ގިނަ ގޮންޖެހުންތަކާއެކު ދިވެހި ބެޑްމިންޓަން ކުޅުންތެރިން ހިތްވަރާއެކު ކުޅުނު ނަމަވެސް، ބޭންކް އޮފް ނިންގްބޯ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ކޮލިފައިންގ ރައުންޑު ދިވެހިންނަށް ނިމިއްޖެއެވެ.
މި ވަރުގަދަ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރީ 9 ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު އަޖުފާނާއި، ނިބާލް އަޙްމަދު، ޒަޔާން ޒަކީ، އާމިނަތު ނަބީހާ ޢަބްދުއްރައްޒާގު އަދި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ފަދަ ތަޖުރިބާކާރު ކުޅުންތެރިންނެވެ. ދިވެހި ޓީމު ކުރިމަތިލާންޖެހުނީ އޭޝިއާގެ އެކި ގައުމުތަކުން ބައިވެރިވި އެންމެ ވަރުގަދަ ވާދަވެރިންނާ އެވެ.
މިކްސްޑް ޑަބަލްސްގައި ކުޅުނު ޒަޔާނާއި ނަބާހާގެ ޕެއާ ކޮލިފައިންގައި ދެ މެޗު ކާމިޔާބުކުރިއެވެ. ފުރަތަމަ މެޗުގައި ވަރަށް ފޯރިގަދަ ކުޅުމަކުން ސައުދީ އަރަބިއްޔާގެ މަހުދު ޝައިހާއި ހަދީޖާ ކައުސަރުގެ ޕެއާއާ ވާދަކޮށް، ތިން ސެޓަށް ދިޔަ މެޗުން މޮޅުވީ 13-21، 21-15 އަދި 21-14 އިންނެވެ. ނަމަވެސް، އޭގެ ފަހުން ކުޅުނު މެޗުގައި އިންޑިއާގެ ޝަތީޝް ކުމާރާއި އަދިޔާ ވަރިޔަތުގެ ޕެއާއާ ވާދަކޮށް، ދެ ސެޓުން 4-21 އަދި 6-21 އިން ބަލިވިއެވެ.
ޒަޔާން އަދި ނަބާހާ އެމީހުންގެ ގްރޫޕްގައި ދެވަނަ ހޯދިއެވެ. އަދި މެއިން ޑްރޯގެ ފުރުސަތު ގެއްލުނީ ކުޑަ ތަފާތަކުންނެވެ. އަންހެނުންގެ ސިންގަލްސް ކެޓަގަރީގައި، ނަބާހާ ވަނީ ބަންގްލަދޭޝްގެ ނާސިމާއާ ދެކޮޅަށް 9-21 އަދި 8-21 ގެ ސްކޯއަކުން މޮޅުވެގެންނެވެ. ނަމަވެސް، މަކާއޯގެ ޕުއި ޗީ ވާއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅެއް ނުވެވުނެވެ.
ފިރިހެނުންގެ ސިންގަލްސް ކެޓަގަރީގައި، ޒަޔާން ކުރިމަތިލާންޖެހުނީ މަކާއޯގެ ޕަންގް ފޯންގް އަދި ޓިމޯ ލެސްޓޭގެ ރޭމަންޑް ސިންގް ފަދަ ވަރުގަދަ ކުޅުންތެރިންނާއެވެ. ފޯރިގަދަ މުބާރާތެއް ކުޅުނު ނަމަވެސް، ޒަޔާންއަށްވެސް މި ދެމުޗުން ކުރިމަތިލާންޖެހުނީ ނާކާމިޔާބާއެވެ. ޕަންގްއާ ދެކޮޅަށް 21-16، 21-13 ގެ ނަތީޖާއަކުން ބަލިވި އިރު، ރޭމަންޑްއާ ދެކޮޅަށް ކުޅެ ބަލިވީ 24-22، 21-09 ގެ ނަތީޖާއަކުންނެވެ.
ފިރިހެނުންގެ ޑަބަލްސްގައި، ދިވެހިރާއްޖޭގެ ނިބާލް އާއި އަޖުފާންގެ ޕެއާ ވަނީ ޔޫއޭއީގެ އައްޔަޕަންގެ ދެބެންނާއި ސްރީލަންކާގެ ބުވަނޭކަ ގޫނެތިއްލޭކަ އާއި ވިރެން ނެޓަސިންހެގެ ޕެއާއާ ކުރިމަތިލައިފަ އެވެ.
އަންހެނުންގެ ޑަބަލްސްގައި، ނަބަހާ އާއި ނަބީހާ ވަނީ މެލޭޝިއާ އާއި އިންޑިއާގެ ވަރުގަދަ ވާދަވެރިންނާ ކުރިމަތިލާން ޖެހި، ދެ މެޗުންވެސް ބަލިވެފައެވެ. މެލޭޝިއާގެ ފެލިޝިއާ ސިންގް އާއި ފޮންގް ފްލޯރާ އާ ދެކޮޅަށް 6-21، 12-21 އަށް ބަލިވި އިރު، އިންޑިއާގެ ސިމްރާން ސިންގީ އާއި ރިތިކާ ތާކަރު އާ ދެކޮޅަށް ބަލިވީ 18-21، 10-21 އިންނެވެ.