ކުލަބް ވެމްކޯއިން، ކުލަބް މޯލްޑިވްސް ކަޕް ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.

ނިމިދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުގެ ފައިނަލުގައިވެސް ވެމްކޯ ކުރިމަތިލާން ޖެހުނީ ރޯޑް ރިކްރިއޭޝަން ކުލަބާ އެވެ. ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު ފައިނަލް މެޗުން ވެމްކޯ މެޗު ކާމިޔާބުކުރީ  1-4 ގެ ނަތީޖާ އަކުން ނެވެ.

ފައިނަލުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ އާރު އާރު ސީ އިންނެވެ. އަލީ ޝާމިސް (ތޮއްޕޭ) ގެ އެސިސްޓަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އަބްދުﷲ މިދުހަތު ފަޙުމީ (ބިޗާޑް) އެވެ. އެއަށް ފަހު ފުރަތަމަ ހާފު ނިމެންވެފައި ވަނިކޮށް މެޗު އެއްވަރުކޮށްދިނީ ވެމްކޯގެ ބެންޗުން އެރި އިބުރާހީމް މަޙުދީ (ފޭދޫ އިއްބެ) އެވެ.

ދެވަނަ ހާފުގައި ވެމްކޯ އަށް ކުރި ހޯދައިދިނީ އަލީ ޝިޔާޙު (ޝިޔަޅޭ) އެވެ. މެޗުގެ ފަހު ކަށިގަނޑު ފުއްމާލުމުގެ ކުރިން ޝިޔާޙު ވަނީ ވެމްކޯގެ ފަހު ދެ ލަނޑުވެސް ޖަހައިދީ، ހެޓްރިކު ފުރިހަމަ ކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ އީރާނު ކުޅުންތެރިޔާ އަލިރެޒާ ޝެއިހްލާ އެވެ. މުބާރާތުގެ މޮޅު 5 ކުޅުންތެރީންނަށް ހޮވިފައިވަނީ ވެމްކޯގެ ޖުނައިދު، ޝިޔާހު، ޒިމާމް ގެ އިތުރުން ރަނަރަޕް އާރު އާރު ސީ ގެ މިދުހަތު ގެ އިތުރުން އަލީ ހާފިޒެވެ.

ކިންގް އޮފް ދަ ޓޯނަމެންޓް ގެ ލަޤަބު ލިބުނީ ވެމްކޯގެ އަބްދުﷲ ޖުނައިދަށެވެ. ޖުމްލަ 10 ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ކާމިޔާބުކުރީ އާރު އާރު ސީ ގެ އަބްދުﷲ މިދުހަތު ފަޙުމީ އެވެ.

މީގެ އިތުރުން، އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމު ލިބުނީ އަޙްމަދު އަފްލާޒަށެވެ. ފެއާ ޕްލެއާގެ މަޤާމު ލިބުނީ އަހުނަފް ރަޝީދަށެވެ. އެންމެ ރަނގަޅު ސަޕޯޓަރުންނަށް ހޮވިފައިވަނީ ރަނަރަޕް ރޯޑް ރިކްރިއޭޝަންގެ ސަޕޯޓަރުންނެވެ.

ވެމްކޯއިން ވިދިވިދިގެން ކާމިޔާބުކުރި ކުލަބް މޯލްޑިވްސް ކަޕާއެކު، އެ ކުލަބުން ވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ. އެންމެ ފަހުގެ ތާރީޚެއްގައ ވިދި ވިދިގެން ދެ އަހަރު މި ޝަަރަފު ހޯދިފައި ވަނީ މީގެ ނުވަ އަހަރު ކުރިން އެސްޓީއޯ އަށެވެ. ވެމްކޯ އަށް ލިބުނު ދެވަނަ ކުލަބް މޯލްޑިވްސް ކަޕާއެކު، އެ ޓީމުގެ ތަށީގެ އަދަދު ވަނީ ވާދަވެރި ރޯޑު ރިކްރިއޭޝަން ކުލަބާ ހަމަހަމަ ކޮށްފަ އެވެ. މި ދެ ކުލަބުގެ އިތުރުން ޔުނައިޓެޑު ބީ އެމް އެލް ވެސް ވަނީ ދެފަހަަރުގެ މަތިން މި ޝަރަފު ހޯދާފަ އެވެ.

 

Leave a Comment