ހޭންޑްބޯލް މޯލްޑިވްސްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންފަށައިފިއެވެ.
އޭސީސީން ބަލަމުން އަންނަނީ އެސޯސިއޭޝަންގެ ރައީސް، އަޙްމަދު މުޖުތަބާ އާއި އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުالله އަންވަރާ ގުޅޭ މައްސަލައެކެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އަންވަރު ހުރީ ވަކި ކޮށްފަ އެވެ. އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޝަނުން އަންނަނީ އޭނާ 500،000 އެއްހާ ރުފިޔާ އަށް ހިޔާނަތްތެރިވި މައްސަލައެއް ބަލަމުންނެވެ.
އެސޯސިއޭޝަންގެ ތަހުގީގަށް އަންވަރު އެއްބާރުލުން ލިބޭ ކަމަށް މައުލޫމާތު ލިބޭ އިރު، އިތުބާރު ހިފޭ މަގާމެއްގައި ހުރެ، ހިޔާނާތުގެ އަމަލެއް ކޮށްފައިވާތީ، އެސޯސިއޭޝަން ހިންގުން ހަރުދަނާ ކުރުމަށް އަންވަރަށް ފިޔަވަޅު އަޅާފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަށް ފަހު ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ.
އެ އެސޯސިއޭޝަންގެ ރައީސް މުޖުތަބާއަށް ތުހުމަތު ކުރެވޭ، އެޑްވާންސަށް ގިނަ މަސްތަކެއްގެ މުސާރަ ނެގި ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރެ އެވެ.
މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ލިބުނު ބެޑްމިންޓަން އެސޯސިއެޝަނާއި އަދި މިފަހަރުގެ އެވޯޑު ލިބުނު ހޭންޑްބޯލް މޯލްޑިވްސްގެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަންފަށާފައި ވާއިރު، ފުޓުބޯޅަ އެސޯސިއޭޝަންގެ އެތައް މައްސަލައެއް ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޭސީސީ އާއި ކުޅިވަރު ވުޒާރާ ގުޅިގެން ވަނީ “ޕްރޮމޯޓިން އެންޓި ކޮރަޕްޝަން އޮނެސްޓީ އެންޑް އެކައުންޓަބިލިޓީ އިން ސްޕޯޓްސް – ޕަޗަސް” ގެ ނަމުގައި ކުޅިވަރުގައި ކޮރަޕްޝަން މަދުކުރުމުގެ ކެމްޕެއިނެއްވެސް ފަށައިފައެވެ.