އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިޔަށް ދިޔަ އިން-ލައިން ސްކޭޓް ސީރީސް 2 ވަނަ މުބާރާތުން ރާއްޖޭގެ ޒުވާން ޓީމަށް ޖުމްލަ ދިހަ މެޑަލް ލިބިއްޖެ އެވެ.
މި މަހު 20 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ކުރިޔަށްދިޔަ ސްކޭޓް މުބާރާތުގައި ރާއްޖޭގެ ސްކޭޓް އެސޯސިއޭޝަން ‘ސްކޭޓް މޯލްޑިވްސްގެ ފަރާތުން 19 ސްކޭޓަރުން ވަނީ ވާދަކޮށްފަ އެވެ.
މި މުބާރާތުގައި ދިވެހި ސްކޭޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދާފައިވަނީ 14 އަހަރުން ދަށުގެ ފިރިހެންބައިގައި ވާދަކުރި އަޙްމަދު ރާހިފް ޝަފީއު އެވެ. ރާހިފް ވަނީ 200 މީޓަރު ފްލައިން ކެޓަގަރީއިން އެއްވަން ހޯދައި ރާއްޖެއަށް ރަން މެޑަލް ކާމިޔާބު ކޮށްދީފައެވެ.
މީގެ އިތުރުން ރާހިފް ވަނީ ތިން ކެޓަގަރީއެއްގައި ލޯ މެޑަލް ހޯދާފައެވެ. އެއީ 14 އަހަރުން ދަށުގެ 1800 މީޓަރު ޓީމް ރިލޭ، 5000 މީޓަރު އަދި 500 މީޓަރު ކެޓަގަރީތަކުންނެވެ. މި މުބާރާތުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ އާރާ އަބްދުﷲ ރިއްފަތު، 14 އަހަެރުންދަށުގެ އަންހެްން ޑިވިޝަންގެ 1800 މީޓަރު އެލިމިނޭޝަން ކެޓަގަރީގައި ވާދަކޮށްގެންނެވެ.
ރާހިފް ހޯދައިދިން ހަތަރު މެޑަލް އަދި އާރާ ހޯދައިދިން ރިހި މެޑަލްއާއެކު ރާއްޖޭގެ ޓީމުން ވަނީ ޖުމްލަ ދިހަ މެޑަލް ހޯދާފައެވެ. އެއީ 8 ލޯ މެޑަލް، 1 ރިހި މެޑަލް އަދި 1 ރަން މެޑަލްއެވެ.
ސްކޭޓް މޯލްޑިވްސްގެ ފަރާތުން ޖަކާޓާގައި ރާއްޖެ ތަމްސީލުކުރި ޒުވާން ސްކޭޓަރުން ވަނީ އަންހެން އަދި ފިރިހެން ޑިވިޝަނުގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 14 އަހަރުން ދަށް، އަދި 17 އަހަރުންދަށުގެ އުމުރުފުރާގެ ކެޓަގަރީތަކުގައި ވާދަކޮށްފައެވެ.
