ސެމީ ފައިނަލްގެ ފަހު މެޗުގައި 2-0 އިން ރ. އަލިފުށި ބަލިކޮށް އައްޑޫ ސިޓީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ސަޕޯޓަރުން ވަދެ ގަލޮޅު ދަނޑު ފުރާލި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. އައްޑޫ ސިޓީން ޖެހި ދެ ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ.
އެގޮތުން ހާފު ފެށުނުތާ މާ ގިނައިރެއް ނުވެ ލީޑު ނެގީ ޝަމްވީލް ގާސިމް (ބޮންޑާ) ބޮލުން ކާމިޔާބުކުރި ގޯލުންނެވެ. އަދި ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ މި ހާފުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
އައްޑޫ ފައިނަލަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ގުރޫޕް ސްޓޭޖުގެ މެޗަކުން ވެސް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ އައްޑޫ އެވެ. އަދި އައްޑޫ ވަނީ ކުއާޓާގައި މާފުށި ބަލިކޮށްފަ އެވެ.
އަލިފުށި ގުރޫޕް ސްޓޭޖުގެ ދެ ބުރުގައި ވެސް ގުރޫޕްގެ އެއްވަނަ ހޯދި އިރު, ސެމީ އަށް ދަތުރު ކުރީ ފުވައްމުލައް ސިޓީ ކަޓުވާލައިފަ އެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރެވެ. އެ މެޗުގައި އައްޑޫ ސިޓީ ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ.