މާޒިޔާ ސްޕޯޓްް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗުގެ މަގާމަށް، ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާގައި ޓެކްނިކަލް މަސްއްކަތްތަކެއް ކުރި ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް, 52, ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު ލުއިސްމާ ކޯޗު ކޮށްދިނީ ލިތުއޭނިއާގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ ބީއީ 1 ޖޮނޯވާ އަށެވެ.

ހެޑް ކޯޗެއްގެ އިތުރުން ލުއިސްމާ ވަނީ 2011 އިން 2014 އަށް ބާސެލޯނާގެ އެކަޑަމީގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ހަމަ އެއާއެކު 2021 އިން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ވަނީ ރެއާލްގެ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ.

“އަހަންނަށް އެނގޭ ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިބީ މާޒިޔާގައި ކަން. އަހަރެން ވަރަށް ބޮޑު ޒިންމާ އަކާ މި ހަވާލުވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ ޓީމެއްގެ ޗެލެންޖު ނަގައި، އެ ކުޅުންތެރިން އިމްޕްރޫވްް ކުރަން. އަހަރެން އަބަދުވެސް ޝައުގުވެރިވާ އެއް ކަންތައް އެއީ ޒުވާން ކުޅުންތެރިންނާ އެކު މަސައްކަތް ކުރުން، އެކަން ވެސް ކުރެވޭނެ ކަމަށް މި ދެކެން،” ލުއިސްމާ ބުންޏެވެ.

ލުއިސްމާ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޭނާއަށް އެނގޭ ކަމަށާއި، އޭނާގެ އަމާޒަކީ މާޒިޔާގައި، މުޅި ރާއްޖޭގެ ފުޓްބޯޅައަށް ހެޔޮ ބަދަލެއް ގެނެވޭ ވަރުގެ މަސައްކަތެއް ކުރުން ކަމަށެވެ.

މަގުބޫލު ކޯޗުން ކަމަށްވާ ޕެޕް ގާޑިއޯލާ އާއި އުނެއި އެމެރީ އަދި މައުރީސިއޯ ޕޮޗެޓީނޯ ފަދަ ކޯޗުންނާ އެކު ޔޫއެފާ ޕްރޯ ލައިސެންސް ހާސިލް ކުރި ލުއިސްމާ ވަނީ ސްޕެއިންގެ ކްލަބްތަކުގެ އިތުރުން، ކުވައިތުގެ ޕްރިމިއާ ލީގުގެ ކްލަބް އަލް ޔަރުމޫކް އާއި ދެކުނު ކޮރެއާގެ ކޭ ލީގުގެ ކްލަބް ޑީގޫގެ ރިޒާވް ޓީމަށް ކޯޗު ކޮށްދީފަ އެވެ.

ޑީގޫގެ ރިޒާވް ޓީމުގައި މަސައްކަތް ކުރި ދުވަސްވަރު 2018 އިން 2020 އަށް އޭނާ ވަނީ އެ ކްލަބްގެ ސީނިއާ ޓީމުގެ ޓެކްނިކަލް އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އެއަށް ފަހު 2021 އިން 2023 އަށް އުޒްބެކިސްތާންގެ ޕްރޯ ލީގުގެ ކްލަބް، މެޓަލާގް އަށް ކޯޗު ކޮށްދިނެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާޒިޔާއިން އަންނަ ސީޒަނަށް ލުއިސްމާ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖެއްސި އިރު، އެފްއޭއެމުން އަންނަނީ އަންނަ މަހުގެ 14 ގައި ސީޒަން ފަށަން ތައްޔާރުވަމުންނެވެ.

 

Leave a Comment