ހަނދާނަށް އަންނަނީ މީގެ ދިހަ އަހަރު ކުރީގެ ހަނދާނެކެވެ. މަތީ ފަންތީގައި ފުޓްބޯޅަ ކުޅެން ބޭނުންވެގެން ކުރި އުންމީދެއްގެ ހަނދާނެވެ. އެ އުންމީދުގައި ހަގީގީ ކުލަ ޖައްސައިދިން އިޙްސާން ޢަބްދުލްޣަނީ ނުވަތަ އެންމެންގެ ނަމުންނަމަ (ސާންތީ ކޯޗު)ގެ ހަނދާނެވެ. ކްލަބް އީގަލްސް އިން ކުރިއަށް ގެންދިޔަ ޓްރަޔަލް ތަކުގެ ހަނދާނެވެ. އެ ހަނދާންތައް މިއަދު އާ މި ކުރަނީ ނުހަނު ޝުކުރުވެރި ކަމާއެކު ކޯޗަށް ހެޔޮ ދުޢާ ވެސް ކުރަމުންނެވެ.
އަހަރެންގެ ޙަޔާތާ، ކޯޗަށް މެދުވެރިވި ޙާލަތާ ގުޅިފައިވާލެއް ބޮޑުކަމުން ވެސް މެއެވެ. އެހެނީ އަހަރެންގެ ބައްޕަ އާއި ކޯޗު ވެސް މި ދުނިޔެ އެ ދޫކުރީ ހިތްވަރުގަދަ މުޖާހިދެއްގެ ގޮތުގައެވެ. ހަމަ އެއް ކެންސަރެއްގައި، ކެންސަރާ ހަނގުރާމަ ކުރަމުންނެވެ.
އަތޯ ބައްޕަގެ އެހީތެރިކަމާއެކު ޙަޔާތުގައި ފުރަތަމަ ފަހަރަށް ޓްރަޔަލް އަކަށް ދިޔައިމެވެ. އޭރު އީގަލްސް ސީނިއަރ ޓީމާ ޙަވާލު ވެގެން، އަދި ޒުވާން ޓީމެއް ނެގުމަށް ކުދިން ހޮވުމުގައި ވެސް އެންމެ ކުރީގައި ހުރީ ސާންތި ކޯޗެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައީ އެކު އެކީގައެވެ.
އެ ދުވަހު ވަރަށް ލަދުން ހުރެ އެތަނަށް ދިޔައީމެވެ. ބާ ޖޯޒީ ގަނޑަކާ ސޯޓު ބުރިއެއް ލައިގެން، އެއްޗަކަށްނުވާ ބޫޓެއްގައި ނިކަން ބިރުން ހުރެ، ތެޅުމުން ފޮޅެމުން ގޮސް ޕްރެކްޓިހުގައި ބައިވެރިވީމެވެ.
އީގަލްސްގެ ސީނިއަރ ޓީމާއި، ޓްރަޔަލްއަށް އައި ޒުވާން އަދި ބޮޑު ގްރޫޕް ވެސް ވަރމް-އަޕް ކޮށް ސްޓްރެޗިން ހެދީ އެކުއެކީގައެވެ. ސްޓްރެޗް ކުރަމުން ދިޔައިރު ސާންތި ކޯޗާއި އެހެން ކޯޗުން ދިޔައީ ކުޅުންތެރިން ވަކިކޮށް ބައިބަޔަށް ބަހަމުންނެވެ. އެކަން ނިމުމާއެކު އީގަލްސްގެ ސީނިއަރ ޓީމު ކުޅުންތެރިން ޓްރަޔަލްއަށް އައިސް ތިބި މީހުންނާ ވަކިވިއެވެ.
ކުއްލިއަކަށް ސާންތީ ކޯޗް އަހަރެންނާ އަރާ ހަމަވެފައި، މި ހުރީ ކާކުތޯ އާއި މިތާ ކުރަނީ ކީއްތޯ އެހިއެވެ. އެގޮތަށް އެހީ ކާކުކަން ކޯޗަށް ނޭނގިގެން ނޫންކަން މޫނުމަތިން ފާޅުވި ހިނިތުންވުމާ، އެހި ގޮތުން ޔަގީންވިއެވެ. އަދި ދެންތިބި ކޯޗުންނާއި އޮފިޝަލުންނަށް ގޮވާ ދެއްކިއެވެ. އަދި މިއީ މިތާ ހުންނަންވީ މީހެއް ނޫންކަމާއި، މިތަނަށް އައުން މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ބުނެ ވަގުތުން ޓްރަޔަލް ގެ ޓީމުން ވަކިކޮށް އީގަލްސްގެ ސީނިއަރ ޓީމަށް ފޮނުވާލިއެވެ.
އިސާހިތަކު ދެކެމުން އައި ހުވަފެނެއްގައި، އުންމީދެއްގައި ކުލަ ޖެހެންފެށިއެވެ.
އެ ދުވަސްތަކުން ފެށިގެން ފުޓުބޯޅައިގެ އެތައް އެތައް އިރުޝާދެއް ދިނެވެ. ކުރިން ނޭނގޭ އެތައް ކަމެއް ކިޔަައިދިނެވެ. ބުނެދިނެވެ. ބޯޅައިގައި ޖަހަންވީ ގޮތުން ފެށިގެން، ބޯޅަ ދޭންވީ ވަގުތާއި، ދޭންވީ ގޮތާއި، ދުވަންވީ ތަނާއި، ވަގުތައް ދާންދެން ފޫހި ކަމެއްނެތި ދަސްކޮަށްދިނެވެ. ކުޅިވަރުގެ ދަނޑާއި އެ ދަނޑުގެ ވަށައިގެންވާ ކަންކަމާއި ކުޅުންތެރިއަކަށް ބޭނުންވާ އެންމެހާ ކަންކަމެއް އުނގަންނައިދިނެވެ.
ހަމައެކަނި ބޯޅަ ދަނޑު ތަކުގައި އެކަންޏެއް ނޫނެވެ. ކިޔެވުމަށް ވެސް ހިތްވަރުދީ އެކަމަށް ވެސް އިންތިހާއަށް ބާރުއެޅިއެވެ. ކުރާ މަސައްކަތަށް ވެސް ފަރުވާތެރިވެ އެކަމަށް ވެސް އިޚްލާޞްތެރިވާން ނަޞޭޙަތް ދިނެވެ. ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށް ގަދާއަޅާ މަސައްކަތް ކުރަން ހިތްވަރުދިނެވެ.
މިއަދު އޭގެ ދިހަ އަހަރު ފަހެވެ. ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ފަޚުރުވެރި ޖޯޒީގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ޝަރަފު ލިބިއްޖެއެވެ. ސީނިއަރ ޓީމުން ފެށިގެން އެކި ޢުމުރު ފުރާތަކުގައި ކުޅެވިއްޖެއެވެ. ދަނޑަށް ނެރެދިން ކްލަބް އީގަލްސްގައި ހުރެ ސާންތި ކޯޗާއެކު ޕްރެޒިޑެންސް ކަޕް އީގަލްސްއަށް ހޯދައި ދެވިއްޖެއެވެ. އީގަލްސް އާއި ގްރީން ސްޓްރީޓްެގެ ސީނިއަރ ޓީމާއި ޔޫތް ޓީމުގައި ކެޕްޓަން ބޭންޑް އަޅައިގެން ޓީމު ލީޑް ވެސް ކުރެވިއްޖެއެވެ. ޔޫތު މުބާރާތްތަކީ އީގަލްސްގެ މިލްކަކަށް ހަދައިދެވިއްޖެއެވެ. ރާއްޖޭގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ނޮމިނޭޓްވެއްޖެއެވެ. އެތައް ތަޖުރިބާއެއް މި ވޭތިޔަ ދުވަސްތަކުގައި ލިިބިއްޖެއެވެ. ކޯޗާއެކު އެއް ޓީމެއްގައި ހުރެގެންނާއި އަދި ކޯޗާ ވަކިވެ އެކި ޓީމުތަކުގައި މަސައްކަތް ކޮށްގެންނެވެ.
މިވޭތުވެ ދިޔަ ދުވަސްތަކުގައި ކޯޗުގެ ފަރާތުން އަހަރެންނަށް ލިބުނީ ހަމައެކަނި ކޯޗަކު ކުޅުންތެރިއަކަށް ދޭނެ އިރުޝާދު އެކަންޏެއް ނޫނެވެ. ބައްޕައަކު ދަރިއަކަށް ދޭނޭ ނަޞޭޙަތް ވެސް ދިނެވެ. ޕްރެކްޓިސް ތަކުގައި އުޅޭއިރު ބަންގި ގޮވުމުން ނަމާދު ކުރަން ދިއުމަށް ބުނެދިނެވެ. ކިޔަވަމުން ދިޔައިރު ރަނގަޅަށް ކިޔެވުމަށާއި، ކިޔަވަމުން ކުޅެވޭނެކަން އަންގައިދީ އެންމެނަށް ނަމޫނާއަކަށް ވުމަށް ހިތްވަރު ދީ، އެތައް ލުޔެއް، އެތައް ފަސޭހައެއް އަހަރެންނަށް ދިނެވެ. އަދާކުރަމުންދިޔަ ވަޒީފާއަށް ވީއްލައި އެއީ ވެސް މުހިންމު ކަންކަން ކަމުގައި ދެނެގަތުމަށް ވިސްނައިދީ، އެކަމަށް ވެސް ބޯޅައިން އެތައް ފިލާވަޅެއް ދަސްކޮށްދިނެވެ.
މިއަދު އަހަރެންނަށް އާދެވިފައި ހުރި ހިސާބަށް އާދެވުނީ ސާންތި ކޯޗު އެދުވަހު ދިން ފުރުސަތުންނެވެ. ހުޅުވާލަދިން ދޮރުންނެވެ. އެދުވަހު އަހަރެންނަށް ވާނެކަން ޤަބޫލުކުރާނެ މީހެއް ނެތް ދުވަހު އަދި އަހަރެންނަކީ ކާކުކަން ނޭނގޭ ދުވަހު، ކޯޗު އަހަރެން އަތުގައި ހިފައިގެން ދަނޑަށް ނެރެދިނީ، އަހަރެންނަށް ވެސް ކުރެވޭނެކަން އަދި ކުޅެވޭނެކަން، ލޯތްބާއި، އޯގާތެރިކަމާއި، މަޑުމައިތިރި ކަމާއެކު ބުނެދެމުންނެވެ. ދަސްކޮށްދެމުންނެވެ. އެ އިތުބާރު ދީގެންނެވެ.
އަހަރެންނަށާއި އަހަރެން ފަދަ އެތައް ކުޅުންތެރިއަކަށާއި އެތައް ކޯޗުންނަކަށް ބޯޅައިގައި ލިބުނު ކާމިޔާބެއް ލިބިފައި ވަނީ ސާންތި ކޯޗުގެ ނުހަނު ބޮޑު ހިއްސާއެއް އޮވެގެންކަމީ ދިމާލަށް ފެންނަން އޮތް ޙަގީގަތެކެވެ. އެކަން އެންމެ ރަނގަޅަށް ފެންނަން އޮތީ ކޯޗު ދަނޑަށް ނެރެދިން ކުޅުންތެރިންނާއި ކޯޗުންގެ ލިސްޓުންނެވެ. އެކުގައި ކުޅެން ފެށި ރިޒޭ، ހަންނަ، ނޫންބެ، ނާއިމް، އައިސަމް އަދި ކުރޯ އާއި އޭރު އެކުގައި ކޯޗުންގެ ގޮތުގައި މަސައްކަތް ކުރި ޝާކިއްޓެ ކޯޗު، ނިސްތާރު ކޯޗު އަދި ކަކާ ކޯޗު މިއަދު ހުރި ހިސާބަށް ބަލައިލުމުން މިކަން ސާފުވާނެއެވެ.
އެންމެ ފަހުން ކޯޗާ ދެކެވުނު ވާހަކައަކީ ވެސް ބޯޅައާ ގުޅުން ހުރި ވާހަކައެކެވެ. ބޯޅައިގެ މައި އިދާރާ އިސްލާޙު ކުރަން އަހަރެމެން ޒުވާނުން ނުކުންނަން ވެއްޖެ ކަމުގެ ވާހަކައެވެ. އެކަން ކުރަންޖެހޭ ކަމުގެ ވާހަކައެވެ. އަހަރެންގެ އިންޖަރީ އަށްފަހު ރިކަވަރީގެ އެންމެ ފަހުގެ އަޕްޑޭޓްގެ ވާހަކައެވެ. އަހަރެންގެ ދިރިއުޅުމުގައި ދެން އަޅަން އޮތް ފިޔަވަޅާ ބޯޅަޔާ ގުޅުވަންވީ ވާހަކައެވެ. އަހަރެންނާ ކޯޗާ ދެމީހުން ރަނގަޅުވެގެން އެކުއެކީގައި އަލުން ދަނޑަށް ނުކުތުމުގެ ވާހަކައެވެ. ކަންދިމާކުރި ގޮތުން އަހަރެން މިއަދު ތަންކޮޅެއް ދުރުގައި ހުރުމުން، ރާއްޖެ އާދެވުނުހާ އަވަހަކަށް ކޯޗާ ބައްދަލުކުރުމަށް ޕްލޭން ވެސް ކުރީމެވެ. ކުރެވުނު އުންމީދަކީ އަލުން، އެ ދަނޑުން ކޯޗާ ބައްދަލުވެ، ދިމާވުމެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ދިމާވި ގޮތަށެވެ.
ނަމަވެސް އެ ފުރުޞަތު ނުލިބި ކޯޗު އަހަރެމެންނާ އަބަދުގެ އަބަދަށް ވަކިވީއެވެ. އެތައް ހަނދާންތަކެއް އަހަރެމެންނަށް ދޫކޮށްފައެވެ. އެތައް ފިލާވަޅެއް އަހަރެމެންނަށް އުނގަންނައިދީ ޢަމަލުން ދައްކުވައިދީ ބުނެދީފައެވެ. މިއަދު އަހަރެމެންނަށް ކޯޗަށް ދެވެންއޮތީ އިންތިހާ ލޯތްބެވެ. ހުއްޓުމެއް ނެތް ހެޔޮ ދުޢާއެވެ. އެ ދުޢާތަކާއެކު ކޯޗުގެ ލެގަސީ ދަމަހައްޓައިދިނުމެވެ.
އެއްބަޔަކަށް ކޯޗަކީ ދިވެހިންނަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ފަޚުރުވެރި ކޯޗެކެވެ. އަނެއް ބަޔަކަަށް ކޯޗަކީ ފުޓްބޯޅައިގެ ޤައުމީ ޚިދުމަތްތެރިއެކެވެ. އެއާޚިލާފަށް، އަހަރެންނަށް ސާންތީ ކޯޗަކީ އެދުރެކެވެ. ބައްޕައެކެވެ. ކޯޗެކެވެ. މުރުޝިދެކެވެ.
ކީރިތިވަންތަ ރަސްކަލާނގެ ފުއްސެވުމާއި ރުއްސެވުމުގައި ކޯޗު ލައްވާށި! ފާފަތައް ފުއްސަވައި ރަޙްމަތް ލައްވާށި! ދަސްކޮށްދިން ކޮންމެ ހުނަރަކާއި، އުނގަންނައިދިން ކޮންމެ ޢިލްމަކާއި، ދިން ކޮންމެ ނަޞޭޙަތެއްގެ އަޖުރު ދާއިމް ކުރައްވާށި! ބަލި ޙާލުގައި އެޅި ކޮންމެ ވޭނެއްގެ އަޖުރު ދެގުނަ ކުރައްވާށި! ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވައި، ޢާއިލާއާ ކޯޗަށް ހެޔޮއެދޭ އެންމެނަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން