އިންޓަ އޮފީސް ކުންފުނިތަކުގެ ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސްޓެލްކޯއިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދައިފި އެވެ.
13 ޓީމް ވާދަކުރި ފިރިހެން ބައިގެ ޗެމްޕިއަންކަން ސްޓެލްކޯ އިން ހޯދީ ފައިނަލުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) 2-0 އިން ބަލިކޮށްގެންނެވެ.
ފައިނަލުގެ ފުރަތަމަ ޑަބަލްސް 9-2 ފްރޭމްއިން ނަތީޖާއަކުން ސްޓެލްކޯ އިން ކާމިޔާބުކުރިއިރު، ދެވަނަ ޑަބަލްސް އެޓީމުން ކާމިޔާބުކުރީ 9-5 ފްރޭމުންނެވެ. ދެ ޓައި ކާމިޔާބުކުރެވުމާއިއެކު ތިން ވަނަ ޓައި ނުނިމެނީސް އެޓީމަށް މެޗު ލިބުނީ އެވެ.
މުބާރާތުގެ އަންހެން ބައިގައި ފަސް ޓީމް ވާދަކުރިއިރު، ފައިނަލުން ފުރުސަތު ލިބުނީ ބެންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. މި މެޗު ބީއެމްއެލްއިން ކާމިޔާބުކުރީ 2-1 އިންނެވެ.
ފައިނަލްގެ ފުރަތަމަ ސިންގަލްސް ބީއެމްއެލްއިން 6-1 ފްރޭމުން ކާމިޔާބުކުރިއިރު، އެސްޓީއޯ އިން ވަނީ ދެވަނަ ޓައި 6-0 ފްރާމްއިން ކާމިޔާބުކޮށްފަ އެވެ. ފޯރިގަދަ ފަހު ސިންގަލްސް ބީއެމްއެލްއިން ކާމިޔާބުކުރީ 6-3 ފްރޭމުންނެވެ.
އިންޓަ އޮފީސް/ކުންފުނިތަކުގެ ބިލިއާޑް މުބާރާތުގެ ފިރިހެން ދެވަނަ އެމްއައިބީއިން ހޯދިއިރު، ތިންވަނަ ހޯދީ އެމްއެންޑީއެފް އެވެ. އަންހެން ބައިގެ ދެވަނަ އެސްޓީއޯ ހޯދިއިރު، ތިންވަނަ ހޯދީ ކަސްޓަމްސް އެވެ.
މުބާރާތުގެ ސިންގަލްސް ބަޔަށް ބަލާއިރު، ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ ހަސަން ޝާޒް މުޙައްމަދު އެވެ. ދެވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެމްއެންޑީއެފްގެ ހުސައިން ސާޖިދުﷲ ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އެވެ.