މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް 4-0 އިން ބަލިވެގެން މުބާރާތުން ކަޓައިފި އެވެ.

އިއްޔެ ހަވީރު ސަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަހްޒަމް ރަޝީދު ދެ ގޯޯލު ޖެހި އިރު މުހައްމަދު ރަވާއު ވެސް ވަނީ އޮޑި ސްޕޯޓްސް އަށް ލަނޑެއް ޖަހައިދީފަ އެވެ. ދެވަނަ ހާފުގައި ލަނޑު ޖަހައިދިނީ އަބްދުﷲ އަބްސަލް މުހައްމަދެވެ.

ގުރޫޕް ބީގެ ފަހު މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ވަނީ 6-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ޓީސީ ވަނީ ފުރަތަމަ 25 މިނިޓުތެރޭ ހަ ގޯލު ވެސް ޖަހައިފަ އެވެ. އޭގެ ތެރޭގައި އިޔާޒް އަހުމަދުގެ ހެޓްރިކެއް ވެސް ހިމެނެ އެވެ. ދެން ގޯލުތައް ޖެހީ ނާއިލް ޔޫސުފް އާއި އަލީ އައިހަމް އަދި ޔޫސުފް އިބްރާހިމް އެވެ. ދެވަނަ ހާފުގައި ވިކްޓަރީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖުމާން އަބްދުﷲ ޖަމީލް އެވެ.

މިއާ އެކު ގުރޫޕް ބީގެ ހުރިހާ މެޗެއް ނިމިފައި ވާއިރު، ޓީސީ އާއި އޮޑި ވެސް މިވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ޕޮއިންޓްގެ ގޮތުން އެއްވަރު ވި ނަމަވެސް ގޯލުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ހޯދީ ޓީސީ އެވެ. އޮޑި ސެމީއަށް ދިޔައީ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ސަސް އަށް ތިން ޕޮއިންޓް ލިބުނު އިރު ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބުނެވެ.

ފަސް ޓީމު ހިމެނޭ ގުރޫޕް އޭގެ ފަހު މެޗުތައް މާދަމާ ކުޅޭނެ އެވެ. މި ގުރޫޕުން މާޒިޔާ ވަނީ ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.

Leave a Comment