މާދަމާ ފަށާ ސާބާ ކުލަބު ޗެމްޕިއަންޝިޕްގައި ޓީރެކްސްގެ ޓާގެޓަކީ އިންޑިއާ ހިމެނޭހެން ސަރަހައްދީ ހުރިހާ ގައުމެއްގެ ކުލަބުތައް ބަލިކުރުންކަމަށް ޓީރެކްސްގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނެފިއެވެ.
ސަރަހައްދީ ހަ ގައުމުގެ ޗެމްޕިއަނުންނާއިއެކު މިމަހުގެ ދޭކުން ހަތަކަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީރެކްސް ބީސީއެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާންގެ ޗެމްޕިއަން ޓީމްޕޫ މެޖިކްސްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ސްރީލަންކާގެ ކޮލޮމްބޯ ބީސީއަ ވާދަކުރާއިރު، ތިންވަނަ މެޗުގައި ނުކުންނާނީ ނޭޕާލްގެ ޗެމްޕިއަން ޓައިމްސް ބީސީއާ ވާދަކުރާނެއެވެ. އޭގެ ފަހުން އިންޑިއާގެ ޗެމްޕިއަން ޓެމިލްނާޑޫ ކުލަބާ ވާދަކުރާއިރު ފަހު މެޗުގައި ނުކުންނާނީ ޕާކިސްތާންގެ އިސްލާމްއާބާދު ޕެންތާސްއާ ދެކޮޅަށެވެ.
މުބާރާތަށް ޓީރެކްސްގެ ޓާގެޓާ ގުޅޭގޮތުން ކެޕްޓަން އަހުމަދު ޒަބީރު ބުނީ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށާއި، އިންޑިއާ ހިމެނޭހެން ހުރިހާ ޓީމެއްވެސް ބަލިކުރުމަކީ އަމާޒުކަމަށެވެ. އިންޑިއާ ފިޔަވައި އެހެން ގައުމުތަކުގެ ކުލަބުތައް ބަލިކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށާއި، އިންޑީއާގެ ޗެމްޕިއަން ކުލަބުވެސް ބަލިކުރެވޭ ފެންވަރު ޓީމްގައި އެބަހުރިކަމަށް އޭނާ ބުންޏެވެ.
މި މުބާރާތަށް އިންޑިއާގެ ތިން ކުޅުންތެރިއަކުވެސް ޓީރެކްސް ޓީމާވަނީ ގުޅިފައެވެ. އެއީ މަންދީޕް ސިންގް އާއި ގައުރަވް ޗަންދޭލްގެ އިތުރުން ރިޝާބް މާތުރު އެވެ. މި ކުޅުންތެރިންނާއިއެކު ޓީމަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށް ޒަބީ ބުނީ އިންޑިއާގައި ކުރެވުނު ތިން ޕްރެކްޓިސްއިން ޓީމަށް ރަނގަޅު ކުރިއެރުމެއް އައިސްފައިވާކަމަށެވެ. އަދި ޓީމާ ގުޅުނު ބިދޭސީ ތިން ކުޅުންތެރިންނަކީ ޓީމްގެ ގޭމް ޕްލޭނަށް ވަރަށް ރަނގަޅަށް ފިޓްވާ ތިން ކުޅުންތެރިންކަމަށާއި، އެ ކުޅުންތެރިންގެ ސަބަބުން ދިވެހި ކުޅުންތެރިންނަށްވެސް ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
“މިތާ ތިން ދުވަހު ކުރެވުނު ޕްރެކްޓިސްއިން ވަރަށް ބައިވަރު އެއްޗެހި އެނގިއްޖެ. ލޯކަލް ކުޅުންތެރިންނާ ފޮރިން ކުޅުންތެރިން ލައިގެން ކޯޗުމެން އެކި ޓެކްޓިސްއަށް އެބަ ޓްރައިކުރޭ. އެހެންވީމަ މުބާރާތް ފަށާއިރު، އަނެއްހެން ޓީމް ވަރަށް ބޮޑަށް ރެޑީކޮށްމިއޮތީ. އަނެއްކާ އަހަރުންނާ ގުޅޭ ތިން ޕްލޭޔަރުން މިތިބީ ހޯދާފަ. އެހެންވީމަ އަހަރުންގެ ގޭމަށް ފިޓްވާނެކަމުގެ ޔަގީންކަން އެބައޮތް.” ޒަބީ ބުންޏެވެ.
މި މުބާރާތާ ގުޅޭގޮތުން ޓީރެކްސްގެ ޒުވާން ތަރި މުޙައްމަދު ނާފް އިރުޝާން ބުނީ މިއީ ކެރިއަރުގައި ކުރިއަށްދިޔުމަށް ލިބުނު ބޮޑު ފުރުސަތެއްކަމަށާއި، ޤައުމުން ބޭރުގައި ކުޅޭ ފުރަތަމަ ސީނިއާ މުބާރާތަށްވުމުން ގިނަ ކަންކަން ދަސްވަމުން އަންނަކަމަށެވެ.
ޓީމާ ގުޅުނު ބިދޭސީ ތިން ކުޅުންތެރިންގެ ފަރާތުންވެސް ގިނަ ކަންކަން ދަސްވަމުން އަންނަކަމަށާއި، ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުންކަމަށްވެސް އޭނާ ބުންޏެވެ.
މި މުބާރާތުގައި ޓީރެކްސް ޓީމަށް އިރުޝަދުދޭނީ ކޯޗު އަލީ ފަޒްލީއެވެ. ފަޒްލީއާއެކު ކޯޗިން ޓީމްގައި ގުރެއިޝް އަފްރާހު (ގުރޭ) ކޯޗުވެސް ހިމެނޭއިރު، ސްރީލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލްވެސް ޓެކްނިކަލް ގޮތެއްގައި އެހީވުމަށް ޓީމާއެކު ބައިވެރިވެއެވެ.