އެފްއޭއެމްގެ އިންތިހާބަށް ފޯމު ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ނަންތައް ހާމަކުރަން އެސޯސިއޭޝަނުން ދެކޮޅު ހަދައިފި އެވެ.

އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި އެކި ނޫސްވެރިން ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވެސް, އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވަނީ ގްރޫޕްގައި ސުވާލު ކުރި ނޫސްވެރިންނަށް ވަކިވަކިން މެސެޖުތަކެއް ފޮނުވާފައެވެ.

އޭނާ ވިދާޅުވީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޓޯރަލް ކޮމެޓީއަށް އެނގޭނީ ކެނޑިޑެސީ ހަވާލުކުރި ސިޓީއުރަތައް ކަނޑައިގެން ކަމަށާއި، އެއީ އިންތިހާބީ ކޮމިޓީގެ ޒިންމާއަކަށް ވެފައި، ޖައުޝަން އަށް އެ މައުލޫމާތު ދިނުމުގެ ހައްގު ނޯންނާނެ ކަމަށެވެ.

“އެފްއޭއެމްގެ ވިސްނުމަކީ މިވަގުތު އަޅުގަނޑުމެން މި ކުރާ ގޮތަށް އިޖާބަ ދިނުން،” ޖައުޝަން ބުންޏެވެ.

“އިލެކްޓޯރަލް ކޮމިޓީގެ ނިންމުމަކާ ނުލައި އެފްއޭއެމް އަށް ތިކަމަށް ޖަވާބެއް ނުދެވޭނެ. އިލެކްޓޯރަލް ކޯޑްގެ ދަށުން އެފްއޭއެމަށް ތަފްސީލް ކަށަވަރު ކުރެވޭނީ އީސީ (އިލެކްޓޯރަލް ކޮމިޓީ) ގެ ރުހުން ލިބުމުން.”

މީގެ ކުރިން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ތޯރިގު (ޓޮމް) އަނެއްކާވެސް އިންތިހާބުގައި ވާދަކުރައްވާފައި ވެއެވެ. މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ތިން ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވަނީ މިހާރު ފެތުރިފައެވެ.

ތޯރިގު ފޯމް ހުށަހެޅުއްވީ ސަސްޕެންޑްކުރި ވެލެންސިއާ ސަޕޯޓް ސިޓީއާ އެކުއެވެ. ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބަކުން ސަޕޯޓުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ޓީސީން ވެސް ވަނީ ތޯރިގަށް ތާއީދުގެ ލިޔުމެއް ދީފައެވެ. ސަސްޕެންޑްކޮށްފައިވާ ކްލަބެއްގެ ތާއީދު އިލެކްޓޯރަލް ކޮމިޓީން ބަލައިގަންނާނެކަމާ މެދު ސުވާލު އުފެދެއެވެ.

ވެލެންސިއާއިން ފުރަތަމަ ވަނީ އިންތިހާބަށް ދެ ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ލިޔުން ދީފައެވެ. އެ ސިޓީ ބަލައި ނުގަތުމަށް އެފްއޭއެމުން ނިންމައި ތޯރިގުގެ ކެންޑިޑެންސީ ވަނީ ބާތިލްކޮށްފައެވެ. އަލުން އިންތިހާބު އިއުލާން ކުރަން ޖެހުނީ އެފްއޭއެމުން އިސްތިއުނާފް ކޮމިޓީއެއް އެކުލަވާލާފައި ނުވާތީ އިންތިހާބު މެދުކަނޑާލަން ފީފާއިން އެންގުމުންނެވެ.

Leave a Comment