައި އުޅެނިކޮށް ރައްޓެއްސަކު އޭރު ދިން ދައުވަތަކުންނެވެ. އޭރު ބީޖީ ސްޕޯޓްސް ކްލަބް އޮތީ ދެވަނަ ޑިވިޝަނުގައެވެ.  އެދުވަހު އެ ފުރުސަތުގައި ކުޅެން ނިންމާ ބީޖީއާ ގުޅުނީ ދެވަނަ ޑިވިޝަން މުބާރާތް ކުޅުމަށެވެ.

“ނަސީބަކުން އެ ފަހަރު ބީޖީ ފުރަތަމަ ޑިވިޝަނަށް އެރީ. އެކަމަކު ކޮންޓްރެކްޓް އޮންނާނީ ދެވަނަ ޑިވިޝަން ކުޅެން އެކަނި ހަދާފައި. ފުރަތަމަ ޑިވިޝަނަށް އެރީމާ އަނެއްކާ އެމީހުން އެޕްރޯޗް ކުރި. އެ ހިސާބުން އަސްލު އަމިއްލައަށް އިހްސާސްވި މިކަން ކުރެވިދާނެކަން. ފުރަތަމަ ޑިވިޝަންގައި ކުޅެވިދާނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބުނީ އެ ހިސާބުން.

ހަނދާންވާ ގޮތުން އޭރު ކުޅުނީވެސް ޑިފެންޑަރަކަށް. ހަމަ އެންމެ ފުލަށް, ކާއްޓޭއާ އެކީގައޭ ހަނދާންވަނީ. ފުދޭވަރަކަށް ރަނގަޅަށް އޭރު ކުޅެވުނު” ދެވަނަ ޑިވިޝަން ބީޖީއާ އެކީގައި ކާމިޔާބުކޮށް ފުޓުބޯޅަ ކުޅެވިދާނެކަން އަމިއްލައަށް އިހްސާސްވި ދުވަސް ކިޔާދެމުން އައްޒާމް ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި ފުޓުބޯޅަ ކުޅެން ފެށުން:

އުމުރުން ވިއްސަކަށް އަހަރުގައި, ފުރަތަމަ ޑިވިޝަންގެ ދަތުރު އައްޒާމް ފެށީ, އޭރުގެ މަޝްހޫރު ފުޓުބޯޅަ ތަރިން ކަމަށްވާ އޮއްޕޮ އާއި އަޑޭ އާއި އޮއިއްޓޭ ވެސް ހުރި ބީޖީ ސްޕޯޓްސް ކްލަބުންނެވެ. އެމީހުންނާ އެކު ކުޅެން ލިބުމަކީ ބޯޅަ ކުޅެން ފަށައިގަތުމަށް އޭރު ލިބުނު ވަރަށް ބޮޑު ތަޖުރިބާއަކާއި ހިތްވަރެއް ގޮތުގައި އައްޒާމް ސިފަ ކުރިއެވެ. އަދި އެފަހަރު އައްޒާމް ވަނީ ރަނގަޅު ކުޅުމެއް ބީޖީގައި ދައްކާފައެވެ.

ބީޖީއަށް ކުޅުމަށްފަހު އައްޒާމް ދެން ބަދަލުވެފައިވަނީ, ޓީސީ ސްޕޯޓްސް ކްލަބަށެވެ. އެއީ ޓީސީއިން ފުރަތަމަ ޑިވިޝަނަށް އެރުމުންނެވެ. ޓީސީއިން ފުރަތަމަ ޑިވިޝަނަށް އެރުމުގެ ކުރިންވަނީ އައްޒާމް ގެންދިއުމަށް ވެސް ތައްޔާރީތައް ވާން ފަށާފައެވެ. އެވާހަކަތައް ހިއްސާކުރަމުން އައްޒާމް ބުނީ ޓީސީއިން އެޕްރޯޗްކުރުމުން އެމީހުން ގާތުގައި އެދުވަހު ވެސް ބުނެފައިވާނީ ފުރަތަމަ ޑިވިޝަނަށް އަރައިފިއްޔާ ޓީސީއަށް ކުޅޭނެ ކަމަށެވެ.

“ޓީސީއިން ފުރަތަމަ ޑިވިޝަންއަށް އޭރު އަރަންވެގެން, ޑޭވް ކަންނޭނގެ އެޕްރޯޗްކުރީ. ޔާންބެމެން. އެމީހުން ބުނި ފުރަތަމަ ޑިވިޝަނަށް އަރައިފިއްޔާ އަންނާށޭ ޓީސީއަށް. ދެން މަ އޭރު ބުނިން, ފުރަތަމަ ޑިވިޝަނަށް އަރައިފިއްޔާ އިރާދަކުރެއްވިއްޔާ ޓީސީއަށޭ މަ ކުޅޭނީ. ފުރަތަމަ އަރާށޭ.” ބީޖީއަށް 3 އަހަރު ޑިފެންޑަރެއްގެ ގޮތުގައި ކުޅުނު އައްޒާމް ޓީސީއަށް ބަދަލުވި ގޮތް ކިޔައިދިނެވެ.

ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް އެރެމުން އޭރު ވީ ވައުދާ އެއްގޮތަށް އައްޒާމް ޓީސީއާ ގުޅުނެވެ. އަދި ޓީސީން ފެނުނު ކަންކަން ހިއްސާކުރިއެވެ.

“އަސްލު ފެނުނީ އެހެން ކްލަބްތަކާ ތަފާތުކޮށް ވަރަށް ބޮޑަށް އެއްބައިވަންތަކޮށް އޮތް ޓީމެއް ގޮތުގައި. ކޮންމެހެން އެހެން ޓީމު ތަކުގައި އެ ނެތީކީ ނޫން. އެކަމަކު އޭގައި ވަރަށް ބޮޑަށް އިހްސާސްކުރެވުނު މީ މަގޭ ކްލަބޭ, އެކަހަލަ ގޮތަކަށް. ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ކުޅެވުނު” ޓީސީގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރި އައްޒާމް ފާހަގަކުރިއެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ނެގުން:

އައްޒާމް އެންމެ ފުރަތަމަ ގައުމީ ޓީމަށް ނެގީ ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެމުން ދަނިކޮށެވެ. ނަމަވެސް އެފަހަރު އަނިޔާގެ ސަބަބުން ޓީމާ ބައިވެރިވެވޭ ގޮތެއް ނުވިއެވެ. އަދި އޭރު އައްޒާމް ކުޅެމުން ދިޔައީވެސް ވާތްފަރާތުން ފަހަތަށް ނޫނީ ކަނާތް ފަރާތުން ފަހަތަށް, ޑިފެންޑަރަކަށެވެ.

އޭގެ ފަހުން ގައުމީ ޓީމަށް ނެގީ ޓީސީއަށް ކުޅެމުން ދަނިކޮށެވެ. ތިން ފަހަރެއްގެ މަތިން ސްކޮޑަށް ނެގިއިރު އައްޒާމްވަނީ ގައުމީ ޖޯޒީގައި މެޗެއް ކުޅެފައެވެ. އައްޒާމް ފާހަގަ ކުރިގޮތުގައި މާ ގިނަ ފުރުސަތުތަކެއް އޭރު ނުލިބެއެވެ.

“އަސްލު މާގިނަ ފުރުސަތު ތަކެއް ނުލިބޭ ގައުމު ތަމްސީލު ކުރާކަށް. އަނެއްހެން ގައުމީ ޓީމުވެސް ވަރަށް ވަރުގަދަ ފަހަރެއް އެއީ. އެރުތިބީ ފައިސަލް, އަސަކޮ, ލިލީ, ހޮކޭމެން އެންމެން. ގައުމީ ޓީމާއެކީގައި ގަތަރަށް ކޭންޕުވެސް ދިޔައިން. ކުޅެން ލިބުނީ, އޮމާން މެޗުގައި. ފަހު ވިއްސަކަށް މިނިޓް ކުޅެލަން ލިބުނީ.”

“އަސްލު ކުޅެން ޗާންސް ލިބޭނޭ ހިތައް އެރި މެޗުގައި ފުރުސަތެއް ނުލިބުނު. ފަލަސްތީނު މެޗުގައި ވަރަށް ޕްރެޝަރުގައި އޮތް ވަގުތެއްގައި އެގަޑީގައި އަމިއްލައަށް އިހްސާސްކުރެވުނު, މި ޕްރެޝަރުގައި މަށަށްވާނެއޭ. އެ ގޭމްގައި އެ އުޅޭ މައްސަލަ ހައްލުކޮށްލޭވޭނެ އޭ. ވަރަށް އަރާ ހިތުން ގޮވާލާތޯ އިނީ. ވަރަށް އުންމީދުކޮށްގެން އިނީ ކުޅެން ފުރުސަތު ލިބޭނެކަމަށް. އެކަމަކު އެ މެޗުގައި އެ ފުރުސަތެއް ނުލިބުނު. އެކަމަކު ވަރަށް ހަނދާން ހުންނާނެ މެޗެއް އެއީ. މެޗުން ބަލިވީ ކޮންމެހެން ޓީމު ދަށްވެގެންނެއް ނޫން. އެ ފިންޏާއި އުނދަގުލުގައި, އަސްލު ކުރެވުނު ހަނދާން ހުންނާނެ ތަޖުރިބާއެއް އެއީ. ދެން ލިލީއަކީ މަގޭ ރޫމް ޕާރޓްނަރ. ލިލީއަކާ އެއްވެސް ވަރަކަށް ޝަކުވާއެއްވެސް ނުކުރަން ނާރައިގެން” ޤައުމީ ޓީމުގެ ތަޖުރިބާ ހިއްސާ ކުރަމުން އައްޒާމް ކިޔައިދިނެވެ.

މީގެ އިތުރުން އައްޒާމް ވަނީ އެ ތަޖުރިބާއިން ހޯދި ފިލާވަޅު ހިއްސާކޮށްފައެވެ. އައްޒާމް ބުނީ ކޮންމެ މީހަކުވެސް އަރައިގެން ކުޅެން ބޭނުންވާނެ ކަމަށާއި, ނަމަވެސް ބައެއް ފަހަރަށް އެކަން ނުވެ ހިނގައިދާނެ ކަމަށެވެ. އަދި ނޭރުވުމުން އެކަން ނެގެޓިވްކޮށް ނަގައިގެން ނުވާނެ ކަމަށާއި, އެ މީހަކީ ކިތަންމެ މޮޅު މީހަކަސް, މާދަމާ ބެންޗުގައި އިންނަންޖެހުމަކީ ވެދާނެ ކަމެއް ކަމަށެވެ. އިތުރަށް އައްޒާމް ބުނީ ކުޅުންތެރިންނަށް އަސްލު ކޯޗުގެ ވިސްނުން ނޭނގޭނެ ކަމަށާއި, ފަހުން އަރުވަން ބައިންދަނީ އެހެން ޕްލޭނަކަށް ސެޓުކޮށްފައި ނޫނީ ދެން އޮތް މެޗެއްގައި ބޭނުންކުރަން ކަމަށް ވެދާނެ ކަމަށެވެ. އެބައި ކޯޗުންނަށް ދޫކޮށްލާފައި ފުރުސަތު ލިބެންދެން ކެތްތެރިވުން އެއީ ވަރަށް މުހިންމު ކަމެއްކަން އެނގިގެން ދިޔަކަށް ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބީ ތަކެއް ހޯދި އައްޒާމް ބުނެދިނެވެ.

“ގައުމީ ޓީމުގައި ކުރެވުނު ތަޖުރިބާ ވަރަށް ތަފާތު. އެންމެ ތަފާތު މީހަކަށް ދިމާވީ, އަކޫ އާއި އުމީ އާއި ދަގޭ. ބޮސްއަކީ އަބަދުވެސް ތަފާތު މީހެއްތާ ދޯ. ހުރިހާ އެންމެނާވެސް ގުޅޭނެ. ދެން ލިލީވެސް. ފުރަތަމަ ތަޖުރިބާ ދޯ މިއީ. ގައުމީ ޓީމުގެ އަސްލު މަގޭ ބްރަދަރ އެއީ. އޭނަ ވަރަށް ހެލްޕްވި ހުރިހާ ކަމެއްގައިވެސް. އަލަށް ދިޔައިމާ އަސްލު އަހަރެންނަކަށް ނޭނގޭ ގެންދަންވީ އެއްޗެއްވެސް ހަމަކުރާކަށް. އެހެންވީމާ ބައެއް އެއްޗެއްހި ނުލާވެސް ދެވޭ. އޭނަ އަމިއްލައަށް ހޯދައިދޭ. އަސްލު މުޅިއެތި އެކުލަވާލާ އެކަންކަން ލީޑުކުރަނީ ދަގޭ އާއި އަކޫ. އެއީ އެންމެ ތަފާތު. އަކޫ އަކީ ސީދާ ލީޑަރެއް. ކުޅުމާއި ބޭރުންވެސް.” ގައުމީ ޓީމާއެކު ދަތުރުކޮށް ކުރެވުނު ފުރަތަމަ ތަޖުރިބާ އައްޒާމް ކިޔައިދިނެވެ.

އައްޒާމް ބުނީ ގައުމީ ޓީމަށް އެންމެ ކުޅެން ބޭނުންވީ 2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕުގައި ކަމަށެވެ. އެފަހަރު އެވަރަށް މަސައްކަތްކޮށް ޓީމުން ޖާގައެއް ލިބޭތޯ ބެލި ނަމަވެސް, އެފަހަރު ފުރުސަތު ލިބޭ ގޮތެއްނުވިއެވެ. އެކަމަކު އެ ފަހަރު ތަށި ލިބުމުން އުފާވާ ކަމަށެވެ.

“ޓީމަށް އެންމެ ދާން ބޭނުންވި ފަހަރު ނުހޮވުން. އެއީ 2018 ސާފް ނެގިއިރު. ވަރަށް މަސައްކަތްވެސް ކުރިން. ވަރަށް އަރާހިތުން ހުރީވެސް. އެފަހަރު ބާކީވީ ޓީމުން. ގަތަރު ކޭންޕުގައި. އެފަހަރު އެންމެ ފަހުން ބޭރުވީ އުމީ އާ މަށާ. ހިތައްވެސް އެރި މަށަށް ޖާގައެއް ޑިޒަރވް ފަހަރެކޭ ވެސް. އެކަމަކު ވެސް އޯކޭ ދެން. ނަސީބަކުން އަހަރެމެން ބޭނުންވި ތަށި ލިބުނުތާ ދޯ. އެޔެއްނު މުހިންމުކަމަކީ.” އޭރު ކުރެވުނު އުންމީދެއް އައްޒަމް ހިއްސާކުރިއެވެ.

 

ގައުމީ ޖޯޒީގައި އަމިއްލަ ދަނޑުގައި މެޗަށް އަރަން ބުނުމުން ކުރެވުނު އިޙްސާސް:

ގައުމީ ޖޯޒީގައި ކުޅުމަކީ އެންމެންގެ ވެސް ވަރަށް ބޮޑު ހުވަފެނެކެވެ. އަދި ވަކިން ހާއްސަކޮށް އަމިއްލަ ވަޒަނުގައި, އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ނުހަނު ބޮޑު ޝަރަފެކެވެ. އެ ޝަރަފް އައްޒާމަށް ލިބުނީ 2017 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ވޯމަޕް ކުރުމަށްފަހު, އަރަން ބުނުމުން އެއްވެސް ވަރަކަށް ހާސްވެ ބިރު ނުގަންނަ ކަމަށެވެ. އަދި ލިބުނު މަދު ވަގުތުކޮޅުގައި ބެސްޓް ދިނުމަށް ތައްޔާރުވި ކަމަށެވެ.

“ވަރަށް އަރަން ބޭނުންވެފައި އިނީ. އެކަމަކު ކުރީ ފަހަރު ވީ ގޮތުން ހަމަ ނާރަފާނޭ ހިތައްއެރި. ރަނގަޅަށް ވޯމްއަޕް ވެލައިގެން ރެޑީ ވެލައިގެން އިންދާ ކޯޗު ގޮވީ. ދިޔައިމާ ބުނަނީ އަވަހަށް ރެޑީވެލައިގެން އަންނަން. އަރާހިތްވެފައި އިންލެއް ބޮޑުކަމުން އަސްލު އެއްވެސް ވަރަކަށް ހާސްވެ އެކަހަލަ ކަމައް ނުވޭ. އޭރު ގަޑީގައި ބާކީ ގާތްގަނޑަކަށް 20 މިނިޓް ބާކީ އިނީ. އޭރު ހިތައް އައީ 90 މިނިޓް ނޫނީ 40 މިނިޓް ކުޅޭ މީހަކަށް ވިއްޔާ 20 މިނިޓް އެއްވާނެއްގައި ކުޅެވޭނެއޭ. އޭރު 1-0 އިން ބަލީ އަހަރެމެން. އެހެންވީމާ މި ގަޑީއަކީ ހެސްކިޔާފަ މަސައްކަތް ކުރަންޖެހޭނެ އޭ. އަދި މިއީ ލިބޭ ފުރަތަމަ ފުރުސަތު ވީމާ ކޮންމެހެންވެސް އެ ތަފާތު ދައްކަން ޖެހޭނެއޭ. މަގޭ ބެސްޓް ދޭންޖެހޭނެއޭ. އެ ހިސާބުން މައިންޑްވެސް ސެޓްކޮށްފިން އަސްލު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ހުރިހާ އެއްޗެއް ދޭން. އެވަރަށް ސިކުނޑި ރެޑީކުރިން. ފުރަތަމަ ވެސް އެރިގޮތަށް ދިޔައީ އުމީ ކައިރިއަށް. ކޯޗުގެ އިންސްޓްރަކްޝަން އުމީއަށް ޑެލިވަރ ކުރަން. ހަމަ ރަނގަޅަށް އެޓޭކްވެސް ޑިފެންސްވެސް ކޮށްލެވުނު. އެކަމަކު ވަރަށް ވަރުބަލިވި. ކުއްލިއަކަށް ވަރަށް ހައި ޓެމްޕޯއަކަށް ނަގަން ޖެހުނީމާ. ލޮޑުވެސް ވި. އެކަމަކު ގިވްއަޕެއް ނުކުރަން. ކޮންމެ ގޮތެއްވިޔަސް 20 މިނިޓެއްނު އެއީ. ހިތްހަމަޖެހޭ ވަރަށް ދުވެ މަސައްކަތް ކޮށްލުވެނު. ބަލިވެގެން މެޗުން ފޭބިއަސް ވެސް ހަޔާތުގެ މުހިންމު އެއް ޓާގެޓް ހާސިލްވެ, ގައުމީ ޓީމަށް މެޗެއް ކުޅެލެވުނީމާ އުފާވި” ގައުމީ ޖޯޒީގައި ކުޅެން ލިބުނު ވަގުތުކޮޅު ސިފަ ކޮށްދެމުން އައްޒާމް ކިޔައިދިނެވެ.

ޓީސީ ސްޕޯޓްސް ކްލަބާއި އައްޒާމް:

ޓީސީއަކީ އައްޒާމަށް އެންމެ ގިނަ ކާމިޔާބުތައް އެ ޓީމެއްގައި ހުރެ ހޯދުނު ޓީމެވެ. 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޓީމު އަރައިގެން އައިއިރު ޓީމުގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. މަސައްކަތް ކޮށްފިއްޔާ ރާއްޖޭގެ އެންމެ އުހަށް ދާނެ ކަމަށް ބެލެވޭ ކުޅުންތެރިން ޓީސީގައި ތިބި ކަމަށް އޭރުވެސް އައްޒާމަށް ގަބޫލުކުރެވުނެވެ. މިސާލަކަށް އައްޒާމް ފާހަގަ ކުރީ ދާދު އާއި އިއްބެގެ ނަމެވެ. މިއަދު އެ ދެ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ އުހުގައި ތިބި ކުޅުންތެރިންނެވެ.

ޓީސީ އައްޒާމަށް ހާއްސަވާ އަނެއްސަބަބަކީ ކޯޗު ނިޒާންބެއެވެ.

“އެއީ ހަމަ ކޯޗެއްގެ ގޮތުގައި އެއްވަނަ. މަސައްކަތް ކޮށްލަން ފަސޭހަ, ކުޅުންތެރިންނަށް ރަނގަޅަށް ބަލާ ކޯޗެއް. ކުޅުންތެރިންގެ ޕޮޓެންޝިއަލް ވަރަށް ރަނގަޅަށް ދަންނަ ކޯޗެއް” ޓީސީގެ ޖަރނީ ފެށިގެން އައިގޮތާއި ކޯޗު ނިޒާންބެގެ ވާހަކަ  ކިޔާދެމުން އައްޒާމު ބުންޏެވެ.

ޓީސީއާއެކު ހޯދުނު ކާމިޔާބީތައް:

ފުރަތަމަ ޑިވިޝަނުގައި ޓީސީ ކުޅޭތާ 4 އަހަރަށްފަހު, 2018 ވަނަ އަހަރުގެ ލީގު ޗެންޕިއަންކަން ހޯދިއެވެ. އޭގެ ކުރިން  ލީގުގެ ދެވަނަ ވެސް ދެ ފަހަރެއްގައި ހޯދާފައިވެއެވެ. އައްޒާމް ފާހަގަކުރާ ގޮތުގައި ޓީސީއަށް އެހާ އަވަހަށް އެ ހިސާބަށް ދެވުނީ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ގުޅުން ވަރުގަދަވުމުގެ އިތުރުން, ޓީމު ލީޑުކުރަން ތިބި ފައްރަ އާއި ދަގަނޑޭމެން ފަދަ ކުޅުންތެރިންގެ ލީޑަޝިޕްގެ ސަބަބުންނެވެ.

“އޭރުގެ ކުޅުންތެރިންގެ ފަރާތުން ފައްރަ ވަރަށް ފާހަގަކޮށްލެވޭ. އަދިވެސް ވަރަށް ގާތް ރައްޓެއްސެއް. އެފަހަރު, ލީގު ނެގި ފަހަރު 2018ގައި ދަގަނޑޭވެސް ހުރި” ޓީސީއާ އެކު ލީގު ކާމިޔާބު ކުރި އައްޒާމް ފާހަގަކުރިއެވެ.

ޝޭހްކަމާލް ކަޕްގެ ޗެންޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބުން 2017 ވަނަ އަހަރު ހޯދުން ވެގެންދިޔައީ, ކްލަބާއި މުޅި ރާއްޖޭގެ ތާރީހުގައިވެސް ރަންއަކުރުން ލިޔެވިގެންދިޔަ ބޮޑު ކާމިޔާބީއަކަށެވެ. ރާއްޖޭގެ ލީގުގެ ދެވަނަ ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޓީސީއަށް, ބޭރުގައި އޮތް މުބާރާތެއްގެ ތަށި އުފުލާލުންވީ އަޑިއަޅަމުންދިޔަ ދިވެހި ފުޓުބޯޅައަށް ނުހަނު ބޮޑު ހިނިތުންވުމެއް ގެނެސްދިން ކަމަކަށެވެ. އަދި މިއީ ޓީސީގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. ކަންދިމާކުރި ގޮތުން ޓީމާއެކު ބަންގާޅަށް އައްޒާމު ދިޔައިރު ހުރީ އަނިޔާގައެވެ. އެހެންވެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކުން ފެންނަ ގޮތެއް ނުވިއެވެ. އޭރުވެސް އައްޒާމު ދިޔައީ އަނިޔާއިން ސަލާމަތްވެ ކުޅެން ނުކުތުމަށް މަސައްކަތް ކުރަމުންނެވެ. އެދުވަސްވަރު ސޯޝަލް މީޑިއާގައި ޓީސީއަށް އެތައް ފާޑުކިއުމެއް އަމާޒުވަމުން ދިޔައިރު ވެސް, އެއިން އެއްވެސް ކުޅުންތެރިއެއްގެ ފޯކަސްއަށް ބަދަލު އައިސްފައިނުވާކަން އައްޒާމް ފާހަގަ ކުރިއެވެ.

“2017ގައި ޝޭހްކަމާލް ކަޕަށް ދިޔައިރު އިންޖަރީގައި ހުރެފައި މަޑުމަޑުން ކުޅެންފެށި. ޕްރެކްޓިސް އަށްވެސް ދަނީ ޓޭޕްކޮށްގެން ގާރޑު އަރުވައިގެން ވަރަށް ރެޑީވެގެން. ދެން ޗާންސް ލިބުނީމާ އިންނާނެ ދޯ އަމިއްލަ އެއްޗެއް. އެހެންވެ އެޖާގަ ހޯދަން ކޮންމެ ގޮތެއްވިޔަސް އަމިއްލައަށް މަސައްކަތް ކުރާނެދޯ. ރާއްޖޭގެ އެއްވެސް ބަޔަކު އަސްލު އުންމީދު ވެސް ނުކުރޭ ޓީސީ ސެމީއަށް ވެސް ދާނެ ކަމަކަށް. ބޭރުގައި އުޅުނުއިރު ވެސް, ސޯޝަލްމީޑިއާގައި ވެސް ވަރަށް ކްރިޓިސައިޒްކުރި, ނުވާނެއޭ, އަނެއް ބުރަކަށް ނުދާނެއޭ. އެކަމަކު އަހަރެމެން އެއަކަށް ފޯކަސް އެއް ނުކުރަން އެކަމަކަށް. ހަމަ ހުރިހާ ފޯކަސްއެއް ބެހެއްޓީ މެޗަށް” އެދުވަހުގެ ހާލަތު ކިޔައިދެމުން އައްޒާމް ބުންޏެވެ.

ޝޭހްކަމާލް ކަޕުގެ ސެމީއަކީ, ޓީސީއަށް މުޅިން އަލަށް ކުރަން ޖެހުނު ތަޖުރިބާއެކެވެ. ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތައްވީ ނަމަވެސް, އޭރު އެ ޓީމުގައި މި ފަދަ އެތައް ތަޖުރިބާއެއް ކޮށްފައިވާ ކުޅުންތެރިން ތިއްބެވެ. އެކުޅުންތެރިންގެ ތަޖުރިބާ އެންމެ ބޭނުންވި ވަގުތު އެ ކުޅުންތެރިންވަނީ އެގެ ބޭނުން ވަރަށް ރަނގަޅަށް ކޮށްފައެވެ. އެ މުބާރާތުގެ ސެމީފައިނަލްގައި ކިރްގިސްތާނުގެ އަލްގާ ބިޝްކެކް އާ ދެކޮޅަށް ކުޅުނު މެޗުން އައްޒާމްގެ ޓީސީ މޮޅުވީ 1-0 އިންނެވެ.

ފައިނަލްގައި ކުޅެންޖެހުނީ ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީ އާ ދެކޮޅަށެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ޓީސީ މޮޅުވެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މި މެޗުގައި އައްޒާމަށް ހެދުނު ގޯހެއްގައި އިދިކޮޅު ޓީމުން ގޯލްޖެހި ނަމަވެސް, ޓީސީއިން އެއްވަރު ކުރި ގޯލްޖެހީ ވެސް ހަމަ އައްޒާމެވެ. އެ ދުވަހުގެ ހަނދާންތައް އާ ކުރަމުން އައްޒާމް ބުނީ އެދުވަހު ބެންޖޯގެ އިސްޕައިރިން ވާހަކަތައް ހަނދާންވާ ކަމަށާއި, ޓީމު އެލުނު ގަޑީގައި ވެސް ޓީމުގެ ކުޅުން ފާހަގަވެގެން ދިޔަ ކަމަށެވެ.

“ވަރަށް ހަނދާންވޭ, އެދުވަހު ބެންޖޯގެ އިންސްޕައިރިންގ ވާހަކަތައް. އޭނަ ބުނީ މިހާހިސާބުން ކްލަބު ބައި ނިމުނީކަމަށާއި, ދެން މިއޮތީ ގައުމާ ޖެހިފައޭ. އެހެންވީމާ އެންމެންވެސް ގައުމީ ރޫހުގައޭ ކުޅެންވީ. މެޗުގައި ފުރަތަމަ ގޯލް ޖަހާނީ ދާދު ނަގާ އެއްޗެއް ބެންޖޯ ބޮލުން. މަށަށް ހެދޭ މިސްޓޭކަކުން އެމީހުން އެއްވަރު ކުރާނީ. ކްލިއަރ ކޮށްލަން ޖެހޭ އެއްޗެއް ކޯނަރަކަށް ބޭރުވެ އޭގައި އެމީހުން އެއްވަރު ކުރާނީ. ދެވަނަ ގޯލަކީ ފައްރަ އަތުން ބައިކޮޅަށް ވަން ގޯލެއް. އެ ހިސާބުން ވަރަށް ބޮޑަށް ޓީމު އެލުނު. އެކަމަކު ވަރަށް ރަނގަޅަށް ޓީމު ކުޅުނު. އެއްވެސް ދުލެއް ނުދީ. އެކަމަކު އަހަރެމެން އެ މެޗުން މޮޅުވީ އަހަރެމެން ގޮތްދޫނުކޮށް ކުޅުނީމާ. އަލްޙަމްދުالله . ފައިނަލުގައި މަ އެއްވަރު ކުރި ގޯލް ޖަހާނީ. ޕެނަލްޓީ ޖަހައިގެން މޮޅުވަނީ.”

އެ ގޯލް ޖެހިވަގުތުގެ ހަނދާންތައް އާ ކުރަމުން އައްޒާމް ބުނީ, އެ ގޯލް ޖެހުނީ އެއްތަނަކުން ދެ ފަހަރެއްގައި ލިބުނު ބޯޅައެއްގައި ކަމަށެވެ. ފުރަތަމަ ބޯޅަ ފަޔަށް ރަނގަޅަށް ނާރައި ދިޔުމުން ދެވަނަ ފަހަރު ހަމަ އެތަނުން ލިބުނީމައި ފަޔަށް އަރުވާލާފައި ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. އެވަގުތު އެންމެ ހަނދާންވީ ޗޭ ކޯޗުކަމުން ދުއްވައިގަނެވުނީ ވެސް ޗޭ ކޯޗާ ދިމާއަށެވެ.

“ގޯލް ޖެހި ވަގުތު ވަރަށް ތަފާތު އިހްސާސެއް ކުރެވުނީ. މަގޭ ޓީސީގެ ހަޔާތުގައި ޗޭ ކޯޗަކީ ވަރަށް މުހިންމު މީހެއް. މަށަށް ފުރަތަމަވެސް އެ ގޯލް ސެލެބްރޭޓް ކުރަން ދިޔައީ ޗޭ ކޯޗާ ދިމާއަށް. މަށާ އަބަދުވެސް ވަރަށް ގާތްވާނެ.” ޓީސީއަށް ޝޭހްކަމާލް ކަޕުގެ ފައިނަލް މެޗުގައި އެއްވަރު ކޮށްދިން ގޯލް ޖަހައިދިން އައްޒާމް ކިޔައިދިނެވެ.

ޓީމު މޮޅުވެގެން, ތަށި އުފުލާލި އިރު އުފާވި ކަމާއި, އެކަމަކު އަސްލު ތައްޓެއް ނެގުނު ކަމުގެ އުފަލާއި އަދި މި ކުރެވުނީ ކިހާ ބޮޑު ކަމެއްކަން އިހްސާސްކުރެވުނީ ޓީމު މާލައަށް އައުމުން ކަމުގައި އައްޒާމް ފާހަގަ ކުރިއެވެ.

“ދެން މޮޅުވި އިރުވެސް އަސްލު މޮޅުވެފައޭ, އެ އިހްސާސެއް ނުކުރެވުނު. ބޮޑަށް އެ އިހްސާސްވީ އަސްލު މާލެއަށް ފޭބި ފަހުން. އަހަރެމެންނަށް ކިހާވަރެއްގެ ކަމެއް ކުރެވިގެންކަން މި އާދެވުނީ. ދެން މޯގެ މެނޭޖް ކުރުން ވަރށް ސަޅި. އެކޮޅުގެ ހުރިހާ ކަމެއް. ދެން ކޯޗު ނިޒާންބެގެ ޓެކްޓިކްސްއަކީ އެހެން ލެވެލްއެއްނު. އަސްލު ވަރަށް ބޮޑު އެއްޗަކަށްވި އެންމެނަށް އެއަށް އެކީގައި ފޮލޯކުރެވުން. އެއީ އެ ކާމިޔާބަށް އަހަރެމެންނަށް ކުރެވުނު ދަތުރުގެ ސިއްރަކީ. އެ ދަތުރަކީ ވަރަށް މަޖާ ފަހަރެއް. ވަރަށް އުފާވެރި ހަނދާންތަކެއް އެއީ.” ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތުގެ ތަށީ ޓީމަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އައްޒާމް އެދުވަހުގެ އިހްސާސްތައް ކިޔައިދިނެވެ.

އައްޒާމްގެ ފުޓުބޯޅަ ކެރިއަރު ފެށީ ޑިފެންޑަރަކަށެވެ. އޭގެ ފަހުން ޓީސީއަށް ބަދަލުވެ އެ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި, ކީޕަރަކަށް ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް ކުޅެވިފައި ހުންނާނެ ކަމަށް އައްޒާމް ބުންޏެވެ.

“ޓީސީގައި ނުކުޅޭ މަގާމަކަށް އޮންނާނީ ކީޕަރުކަންނޭގެ. އެހެން ހުރިހާ މަގާމަކަށް ކުޅެވުނު. ކީޕަރަށް ކުޅެން ފުރުސަތެއް ނުއެއްލިބޭ ދޯ. އެހެންނޫން ނަމަ އެކަންވެސް ކުރެވުނީސް ކަންނޭނގެ. އަނެއްހެން ކީޕަރުކަން ކުރާކަށް އެހާބޮޑަކަށް ނޭނގޭނެ. އެހެންވެގެން ކަންނޭނގެ.” އައްޒާމު ކުޅުނު ޕޮޒިޝަންތަކުގެ ވާހަކަ ދައްކަމުން ހިނިތުންވެލާފައި ކިޔައިދިނެވެ.

ފުޓުބޯޅަ ރަސްމީވެ، ފުޓްސަލް މަޑުޖެހުން:

ފުރަތަމަ ޑިވިޝަނުގައި ފުޓުބޯޅަ ކުޅެމުން, ފުޓްސެލް ކުޅުނީ ރަށުގައި އޮންނަ މުބާރާތް އެކަނި ކަމަށް އައްޒާމް ފާހަގަކުރިއެވެ.  ސަބަބަކީ, ސީއެމްސީގައި އެއްބައި ފަހަރު ފުރަތަމަ ޑިވިޝަނުގެ އެކަކަށް ކުޅެވި އެކަހަލަ ގޮތަކަށް އެކިފަހަރު މަތިން ގަވާއިދު ބަދަލުވުމެވެ. އެއާއެކު އައްޒާމްގެ ހުރިހާ ފޯކަސް އެއް ހުރީ ފުރަތަމަ ޑިވިޝަންގައި ފުޓުބޯޅަ ކުޅުމަށެވެ.  ސީއެމްސީވީ ފުރުސަތު ލިބިއްޖެއްޔާ ކުޅޭނެ އެއްޗަކަށެވެ. ދެވަނަ އޮޕްޝަނަށެވެ.

ފުޓުބޯޅަތަ ނޫނީ ފުޓްސަލްތަ؟

އައްޒާމަކީ ބޯޅައަށް ލޯބި ޖެހިފައިވާ މީހެކެވެ. ފުޓުބޯޅައަކީ މަތީ ފަންތީގައި އެންމެ ގިނަ ދުވަސްވަންދެން ކުޅެފައިވާ ކުޅިވަރެވެ. ފުޓްސަލް އަކީ މިއަދު އައްޒާމް އެކުޅިވަރަކަށް ހުސްވެފައިވާ ކުޅިވަރެވެ. ހިތުގައި އޮތީ ދެ ކުޅިވަރަށް ވެސް ހާއްސަ ލޯތްބެކެވެ. އައްޒާމް ސިފަކުރީ ދެކުޅިވަރުގައި ތަފާތު ކަމެއް މިހާރު އެބަހުރި ކަމެވެ. އަދި މިހާރަށް ވިސްނަންޏާ, މިވަގުތު އައްޒާމް ނަގާނީ ފުޓްސަލް ކަމަށެވެ.

“ދޭއްޗަކީ ވެސް ތަފާތު ދެކަމެއް. މިހާރު ވިސްނަންޏާ ރާއްޖޭގައި ފުޓްސަލް މާ ފޯރިގަދަ. ވަކި އެއްޗެއް ނަގަންޏާ ހުރިހާ ގޮތަކަށް ބަލަންޏާ, ދޭތީގައިވެސް ރަނގަޅު ކަންކަމާ ގޯސް ކަންކަމާ ހުންނާނެތާ ދޯ. އެގޮތަށް ބަލަންޏާ, މިހާރު ދެން ފުޓްސަލްއަށް ފޯކަސް ހުރީ. ފުޓުބޯޅަ އަކީ ކުޅޭ ހިތްވުމާ، އެހެން މީހުންގެ ސަޕޯޓާއި ރާއްޖޭގެ ފޯރިއާ ބަލާފައި ވަރަށް ކިކު އެއްޗެއް. އަސްލު ހަގީގަތަކީ ސަޕޯޓަރުންނާ ނުލައި ފުޓްބޯޅައަކީ ނެތް އެއްޗެއް. މިހާރު ބަލަންޏާ އަސްލު ފުޓްސަލް ފޯރިގަދަވަނީ ސަޕޯޓަރުންގެ ސަބަބުން. އެއީ އަސްލު އެންމެ ބޮޑު ތަފާތަކީ. ކުރީގެ ފުޓްބޯޅައަކީ ގަލޮޅު ދަނޑު ފުރާލައި ވަރަށް ކިކުގައި ސަޕޯޓަރުން ދޭ ދޯ. މިހާރު ވަރަށް މަދު މީހެއް ދަނި ބަލަންވެސް. އެހެންވީމާ މިހާރު ފުޓްސަލް.” އައްޒާމް ފުޓްސަލް އިހްތިޔާރު ކުރި ސަބަބު ސާފު ކޮށްދިނެވެ.

ސީއެމްސީ ގެ ކާމިޔާބީ:

ސީއެމްސީ ދަތުރަށް އައްޒާމް ފެށިއިރު ވެސް, އެސްޓީއޯ އިންވަނީ ދެބުރަށް މި ތަށި ކާމިޔާބު ކޮށްފައެވެ. އައްޒާމް ފުރަތަމަ ސީއެމްސީ ތަށި ނަގާފައިވަނީ 2012 ވަނަ އަހަރު އެމްޕީއެލްގައި ހުރެގެންނެވެ. އޭރު އައްޒާމް އާ އެކު އެންމެ ރަނގަޅަށް ކުޅެމުން ދިޔައި މައްޓުއެވެ. ޖެހިގެން އައި 2013 ވަނަ އަހަރު ވެސް މި ކާމިޔާބު ތަކުރާރު ކުރިއެވެ. ނަމަވެސް ތިންވަނަ ބުރުގައި ނާކާމިޔާބާ ކުރިމަތި ލާން ޖެހުނެވެ. އައްޒާމް ފާހަގަ ކުރިގޮތުގައި އެ އަހަރުތަކަކީ, ވަރަށް ފޯރިގަދަ ވެގެންދިޔަކަން ފާހަގަކޮށްލެވޭ ފަހަރުތަކެއް ކަމަށެވެ. މީގެ އިތުރުން ފުޓްސަލް ކުޅޭ މީހުންނަށް ވަރަށް ބައިވަރު ފުރުސަތުތަކެއް ސީއެމްސީގެ ސަބަބުން ލިބިގެން ދިޔަ ކަމަށްވެސް އައްޒާމް ފާހަގަ ކުރިއެވެ.

ތިންވަނަ ފަހަރަށް ސީއެމްސީގެ ތަށި އައްޒާމް އުފުލާލީ ފެނަކައާއެކު 2022 ވަނަ އަހަރުއެވެ. އަދި މިއީ މި މުބާރާތުގެ ފައިނަލުގައި ފެނަކަ ކުޅުނު ފުރަތަމަ ފަހަރު ވެސް މެއެވެ. މި މެޗުގައި ފެނަކަ އަށް އެއްވަރު ކޮށްދިން ގޯލް ވެސް ޖަހާފައިވަނީ އައްޒާމެވެ.

ހަތަރުވަނަ ފަހަރަށް އައްޒާމް ސީއެމްސީގެ ޗެމްޕިއަންކަން މިއަހަރު ހޯދީ ކްލަބް ވެމްކޯ އާ އެކީގައެވެ. އެއާއެކު އައްޒާމް ވެފައިވަނީ ސީއެމްސީގެ ތަށި ތަފާތު ތިން ޓީމެއްގައި ހުރެ އުފުލާލި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. އަދި އެ މުބާރާތުގެ އެންމެ ކާމިޔާބު އެއްކުޅުންތެރިޔާ އަށެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ރަށަށް ބަދަލުވުން:

ޓީސީ ސްޕޯޓްސް ކްލަބްގެ 2020-21 ވަނަ އަހަރުގެ ސީޒަންގައި ކުޅުނު އިރު, އައްޒާމްއަކީ އެ ކްލަބްގެ ކެޕްޓަނެވެ. އުމުރުން 31 އަހަރުގައި އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އައްޒާމް ގެ އުފަން ރަށް ކަމުގައިވާ، ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. ނަމަވެސް ސަޕޯޓަރުން އެދިގެން އައްޒާމް ރިޓަޔަމަންޓް އުވާލައި އަލުން ފުޓުބޯޅަ ކުޅެން ނުކުމެ ސަސްއަސް ސޮއިކޮށްފައި ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހުގައެވެ.

ނަމަވެސް ސަސް އަށް އެފަހަރު ކުޅެން ނުކުތުމަށް ފަހު، ވަކި ހިސާބަކުން ރަށަށް ބަދަލުވެ އަނެއްކާ ވެސް ރަސްމީ ސިފައިގައި ފުޓުބޯޅަ ކުޅުން ހުއްޓާލީއެވެ. އެހާ ހިސާބުން ފެށިގެން އެއްކޮށް ފުޓްސަލްއަށް ބަދަލުވެ, ހުރިހާ ފޯކަސްއެއް އެއަށް ދިނީއެވެ.

އައްޒާމުގެ ފުޓުބޯޅަ ކެރިއަރު ހުއްޓާލައި ރަށަށް ބަދަލުވުމުގައި މުހިންމު ދެތިން ކަމެއް އޮތް ކަމަށް ފާހަގަ ކުރިއެވެ. އައްޒާމް ފާހަގަ ކުރިގޮތުގައި މައިންބަފައިންނަކީ ވަރަށް މުހިންމު ބައެއް ކަމަށާއި, މަންމަމެންނާ ދުރުގައި 2005 އިން ފަށައިގެން އުޅެމުންދާތީ, މަންމަމެން ކައިރީގައި އުޅެންދާން ބޭނުންވީއެވެ. އަނެއްކަމެއް ގޮތުގައި އައްޒާމް ފާހަގަ ކުރީ މާލީގޮތުން ދިމާވި ގޮންޖެހުންތަކެވެ.

“މައިންބަފައިންނަކީ ވަރަށް މުހިންމު ބައެއް. އޭރު މަންމަމެން ފެންނަނީ ހަމައެކަނި ޗުއްޓީގައި. ދެން ތަންކޮޅެއް ފްރީކޮށް އަސްލު މަންމަ މެންނާ އެކުގައި ގިނަވަގުތު ހޭދަވާނެ ދޯ ރަށަށް ދިޔައިމާ. އަނެއްކަމަކީ ފައިނޭންޝިއަލީ, ކުރިމަތިވި ދަތިކަން. އެހެންވެ ބޭނުން ނުވީ އަސްލު އާއިލާއާ އެކީގައި އެ ތަކުލީފުގައި މާލޭގައި އުޅެން. އެހެންވެ އޭރުގައި ނިންމީ މިވަގުތު އެންމެ ރަނގަޅުވާނީ ރަށަށް ދިޔައިމައޭ. ތަންކޮޅެއް ކުރިންވެސް އަސްލު ރަށަށް ދިއުމުގެ ވިސްނުން ގެންގުޅުނިން. އެދަނޑިވަޅުވީ އަސްލު ވަޒީފާއަކަށް ލައިގެން އެއަށް ހޮވުނު ދުވަސްކޮޅު. އެހެންވެ ހިތައްއެރީ އެ ވަޒީފަ ލިބުނީމާ ދެން އޭގެ ބޭނުން ހިފާނީއޭ.” އައްޒާމް ރަށަށް ބަދަލުވި ސަބަބުތައް ތިލަކޮށްލަ ދިނެވެ.

އަނބުރާ ގަލޮޅު ދަނޑުން ފެނިދާނެތަ؟

އަނބުރާ ގަލޮޅު ދަނޑުން ފެނިދާނެތޯ ސިޑީބަރިން ކުރި ސުވާލަށް ޖަވާބު ދެމުން އައްޒާމު ބުނީ, އެއީ ދުރުކަމެއް ކަމަށާއި, ސީދާ ޖަވާބެއް ދޭން ނޭނގޭ ކަމަށެވެ. އަދި މިހާރުގެ އެއްވެސް ވިސްނުމެއް ފުރަތަމަ ޑިވިޝަންގައި ކުޅުމަށް ނެތް ކަމަށެވެ.  “މިހާރު އަނެއްހެން ބުނާނަމަ އުމުރެއްވެސް ނެތް. ދެން ކުޅޭކަށް މާގިނަ އަހަރުތަކެއް ނެތް. ފުރަތަމަ ޑިވިޝަންގައި ކުޅެންޏާ ވަރަށް މަސައްކަތް ކުރަންޖެހޭނެ. ހަށިގަނޑަށް ވަރަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެންނަންޖެހޭނެ.” އައްޒާމް ގެ ވިސްނުން މިހާރު ހުރިގޮތް ހިއްސާކުރިއެވެ.

އައްޒާމަށް ސަޕޯޓުކުރާ، ސަޕޯޓަރުންނަށް ބޭނުންވާ މެސެޖު:

އައްޒާމް ދިނީ ތަފާތު މެސެޖެކެވެ. ގޮވާލީ ރިވެތި އުސޫލުގައި ހިފުމަށެވެ. އެންޓިސަޕޯޓު ނުކުރުމަށެވެ. އެއްޗެހި ކިޔައި ހަޑިހުތުރު ބަހުން މުހާތަބުކޮށް އެއްވެސް ކުޅުންތެރިއަކަށް ނުގޮވުމަށެވެ. އެއީ ހުރިހާ ކޮޅަކުން ވެސް ދަނޑުގައި ތިބޭނީ އައްޒާމް ގެ ރައްޓެހިން ކަމަށްވެފައި, ދިމާކޮށް ފުރައްސާރަ ކުރުމަކީ ސަޕޯޓު ކުރުން ކަމުގައި އައްޒާމް ނުދެކޭތީއެވެ.

އައްޒާމްގެ ނަޒަރުގައި ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ:

ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އާ ހަމައަށް ދިއުމުގެ ކުރިން އައްޒާމް ބުނީ ވަރަށް ހުނަރުވެރި އަދި އެހާމެ މޮޅެތި ކުޅުންތެރިން މިހާރު އެބަތިބި ކަމަށެވެ. އެ ލިސްޓު ވަރަށް ދިގުވާނެ ކަމަށާއި, ހާއްޕެ, ޝާކާ, ޝިޔަޅޭ, ވައްޖޭ, އަޔާ, އޮންލީމެން ވަރަށް މޮޅު ކަމަށް އައްޒާމް ފާހަގަ ކުރިއެވެ. އެ ކުޅުންތެރިންގެ ތެރެއިން ވެސް އޮންލީގެ ނަން އައްޒާމް ފާހަގަކުރީ މާސްޓަރ މައިންޑެއްގެ ގޮތުގައެވެ. އެކަމަކު ރާއްޖޭގައި ފުޓްސަލް ފެންނަން ފެށީއްސުރެ ފަށައިގެން މިއަދާ ހަމައަށް އައިރު އައްޒާމަށް އެންމެ މޮޅު ކުޅުންތެރިއަކަށް ފެނިފައިވަނީ އަލީ މާއިޝް (މައްޓު) އެވެ.

އައްޒާމުގެ އިންސްޕިރޭޝަން:

އައްޒާމްގެ އިންސްޕިރޭޝަނަކީ އައްޒާމްގެ ބައްޕަ އާއި ކާފަ ކަމަށާއި, އަބަދުވެސް ކައިރީގައި ހިތްވަރު ދިނުމަށް ބައްޕަ ހުންނަ ކަށެވެ.

“އެންމެ ބޮޑު އިންސްޕިރޭޝަނަކީ ބައްޕައާއި ކާފައާ. ކުޑައިރުން ފަށައިގެން ބައްޕައަކީ މަގޭ އެއް އަތް. ބައްޕައަކީ ހީރޯ. ދެން ހަވީރު ކުޅެންދާއިރު އަބަދުވެސް ބައްޕަ ގެންދާނެ. ބައްޕަޔާ އެކީގައި ދަނީ އަސްލު ބޮޑަށް ދަނޑުފީލް ކުރަންވެގެން. އެއީ އަސްލު ވަރަށް ބޮޑަށް ބޯޅައަށް ހިތްޖައްސުވައިދިން ކަމެއް. ކަމަކުން ކުރިއަށްދާން ކައީރީގައި އެ މީހަކު ފެންނަން ހުންނަންޏާ ނުނީ އެހީވާން މީހަކު ހުންނަންޏާ ވަރަށް ބޮޑަށް އިހްސާސްވާނެ ސަޕޯޓެއް ހުރެޔޭ” އައްޒާމްގެ އިންސްޕިރޭޝަނަކަށް ބައްޕަ ވީގޮތް ބުނެދިނެވެ.

ދިގު ކެރިއަރެއް – ޝުކުރުގެ ދިގު ލިސްޓެއް:

ލިސްޓު ފެށުމުގެ ކުރިން އައްޒާމް ބުނެފައިވަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ލިސްޓުން މީހެއްގެ ނަން ހަނދާން ނެތިގެން ވިޔަސް މަދުވެދާނެތީ ކަމަށެވެ. ލިސްޓުގެ އެއްވަނައަށް ލާނީ ބައްޕައާ ކާފައާ މަންމައާ މުޅި އާއިލާއެވެ. “މަންމަ އަކީ އަބަދުވެސް އެއްވަނަ. މުޅި ފެމިލީގެ އެންމެންގެ ސަޕޯޓު ހަމަ އަބަދުވެސް ލިބޭ. ތިއްތިމެން, ތުއްތުމެން, ކުޑަބޭބެ, ދޮނާ މިހެންގޮސް ކިޔާނެ ކަމެއްނެތް.” އައްޒާމުގެ ޝުކުރުގެ ލިސްޓު ފެށިއެވެ.

އައްޒާމްގެ ކެރިއަރުގައި އޭނާގެ އަންހެނުންނާއި ދެކުދިންގެ ހިއްސާ ބޮޑު ކަމަށް އޭނާ ދެކެއެވެ. އެކަން އަންގައިދެމުން އައްޒާމް ބުނެފައިވަނީ, އަންހެނުންނާއި ދެ ކުދިންނަކީ ބެސްޓު ކަމަށެވެ. އަދި އެކުދިންނަކީ އައްޒާމްގެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައެވެ.

“ދެން ވައިފް އާއި ކުދިން. ވަރަށް ބެސްޓް. ކުދިން ވަރަށް ބޮޑު ހިތްވަރަކަށްވޭ. ދަށް ދުވަހެއްގައި ވެސް އެކުދިން ފެނުނީމައި ވަރަށް ހިތްވަރު ލިބޭ. އެކުދިން ވެސް ބައެއް ފަހަރަށް މެޗު ބަލާނެ. ބުނާނެ އެއްޗެހި ވެސް, އެހެންވެ ވަރަށް ހިތްހަމަޖެހޭ. މިސާލަކަށް ބައެއްފަހަރަށް ބުނާނެ ބައްޕި މޮޅުވީ ދޯއޭ, އަނެއްބައި ފަހަރަށް ބުނާނެ ބައްޕި ކުޅޭތަން ބެލީމޭ. އެއްފަހަރު ސެލެބްރޭޓް ކޮށްލީމާ ބުނަނީ ބައްޕި ލަޔަންއަކަށް ވެފައިދޯ އޭ. އޭނައަކީ އަސްލު އަހަރެންގެ ވެސް ލަޔަން. ދެން ދޮންތިއަކީ ބައްޕިގެ ދޮންތި.” ކުދިންނާ އޮތް ގުޅުމާއި ލޯބި ސިފަ ކޮށްދެމުން އައްޒާމް ކިޔައިދިނެވެ.

ކެރިއަރު ފެށިއިރުގައި އަބަދުވެސް ގާތްކޮށް އުޅުނު މީހުން ހަނދާންވާ ކަމަށާއި,  އެކީގައި ކިޔެވި މީހުންގެ ފަރާތުންނާއި ކައްޕި, މައްޓު, ވިއްޓޭ މެންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. މީގެ އިތުރުން, ބީޖީގެ ޖަންބޯ އައްޔަ, ސުވޭޓޯ ވެސް ވަރަށް އެހީތެރިވެފައި ވެއެވެ. ހަމައެހެންމެ, ޓީސީގެ ޑޭވް, ޔާންބެ, ޒާންޑޯ, ފައްރަ, ޗޭ ކޯޗް މެން އެންމެންގެ ނަން ފާހަގަކުރިއެވެ. އަދި  އެ ލިސްޓު ވަރަށް ދިގުވާނެ ކަމާ, ކުރުކޮށް ފޮނިކޮށް މުޅި ޓީސީ ފެމެލީ ޝުކުރުގެ ލިސްޓަށް ހިމަނާކަމަށް އައްޒާމް ފާހަގަ ކުރިއެވެ.

ގައުމީ ޓީމުގައި އުޅުނު އިރު ލިލީ, އަކޫ, އުމީ, ދަގޭ ވަރަށް ފާހަގަކޮށްލެވޭ ކަމަށާއި, ޓީސީ ކްރައުޑްގެ ބޯބުޅި, އިއްބެ, ދާދު ފާހަގަކޮށް އެފަރާތްތަކަށް ވެސް ޝުކުރު އަދާކުރިއެވެ.

އައްޒާމްގެ ލިސްޓު ނިންމާލީ ހުރިހާ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް ފޮނުވަމުންނެވެ. އޭގެ ތެރޭގައިވެސް ހާއްސަ ބައެއް އުޅޭނެ ކަމާއި, އެމީހުންގެ ނަން ނުބުންޏަސް އެމީހުންނަށް އެއީ ކޮން ބައެއްކަން އެނގޭނެ ކަމަށް އައްޒާމް ފާހަގަ ކުރިއެވެ. އަދި އެމީހުންނަށް ވަރަށް ހާއްސަ ޝުކުރެއް ފޮނުވީ ކޮމެޓްސްގެ ފެމިލީއާ އެންޑީ ވެސް ހިމަނައިގެންނެވެ.

އަދި ކިތައް އަހަރު ބޯޅަ ކުޅެވިދާނެ؟

އަދި ކިތައް އަހަރު ކުޅެވިދާނެތޯ ސުވާލުކުރުމުން އައްޒާމު ބުނީ, އަމިއްލަ މީހާއަށް ދެން މިކަން ނުވާނެ ކަމަށް އިހްސާސް ކުރެވެންދެން ކުޅޭނެ ކަމަށެވެ. ނަމަވެސް މިހާރުވެސް ވަރަށް ދެރަވާ ކަމެއް އޮންނަ ކަމަށާއި އެއީ ކުދިންނަށް ވަގުތު ނުދެވުން ކަމަށް އައްޒާމް ފާހަގަ ކުރިއެވެ.

“ކުޅޭނަން ދެން މަށަށް މިހާރު މިކަމެއް ނުވެއޭ, އެ ވަރަށް ފީލްވަންދެން ކުޅޭނަން. އިރާދަކުރެއްވިއްޔާ. ދެން އޭގެ ކުރިންވެސް ކަމެއް ދިމާވެއްޖިއްޔާ ނުކުޅެވިދާނެ. އަސްލު މިހާރުވެސް ވަރަށް ދެރަވޭ ފެމިލީއަށް ދެވޭ ވަގުތު މަދުވީމައި. ކުދިންވެސް ކުރާ ޝަކުވާ އެއް އެއީވެސް. އެހެންވީމާ އޭގެ ކުރިންވެސް ހަމަ ފަހަރެއްގައި ވަކިވެދާނެ. އެވަގުތެއް އައިމާ ދެން އެނގޭނީ.” އައްޒާމްގެ މުސްތަގްބަލާ ބެހޭގޮތުން އޭނާ ބުންޏެވެ.

މެސީތަ ނޫނީ ރޮނާލްޑޯތަ؟

އައްޒާމު ގަބޫލުކުރާ ގޮތުގައި އެންމެ މޮޅު ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ އެ ރޮނާލްޑޯގެ އެޗީވްމަންޓް ތަކުގެ ސިއްރަކީ, އޭނަގެ ބުރަ މަސައްކަތާއި ހިތްވަރެވެ. މިއީ އައްޒާމް ވެސް މޮޅު ކުޅުންތެރިއެއްގެ ގޮތުގައި މީހުންނަށް ފެނުމަށް ދިމާވި މައިގަނޑު ސަބަބެވެ. މިގެ އިތުރުން އައްޒާމް ބުނެފައިވަނީ އަސްލު މި ދެމީހުންގެ ބަހުސަކީ ނުކުރެވޭނެ ވަރުގެ ބަހުސެއް ކަމަށާއި, އެއީ ވަރަށް މޮޅު ދެމީހުން ކަމަށެވެ.

“މަށަށް އަސްލު އެންމެ މޮޅީ ރޮނާލްޑޯ. މަ ދެކޭގޮތުގައި މީހާ މީހަކަށްވަނީ އޭނާ ކުރާ ބުރަ މަސައްކަތް. މީހަކަށް ލިބިފައިވާ ހުނަރަކީ އަދި އެހެން އެއްޗެއް. މަ ދެކޭގޮތުގައި ބުރަ މަސައްކަތުން ކަމެއް ހާސިލްކުރާ މީހާ ތަފާތު ވާނެ. މެސީއަކީ ހާޑު ވޯކު ނުކުރާ މީހެކޭ ނޫން. ބޮޑަށް އޭނައަކީ އުފެދުމުގައި ހުނަރާއެކު އައިސްފައިވާ މީހެއް. ރޮނާލްޑޯ ކުރިވަރަށް މަސައްކަތް ކުރުން އަސްލު މި ބުނަނީ. ކެރިއަރ ވައިޒްކޮށް ބަލަންޏާ ރޮނާލްޑޯ ކުރި މަސައްކަތް މެސީއަށްވުރެން ތަފާތު. ހުރިހާ ގޮތަކުން ވިސްނާފައި މި ބުނީ. ސަޕޯޓު ކުރާ ވަކި ޓީމެއް ނެތް މިހާރު. ކުރިން ރެއާލަށް ސަޕޯޓު ކުރިން. އޭރު ރޮނާމެން ދޯ އުޅޭނީ.” މި ބަހުސް ނިންމާލަމުން ހިނިގަނޑެއް ޖަހާފައި އައްޒާމް ބުންޏެވެ.

ސިޑިބަރިއަށް މެސެޖެއް:   

“އަސްލު ފުރަތަމަ ވެސް މި އައި ހިސާބުން ހިތަށްއެރި މިޔަށް, ހާއްސަކޮށް އޭރު ފުޓުބޯޅައަށް, ޖުމްލަކޮށް ޕްލޭޔަރުންނަށް ބޭނުންވާ ވަރަށް މުހިންމު ކަމެކޭ. ދެން އޭރުވެސް ރައިހާނުއާ ވެސް ވާހަކަ ދައްކަން މިކަމާ. ވަރަށް ބޭނުންވެފައި އޮތްކަމެއް މިއީ. ދެން ތިކުރާ މަސައްކަތަކީ ފުޓުބޯޅަ/ފުޓްސަލް އާއިލާއަށް ވަރަށް މުހިންމު މަސައްކަތެއް. ބައިވަރު ގޮންޖެހުންތައް އަންނާނެ. އެކަމަކު ކުރިއަށް ގެންދައްޗޭ. ތިއީ މުޅި ރާއްޖެއަށް ވަރަށް ބޭނުންވާ ކަމެއް. ހާއްސަކޮށް ފުޓުބޯޅަ މިއަދު އޮތް ހާލަތުން ސަލާމަތް ކުރަންވެސް މަސައްކަތް ކުރަން މުހިންމު ކަމެއް. ވަރަށް ބޮޑަށް އެޕްރިޝިއޭޓްކުރަން. ރަނގަޅު ކުރަންޖެހޭ ކަމެއް ފާހަގަ ކުރަން ޖެހެންޏާ އެކަމެއް ބުނާނަން. ވަރަށް ގިނަ މީހުން އެކްސްޕެކްޓް ކުރޭ ސިޑިބަރިއަށް. ވަރަށް ގިނަ ބައެއްގެ އުންމީދުތައް ގުޅިފައިވާ ބައެއްތިއީ.” ސިޑިބަރީގެ އިންޓަވިއު ނިންމާލަމުން އައްޒާމް ބުންޏެވެ.

Leave a Comment