އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ފަށާ ތިންވަނަ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕަށް ރާއްޖެ ތައްޔާރު ވެއްޖެ އެވެ.

ކޭޑީ ޖާދަވް އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތް ރައުންޑް ރޮބިން ފޯމެޓަށް ކުރިއަށް ގެންދާއިރު ރާއްޖެ ވާދަކުރަން ޖެހެނީ އިންޑިއާ އާއި ނޭޕާލާ ދެކޮޅަށެވެ. އެންމެ ރަނގަޅު ދެ ޓީމެއް ފައިނަލަށް ހޮވޭނެ އެވެ.

މިއީ އިންޑިއާ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނޭޕާލް ވަނީ ކުރީ ދެ އަހަރުގެ ފައިނަލްގައި ސްރީލަންކާއާ ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ. ނަމަވެސް މި އަހަރު ސްރީލަންކާ މުބާރާތުން ނުފެންނާނެ އެވެ.

މުބާރާތް ބޭއްވި ދެ ފަހަރު ކަމަށްވާ 2016 އަދި 2023 ގައި ވެސް ރާއްޖެއަށް ވަނީ ތިންވަނަ ލިބިފަ އެވެ. ހަތަރުވަނަ ލިބުނީ ބޫޓާނަށެވެ.

  • ޓީމުގެ ކެޕްޓަން: ޝިއުރާ
  • ތަޖުރިބާކާރު ކުޅުންތެރިން: ރައީފާ، އިސްރާއު، އިނާޝާ، ޝައިލާން، ހައުމާ، ޒުހާ
  • ޒުވާން ކުޅުންތެރިން: އީހައު، އުލްޔާ، ޒާޝާ، މަލާކް، ލީރާ
  •  ސިޑިބަރި ޕިކްސް – މުބާރާތުގައި ތަފާތު ދައްކާނެ ކަމަށް ފެންނަ ކުޅުންތެރިން: އިސްރާއު، އީހައު، ޒާޝާ

މާދަމާ ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅުމަށް ފަހު އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ. ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ. މުބާރާތުގެ މެޗުތައް “ސްޕޯޓްސްކާސްޓް އިންޑިއާ”ގެ ޔޫޓިއުބް ޗެނަލް އިން ވަގުތުން ބަލާލެވޭނެ އެވެ.

Leave a Comment